ދ. އަތޮޅު ކައުންސިލްގެ މެންބަރު އިސްމާއިލް ސައީދަކީ ގާނޫނީ ގޮތުން ކައުންސިލަށް އިންތިޚާބުވެފައިވާ މެންބަރެއް ނޫންކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިއްޖެ އެވެ.

އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ ދ. ކުޑަހުވަދޫ ބޯގަންވިލާ ޝާތިރު އަބްދުއްރަހުމާން ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނަނީ ޚިޔާނާތުގެކުށް އިސްމާއިލްގެ މައްޗަށް ސާބިތުވުމާ ގުޅިގެން އޭނާ އެއް އަހަރަށް އަރުވާލަން ކުރީގެ ފުލުސް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ އަކީ ކައުންސިލަރު ކަމަށް ކުރިމަތިލެއްވި އިރު ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގައި ކައުންސިލަރު ކަމަށް ކުރިމަތި ލުމަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަ ނުވާ ބޭފުޅެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.

އިސްމާއިލަކީ ކުޑަހުވަދޫ ދާއިރާ ތަމްސީލު ކުރައްވާ އަތޮޅު ކައުންސިލް މެންބަރެވެ. އޭނާ ކައުންސިލަރު ކަމަށް އިންތިޚާބުވެފައި ވަނީ އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރައްވައިގެން ނެވެ.