04 Dec 2012, 13:22
ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމަށް ނަގާ ވޯޓު ސިއްރުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން އިއްޔެ ފާސްކޮށްފައިވާ އިރު އެކަމަށް ޑީއާރުޕީން އެއްކޮޅަށް ވޯޓު ދީފައިވާތީ އެކަމާ ނުރުހުން ފާޅުކޮށް އެ ރަށުގައި ތިބި ޑީއާރުޕީގެ މެމްބަރުން ނިކުމެ އެ އެ ޕާޓީގެ ވެލިދޫ ގޮފި އުވާލައި ޑީއާރުޕީގެ އޮފީސްވެސް ބަންދުކޮށްފި އެވެ.
ޑީއާރުޕީ ހިންގާ ކޮމެޓީގެ ކުރީގެ މެމްބަރު އަބްދުލް ލަތީފް އައްބާސް މިއަދު ސަން އޮންލައިނަށް އަށް ވިދާޅުވީ މަޖިލީހުގައި ވޯޓު ނެގުމުގެ ކުރިން ޑީއާރުޕީގެ އިސްބޭފުޅުންނާއި ގުޅުމަށް އެރަށުގައި ތިބި ޑީއާރުޕީގެ އިސްފަރާތްތަކުން މަސައްކަތް ކުރި ކަމަށާއި އަދި ނުގުޅުމުން އެސްއެމްއެސް މެދުވެރިކޮށް އެގޮތަށް ވޯޓު ނުދިނުމަށް މަޖިލީހުގައި ތިއްބެވި ޑީއާރުޕީގެ މެންބަރުންނަށް އިންޒާރުކޮށްފައިވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ޝުއޫރުތަކަށް ބެލުމެއް ނެތި ޑީއާރުޕީގެ މަޖިލިސް މެންބަރުން އަމަލުކުރެއްވުމުން ރަށުގައި ތިބި ޑީއާރުޕީގެ ހުރިހާ މެންބަރުންވެސް އަލަށް އުފައްދަން މަސައްކަތްކުރާ ޕާޓިއެއް ކަމަށްވާ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާ ގުޅިފައިވާ ކަމަށެވެ.
"މެމްބަރުންގެ ވިންދާ ޚިލާފަށް ޕާޓީން ވޯޓުދިނީ. ވޯޓު ނަގަން އޮތް ދުވަހު މެމްބަރުންނަށް ގުޅާ ގުޅާ ފޯނުވެސް ނުނެގި. މިރަށުގައި ތިބި ޑީއާރުޕީގެ ހުރިހާ މެމްބަރުން ރޭގައި ވަނީ އަލަށް އުފައްދާ އެމް.ޑީ.އޭ އާ ގުޅިފައި. ދެން ޑީއާރުޕީ އޮފީހެއް މިރަށަކު ނުހުންނާނެ،" ލަތީފް ވިދާޅުވި އެވެ.
ޑީއާރުޕީގެ މެންބަރުން ވޯޓުދިން ގޮތާ ހިތްހަމަ ނުޖެހި ވެލިދޫ ޑީއާރުޕީ ގޮފި އުވާލީއިރު ތުލުސްދޫ ގައި ތިބި ޑީއާރުޕީ މީހުން ރޭވަނީ އެ ރަށު ފާލަން ކައިރީގައި ނަގާފައިހުރި ޕާޓީގެ ޒަމާންވީ މައި ބޮޑުދިދަ ތިރިކުރުމަށް ފަހު އެ ދިދަ ނަގާފައި ހުރި ދަނޑިވެސް އެއްލާލައިފަ އެވެ.