އިދާރީ ގޮތުން ހިންގުމަށް ބައެއް ރަށްރަށް އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ރުހުން ހުރި ގޮތް ބެލުމަށް ނަގައި ރިފްރެމްޑްރަމްގައި ވޯޓުލެވޭނެ ފަރާތްތަކުގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފިއެވެ.


އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނުގައި ބުނަނީ، އެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ 4:00 ގެ ނިޔަލަށެވެ. އަދި މާދާމާގެ ހެނދުނު 9:00 އިން 11:00 އަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ޝަކުވާ ބަލައިގަންނަނާނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. އަދި ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު ކޮމިޝަނުގެ ރިސެޕްޝަނުންނާއި، އިންތިހާބު ބާއްވާ ހުރިހާ ރަށެއްގެ ރަށު އޮފީސްތަކުންނާއި އަތޮޅު އޮފީހުން ލިބެން ހުންނާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި އެ ފޯމު ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފައެވެ.


ސަންއެފްއެމުން ރޭ ގެނެސްދިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2010 ގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ރަށްވެހިވެފައިވާ ރަށް ނޫން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ އާދީއްތަ ދުވަހު ކަމަށް. އަދި އެ ރަޖިސްޓްރީގެ ކަންތައް ހަތަރު ދުވަހަށް ކުރިއަށްދާނެ ކަމަށް ވެސް ފުއާދު ވިދާޅުވި.


މި ރިފްރެންޑްރަމް ވޯޓުގައި، ރަށްވެހިވެފައިވާ ރަށް ނޫން ތަނެއްގައި ވޯޓުލާން ގަސްތުކުރާނަމަ، ވޯޓުލެވޭނީ ހަމައެކަނި އެ ރަށެއް ނިސްބަތްވާ އަތޮޅެއްގެ އަތޮޅުވެރިކަން ކުރާ ރަށުގައި ނުވަތަ މާލޭގައި އެކަންޏެވެ. އެއިން ތަނެއްގައި ވޯޓު ފޮށި ބަހައްޓާނީ، އެ ރަށަކަށް ނިސްބަތްވާ މަދުވެގެން 25 މީހުން ރަޖިސްޓަރީ ކުރުމުން ކަމަށް ކޮމިޝަނުން ބުނެއެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން މީހުން ދިރިއުޅޭ ރަށްތައް އިދާރީ ދާއިރާތަކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ގެޒެޓްކުރަންވަންޖެހިވަޑައިގަންނަވައެވެ. އަދި ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އެއް ރަށް އަނެއް ރަށާ ގުޅުވާލައިގެން އިދާރީ ދާއިރާތައް އުފެއްދެވޭނެއެވެ. ނަމަވެސް، އެއްކޮށްލާ ރަށްރަށުގެ ތެރެއިން ކޮންމެ ރަށަކުންވެސް އަޣުލަބިއްޔަތު ލިބުމުން ނޫނީ ރަށްތައް އިދާރީ ގޮތުން އެއް ރަށެއްގެ ގޮތުގައި ހިންގުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.


އެހެންކަމުން، ރާއްޖޭގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށް އިދާރީ ގޮތުން އެއްކޮށްލުމަށާއި، ބައެއް ސަރަޙައްދުތަކަށް ސިޓީގެ ދަރަޖަ ދިނުމަށް ސަރުކާރުން ބޭނުންވާތީ، އެކަމާއި ގުޅިގެން ރައްޔިތުންގެ ރުހުން ހުރި ގޮތް ބެލުމަށްޓަކައި ބާއްވާ ރިފެރަންޑްރަމް އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ ވޯޓު ނެގުމަށް ހަމަޖައްސާފައިވާ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓްގެ ތެރޭގައިކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.