ސިޔާސީ ޕާޓީއެއްގެ ޓިކެޓްގަައި ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށް އިންތިޚާބުވާ މެންބަރުން ޕާޓީ ބަދަލުކުރިއަސް އެމީހެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ގާނޫނީ ވަކީލް ޝަހީމް އަހުމަދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނަނީ ކައުންސިލަރު ކަމަށް އިންތިޚާބުވާއިރު އެމީހަކު ހުރި ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވި ނަމަވެސް ނުވަތަ އެ ޕާޓީއަކުން އެމީހަކު ވަކިކުރުމުން ކައުންސިލަރު ކަމުން ވަކިވާގޮތަށް އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި ޚިލާފު އިސްލާހެއް ކަމަށެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކްކޮށްފައިވާއިރު ހއ. ފިއްލަދޫ ކައުންސިލްގެ ޑީއާރްޕީ މެންބަރަކު އެމްޑީޕީއަށް ސޮއިކުރުމުން އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި އެ ކައުންސިލްގެ ބައި އިލެކްޝަން ވެސް މިއަހަރުގެ ކުރީކޮޅު ވަނީ ބާއްވާފަ އެވެ.

"ގާނޫނު ނަންބަރު 2011/2 އިން ގާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 119 ވަނަ މާއްދާއަށް އިތުރު ކުރެވުނު (ބ) ގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލައި އިންތިޚާބުވި އިރު ޕާޓީން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކުރުމަކީ ކައުންސިލްގެ މެންބަރުން މަގާމުން ވަކިވާ ސަބަބެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ އޮތުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި ޚިލާފުވާކަމުން މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތު ފަނޑިޔާރުން އިއްތިފާގު ވެވުނު ހިނދު ގާނޫނު ނަންބަރު 2011/2 އިން ގާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 119 ވަނަ މާއްދާއަށް އިތުރު ކުރެވުނު އެމާއްދާގެ (ބ) ބާތިލް ކަމަށް ކަނޑައަޅައިފީމެވެ،" ސުޕްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.

އެ މައްސަލައިގެ ތެރެއަށް ސ. ހިތަދޫ ލާމިގޭ މޫސާ އަންވަރު ތަދައްހުލްވެފައި ވެއެވެ.