ޖީއެމްއާރު އެގްރިމަންޓާ ގުޅޭ ގޮތުން ދިވެހި ސަރުކާރަށް ލަފާދީފައިވާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން އެ މަސައްކަތުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭތީ އެ ޖަމާއަތުގެ ކިބައިން ބަދަލު ހޯދުމަށް ކުރަން ޖެހޭ ގާނޫނީ މަސައްކަތްތައް ކުރުމަށް އެޓާނީޖެނެރަލްގެ އޮފީހުން ރައީސްއަށް ލަފާއަރުއްވައިފި އެވެ.

އައިއެފްސީއަކީ ވޯލްޑް ބޭންކްގެ ގޮތްޕެކެވެ.

ޖީއެމްއާރަށް އެއާޕޯޓް ދިނުމަށް ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން ކެބިނެޓްގެ ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ބުނެފައި ވަނީ ޖީއެމްއާރާ އެކު ކުރެވުނު އެގްރިމަންޓާ ގުޅޭ ގޮތުން ދޭންޖެހޭ ހުރިހާ ލަފާތަކެއް ސަރުކާރަށް ދީފައި ވަނީ އައިއެފްސީން ކަމަށާއި ނަމަވެސް އެ ބިޑާ ގުޅޭ ގޮތުން ކެބިނެޓުންނާއި އިވެލުއޭޝަން ކޮމެޓީން ފާހަގަ ކުރި މައްސަލަތަކަށް އެ ޖަމާއަތުން ރަނގަޅަށް ދިރާސާކޮށް ސަރުކާރަށް ލަފާދީފައި ނުވާ ކަމަށެވެ.

އެގޮތުން އެމްއޭސީއެލް އަށް ލިބޭނެ އާމްދަނީ އެސެސްކޮށްފައިވާ އިރު ދައުލަތުން ދޫކޮށްލާ އާމްދަނީގެ އަންދާޒާއެއް ހަދާފައި ނުވާ ކަމަށްވެސް ރިޕޯޓްގައިވަނީ ފާހަގަކޮށްފަ އެވެ. އަދި މުޅި އެގްރިމަންޓުން ޖީއެމްއާރަށް ލިބޭނެ އާމްދަނީ އާއި ފައިދާ ދެނެގަންނަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި އަދި އެއްބަސްވުމުގެ ދަށުން ޖީއެމްއާރާ ހަވާލުކުރާ ދައުލަތުގެ ރައުސްމާލު ވެސް ހިސާބުކޮށް އަގުކުރެވިފައި ނުވާ މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ރިޕޯޓްގައި ބުނެފައި ވަނީ އެ ސަބަބުތަކާއި ހުރެ މިހާރުގެ ހާލަތަށް ބަލާ އިރު އެ ޖަމްއިއްޔާގެ ޒިންމާތަކެއް މި މައްސަލައިގައި ހިމެނޭ ކަމަށާއި އަދި އެކަމުގެ ދިވެހި ސަރުކާރަށް ގާނޫނީ ހައްގުތަކެއް ލިބިގެންވާ ކަމަށެވެ.

"އައިއެފްސީގެ މަސައްކަތާ ބެހޭ ގޮތުން ޖުމްލަ ގޮތެއްގައި ފާހަގަކުރެވެނީ، އައިއެފްސީން ދިވެހި ސަރުކާރަށް ދީފައިވާ ލަފަޔާ މެދު އެ ފަރާތުން އިހުމާލުވެފައިވާ ކަމެވެ. އަދި ވުމާ އެކު، މިހާރުގެ ހާލަތަށް އެޖަމްއިއްޔާގެ ޒަިންމާތަކެއްވާކަމާއި ދިވެހި ސަރުކާރަށް ގާނޫނީ ހައްގުތަކެއް ވާކަމަށް ފާހަގަކުރެވެ އެވެ. އަދި މި ގެއްލުމާ ބެހޭގޮތުން ދިވެހިސަރުކާރުން އައިއެފްސީގެ ކިބައިން ބަދަލުހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްފެނެ އެވެ،" ރިޕޯޓްގައިވެ އެވެ.

އައިއެފްސީގެ ފަރާތުން ބިޑިން ޕްރޮސެސްގެ ތެރޭގައި ހަރަކާތްތެރިވެ ސަރުކާރަށް ލަފާދީފައި ވަނީ މިސްޓަ ރަމަތައު މަގާގީ އަދި މިސްނޭހާ މެހްރާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ޖީއެމްއާރަށް ބިޑް ހަވާލުކުރުމުގައި އައިއެފްސީން ދިން ގާނޫނީ އަދި މާލީ ލަފާތައް ވެސް ވަނީ ތަފްސީލްކޮށް ރިޕޯޓްގައި ހިމަނައިފަ އެވެ.

