އަންހެނުން ނަށް ހާއްސަ ކޮށްގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ބާއްވާ ވިމަންސް ފުޓްބޯލް ޗެމްޕިއަންޝިޕް 2012ގެ ގުރުއަތުލުން އިއްޔެ މެންދުރު ފަހު ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް ހައުސްގައި ބާއްވައިފި އެވެ.

ޖުމުލަ ފަސް ޓީމަކުން ވާދަކުރާ މި މުބާރާތުގައި ބައިވެރިވެފައި ވަނީ ލ. ގަމު ތުނޑީ ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓާ) އާއި އިސްކަންދަރު ސްކޫލްގެ ޕީޓީއޭގެ ފަރާތުން ބައިވެރިވި އިސްކަންދަރު ޓީމާއި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (އެމްބީސީ)ގެ ޓީމާއި ސަން ހޮޓެލްސް އެންޑް ރިޒޯޓްސް (އެސްއެޗްއާރު)ގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޓީމެކެވެ.

އެ މެޗުތައް ކުޅުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 15 އިން 30ގެ ނިޔަލަށެވެ. ފުރަތަމަ މެޗު އޮންނާނީ މި މަހު 15 ވަނަ ދުވަހު ހަވީރު ހެންވޭރު ދަނޑުގަ އެވެ. ބައްދަލު ކުރާނީ އިސްކަންދަރު ޓީމާއި އެލް ސްޓާ އެވެ.

އެފްއޭއެމް އިން ސަން އަށް މައުލޫމާތު ދިން ގޮތުގައި މި މުބާރާތުގެ މެޗުތައް ކުޅުމަށް ކުރިން ހަމަޖައްސާފައި އޮތީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ. އެހެން ނަމަވެސް ގަލޮޅު ދަނޑު މަރާމާތު ކުރާ ދުވަސްވަރާއި މުބާރާތް ބާއްވާ ދުވަސްވަރު ދިމާވާތީ މިހާރު މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހެންވޭރު ބޯޅަ ދަނޑުގަ އެވެ.