04 Dec 2012, 14:48
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ފޮނުވާފައި ވަނީ ގާނޫނު އަސާސީން ދިވެހިރައްޔިތުންނަށް ދައުލަތުން ދޭން ޖެހޭ އަސާސީ ހައްގުތަކަށް ބެލުމެއް ނެތި ކަމަށް އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީ އެގޮތަށް ބުނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީގެ ކޮމެޓީއަށް އެންވަޔަރަމަންޓް މިނިސްޓްރީގެ އިސްބޭފުޅުން ހާޒިރު ކުރުމުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކަރެޓަރީ އަހުމަދު ސަލީމް ވިދާޅުވީ ހަ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ބަޖެޓްގައި ޖެހުމަށް ހުށަހެޅުމުން ފިނޭންސް މިނިސްޓްރީން ބަޖެޓްގައި ޖަހާފައި ވަނީ އެންމެ މަޝްރޫއެއް ކަމަށެވެ. އަދި 10 ރަށެއްގެ ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމް ކުރުމަށް ހުށަހެޅުމުން ބަޖެޓްގައި ޖަހާފައި ވަނީ އެންމެ ރަށެއްގެ މަޝްރޫއު ކަމަށެވެ.
ރާއްޖޭގެ ތަރައްގީއަށް ޓަކައި އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓްރީން ފިނޭންސަށް ހުށަހެޅި 15 މަޝްރޫއު ބަޖެޓްގައި ނުހިމަނައި އުނިކޮށްފައި ވުމުން، ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް ޝަކުވާ ދެންނެވި ކަމަށް ސަލީމް ވިދާޅުވި އެވެ. މިނިސްޓަރު ޖަވާބުދެއްވާފައި ވަނީ އެ މަޝްރޫއުތައް ބަޖެޓްގައި ހިމެނޭނީ މަޖިލީހުގެ ތެރެއިން މެންބަރުން ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން ކަމަށެވެ.
ކޮމެޓީގައި ތިއްބެވި މެންބަރުންނަށް މުހާތަބު ކުރައްވަމުން ސަލީމް ވިދާޅުވީ އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބަޖެޓްގައި ހިމަނައިދެއްވުމަށް މިނިސްޓްރީން އެދޭ ކަމަށާއި ގާނޫނު އަސާސީން ކަނޑައަޅާފައިވާ އަސާސީ ހައްގު ލިބޭނީ އޭރުން ކަމަށެވެ.
ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާ ގާއިމްކޮށްދިނުމަކީ ގާނޫނު އަސާސީން ދައުލަތުގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށްވާ އިރު، ބަޖެޓްގައި އެފަދަ ކަންތައްތަކަށް އިސްކަންދީފައި ނެތުމަކީ ކަންބޮޑުވާންޖެހޭނެ ކަމެއް ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މީގެ ކުރިން ވެސް މަޖިލީހަށް ބަޖެޓް ހުށަހަޅާއިރު އެފަދަ އަސާސީ ހައްގުތަކަށް ސަރުކާރުން އިސްކަންދީފައި ނުވާ ކަމަށެވެ.
އެގޮތުން ހަތަރު ރަށަކަށް ބޯފެނުގެ ނިޒާމް ގާއިމްކޮށްދީފައިވާ އިރު، ދައުލަތުން ހަރަދުކޮށްގެން ހަދާފައި ވަނީ އޭގެ ތެރެއިން އެންމެ މަޝްރޫއެއް ކަމަށެވެ. އަދި ބޭރު ގައުމުތަކުގެ އެހީގައި ރަށްތަކުގައި ގާއިމްކޮށްފައިވާ ނަރުދަމާގެ ތެރެއިން ސަރުކާރުން ހަރަދުކޮށްގެން ހަދާފައި ވަނީ އެންމެ ނަރުދަމާ ނިޒާމެއް ކަމަށް ސަލީމް ފާހަގަ ކުރެއްވި އެވެ. އަދި 121 ރަށެއްގައި ކުނިނައްތާލުގެ ނިޒާމް ގާއިމްކޮށްފައިވާ އިރު ސަރުކާރުން ހަރަދުކޮށްގެން ހިންގާފައިވަނީ އޭގެ އެންމެ ނިޒާމެއް ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ނަރުދަމާއާއި ފެނާއި ކުނި ނައްތާލުމުގެ ނިޒާމަށް އިސްކަންދީފައި ނުވާއިރު ރާއްޖޭގެ 60 ރަށަކުގެ ފެން ފަށަލައިގެ ފެނަކީ ސިއްހީގޮތުން ރައްކާތެރި ފެނެއް ނޫން ކަމަށާއި ރާއްޖޭގެ އާބާދީގެ 45 ޕަސެންޓް މީހުންނަކީ ނަރުދަމާގެ ނިޒާމަށް ބޭނުންވެފައިވާ މީހުން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ. އަދި 20 ރަށެއް ގިރުމުގެ ނަމަވެސް މިހާރު 13 ރަށެއްގައި ނަރުދަމާގެ ނިޒާމަށް މިހާރު ގާއިމްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކޮމެޓީގެ މެންބަރުންނަށް އިލްތިމާސް ދަންނަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ ދައުލަތުގެ ބަޖެޓްގައި ބައެއް ރަށްތަކުގެ މަގުތަކުގައި ތާރައެޅުމާއި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކެއް ހިމެނުމުގެ ބަދަލުގައި އަސާސީ ހައްގުތަކަށް އިސްކަންދީގެން ނަރުދަމާއާއި ބޯފުނުގެ ނިޒާމް ރައްޔިތުންނަށް ރަނގަޅުކޮށްދެން މަސައްކަތްކޮށްދެއްވަން ތިއްބެވީ މަޖިލީހުން މެންބަރުން ކަމަށެވެ. އަދި އެކަންތައްތަކަށް އިސްކަންދީގެން ބަޖެޓަށް ބަދަލު ގެނައުމުގެ އިހްތިޔާރާއި ބާރު ލިބިގެންވަނީ މެންބަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ 16.9 ބިލިއަން ރުފިޔާގެ ބަޖެޓްގައި އަތޮޅުތަކަށް 5.5 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ. ބަޖެޓްގައި ބޮޑެތި މަޝްރޫއުތަކަށް އިސްކަންދީފައި ވަނީ އާބާދީ ބޮޑެތި ރަށްތަކަށެވެ. ބަޖެޓްގައިވާ ގޮތުން އަންނަ އަހަރަށް ރާވާފައިވާ ޕީއެސްއައިޕީ ޕްރޮގްރާމްތަކުގެ ތެރެއިން 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ސީދާ އަތޮޅުތަކަށް ވަނީ އަމާޒުކޮށްފަ އެވެ. އެ ޕްރޮގްރާމްތަކުގެ ތެރޭގައި އާބާދީ މަދު ރަށްރަށުގެ މީހުން އާބާދީ ގިނަ ރަށްރަށަށް ބަދަލުކުރުމާއި ހާބަރުތަކާއި މަސްބަނދަރުތައް މަރާމާތު ކުރުމުގެ ޕްރޮގްރާމްތައް އަދި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ހިދުމަތްތައް ފުޅާކުރުން ހިމެނެ އެވެ.