ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރުކަން ކުރެއްވި، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިތާ ދެ މަސްފާއިތުވެފައިވާއިރު އަފްރާޝީމްގެ މަރާ ގުޅިފައިވާ ބައެއް ހަގީގަތްތައް ހާމަކުރުމަށް ފުލުހުން ޕްރެސްކޮންފަރެންސެއް ބާއްވަން މިއަދު ޝެޑިއުލްކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި އެމްއެމްއެސްއެއްގައި ބުނެފައިވަނީ އަފްރާޝީމްގެ މަރާގުޅޭގޮތުން ބާއްވާ ޕްރެސްކޮންފަރެންސެއް މިއަދު ހަވީރު 4:00 ޖަހާއިރު އިސްކަންދަރު ބިލްޑިންގުގައި އޮންނާނެ ކަމަށެވެ. އަދި އެ ޕްރެސް ޓީވީއެމްއިން ލައިވް ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އެ ނޫސްކޮންފަރެންސްގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއްނުވެ އެވެ.

އަފްރާޝީމްގެ މަރާގުޅިގެން ގިނަ ދުވަސްތަކަކަށް ފަހު މިއަދު ބާއްވާ ޕްރެސްކޮންފަރެސް ދެއްވާނީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ފުލުހުންގެ އިސް ޓީމަކުންކަން ވަނީ އެނގިފަ އެވެ. އަދި އެ ޕްރެސްގައި އަފްރާޝީމްގެ މަރާގުޅޭ ގޮތުން ފުލުހުން އާންމުނުކޮށް ހުރި ގިނަ މައުލޫމާތުތަކެއް ހާމަކުރާނެކަންވެސް ވަނީ އެނގިފަ އެވެ. އަފްރާޝީމްގެ މަރާ ގުޅުންހުރި މައުލޫމާތުތައް ހާމަކުރުން ލަސްވެގެން ފުލުހުންނަށް ވަނީ އެކި ފާޑުކިއުންތައް އަމާޒުވެފަ އެވެ.

އެ ތަހުގީގު ފުލުހުން ކުރަމުން އަންނަނީ އެމެރިކާގެ އެފްބީއައިގެ އެހީތެރިކަންވެސް ލިބިގެންނެވެ. އެންމެ ފަހުން ފުލުހުން އާންމުކުރި މައުލޫމާތުތަކުން އެނގޭގޮތުގައި މިހާތަނަށް ހަތަރު މީހަކު ވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފަ އެވެ. އަދި އިއްޔެ ހައްޔަރު ކުރި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކުގެ ދަބިދަރިފުޅު އަބްދުﷲ ޖާވިދު (ޖާ)ވެސް ހައްޔަރުކޮށްފައިވަނީ އެ މައްސަލައިގައިކަން ސަން އޮންލައިންއަށް ވަނީ ޔަގީންވެފަ އެވެ. އެއާ އެކު އެ އަދަދު ފަހަކަށް އަރާނެ އެވެ. މިހާތަނަށް އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއްނުވެ އެވެ.