04 Dec 2012, 13:39
އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް، އޮސްކާ ފާނާންޑޭޒް-ޓެރެންކޯ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އިއްޔެ މެންދުރު ފަހު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި އިގުތިސާދީ ހާލަތާ ބެހޭ ގޮތުން ރައީސް އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލަށް މައުލޫމާތު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ވަރަށް އޮމާންކަމާ އެކީގައި ކުރިއަށްދާނެ ކަމަށް ޔަގީންކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، އދ.ގެ އަބަދުވެސް އަމާޒަކީ ކޮންމެ ގައުމެއްގައި ވެސް ޑިމޮކްރަސީ ހަރުދަނާކުރުންކަން ފާހަގަކުރެއްވި އެވެ. އަދި އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިޔުމަށް ޓަކައި އެ ޖަމްއިއްޔާ އިން ވެދެއްވެން އޮތް އެހީތެރިކަމެއް ފޯރުއްވައި ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.