04 Dec 2012, 13:42
ސްރީލަންކާގައި ހިންގާ ނޫސްވެރިކަމާ ބެހޭ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ރާއްޖޭގައި ނޫސްވެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށާއި ނޫސްވެރިންނަށް ފަހިކޮށްދޭނެ ކަމަށް ލަންކާގެ ޕްރެސް ކައުންސިލުން ބުނެފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.
މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތަޖުރިބާ ހޯދުމަށް އެ ކައުންސިލްގެ މެންބަރުން ސްރީލައްކާ އަށް ކުރަމުން ގެންދާ ދަތުރުގައި ލަންކާގެ ޕްރެސް ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލްގެ ޗެއާމަން ޑަބްލިޔު ޑަޔާރަތުނަ ދެއްކެވި ވާހަކާގައި ރާއްޖޭގެ ނޫސްވެރިން ތަމްރީން ކުރުމަށް ލަންކާ އިން ރާއްޖެ އަށް ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށާއި އެ ކައުންސިލްގެ މެމްބަރު އަދި ތަޖުރިބާކާރު ޕްރޮފެސާ އަރިޔަރަތުންގެ އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ރާއްޖެ އަށް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި ކަމަށެވެ.
މީގެއިތުރުން ލަންކާ ޕްރެސް ކައުންސިލުން މިހާރު ހިންގަމުން ގެންދާ ބައެއް ކޯސްތަކުން ދިވެހި ނޫސްވެރިންނަށް ލިބިދާނެ ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ. އަދި ލަންލާގެ ޕްރެސް ކައުންސިލާ ބެހޭ މައުލޫމާތު ރާއްޖޭގެ މީޑިއާ ކައުންސިލާ ހިއްސާ ކުރި ކަމަށެވެ.
މީގެ އިތުރުން މީޑިއާ ކައުންސިލުން ވަނީ ލަންކާގެ މީޑިއާ ކޮންޕްލެއިންޓްސް ކޮމިޝަންގެ ސީއީއޯ ވިލިއަމް ސުކުމާރު އާ ވެސް ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ވިލިއަމް ކުމާރު ވެސް ވަނީ ރާއްޖެ އަށް އެހީތެރިކަންވާން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، އެ ގައުމުގެ މީޑިއާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ވެސް ހިއްސާކޮށްފަ އެވެ.