އެގޮތުން އެއްބަސްވުމުގެ ޑްރާފްޓް ތައްޔާރު ކުރީ އައިއެފްސީންނެވެ. އަދި އެއްބަސްވުމުގެ ދަށުން އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއުތައް ވެސް އެކުލަވާލާފައި ވަނީ އައިއެފްސީން ލަފާދިން ގޮތަށެވެ. ކޮންސެޝަން އެއްބަސްވުމާ ގުޅޭގޮތުން އައިއެފްސީން ސަރުކާރަށް ދީފައިވާ ލަފާގައި ވެސް ބުނެފައި ވަނީ އެއްވެސް ގާނޫނޫ މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އޭގެން އެއްވެސް ލަފަޔަކާއި އަދި މަސައްކަތާއި ގުޅޭ ގޮތުން ވެސް އެ ޖަމާއަތުން ރަސްމީ ރިޕޯޓެއް އެކުލަވާލާފައި ނުވާކަމަށް ރިޕޯޓްގައިވެ އެވެ.

އައިއެފްސީއާ ގުޅޭ ގޮތުން ރިޕޯޓްގައި ފެންމަތިކޮށްފައި ހުރި އެހެން މައްސަލަތަކުގެ ތެރޭގައި އެއާޕޯޓް ޕްރައިވެޓައިޒް ކުރުމުގެ ކަންތައް ކުރިއަށް ގެންދިޔައިރު "ކޮންސެޝަން މޮޑިއުލް" ފިޔަވައި އެހެން ދެ މޮޑިއުލްއެއް އައިއެފްސީން ސަރުކާރަށް ހުށަހެޅިކަން އެނގެން އޮވެ އެވެ. ނަމަވެސް އައިއެފްސީން ދެން ހުށަހެޅީ ކޮން މޮޑެލްތަކެއް ކަން ފެންނަން ނެތް ކަމަށް ވެސް ރިޕޯޓްގައިވަނީ ފާހަގަކޮށްފަ އެވެ.

އަދި އައިއެފްސީ ހާޒިރުވެގެން ކުރިއަށް ގެންދިޔަ ބިޑިން ޕްރޮސެސްގައި ޓެކްނިކަލް އިވެލުއޭޝަންއިން ޖީއެމްއާރުން ފުރަތަމަ ބުރުން ވެސް ފެއިލްވީ ކަމަށާއި ނަމަވެސް ފަހުން މަޝްވަރާކުރުމަށް ފަހު ކޮމެޓީގައި ވޯޓެއް ނަގައިގެން ޖީއެމްއާރު ފާސްކުރީ ކަމަށް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

ބިޑް ޑޮކިއުމަންޓްގެ ތެރޭގައި ޕްރޮޖެކްޓްގެ ޑްރާފްޓް އެގްރިމަންޓް ހިމަނާފައިވާ ކަމަށާއި އޭގެ ތެރޭގައި ކޮންސެޝަންފީގެ 25 ޑޮލަރު ނެގުމާއި އެއާޕޯޓް ތަރައްގީގެ މާސްޓާ ޕްލޭން ވެސް ހިމެނިފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. ނަތީޖާއެއްގެ ގޮތުން އެއްބަސްވުމުގައި ހުރި ކަންކަމަކީ ސަރުކާރުން އެއްބަސްވެފައިވާ ކަންކަންކަމުގައި ބެލުމުގެ ޖާގަ އޮތް ކަމަށާއި އޭގެ ސަބަބުން އެއްބަސްވުމަށް އަމަލުކުރުމުގައި ސަރުކާރުގެ ހައްގުތަކެއް ކޮމްޕްރޮމައިސްވެފައިވާ ކަމަށްވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

"އައިއެފްސީން ދެއްވާފައިވާ ލަފާގައި މިފަދަ ބޮޑެތި އިހުމާލުތަކެއްވާކަމާއި، އަދި މިކަމުގެ ސަބަބުން ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން. މަތީގައިވާ ސަބަބުތަކަށްޓަކައި މިކަމާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅަން ޖެހޭކަން،" ރިޕޯޓްގައިވެ އެވެ.

ސަރުކާރުން އެކުލަވާލި ރިޕޯޓް އެކުލަވާލުމުގައި އައިއެފްސީގެ ފަރާތުން މައުލޫމާތު ހޯދާފައިވެ އެވެ. އަދި ސީދާ އައިއެފްސީގެ ފަރާތުން ރާއްޖެއަށް ތިން ފަހަރެއްގެ މަތިން ދަތުރުކޮށް ސަރުކާރުން އެކުލަވާލި ރިޕޯޓަށް މައުލޫމާތު ހިއްސާކޮށްފައި ކަމަށްވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.