ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ދެ ބޭފުޅުން ވޯޓު ދެއްވީ ޑީއާރްޕީގެ ނައިބު ލީޑަރު އުމަރު ނަސީރާ މެދު ފިޔަވަޅު ނޭޅުއްވުމަށް ކަމަށް ޑީއާރްޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.


ފަސް ގަޑިއިރެއްހާއިރަށް ދިގުދެމިގެން ދިޔަ ޑީއާރްޕީގެ ކައުންސިލް ބައްދަލުވުމަށް ފަހު، އުމަރު ނަސީރާއި އިލްހާމް އަހްމަދާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ، އުމަރު ނަސީރުގެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީއަށް ފޮނުވުމަށް 16 މެމްބަރުން ވޯޓުދެއްވި އިރު، އެކަމާ ދެކޮޅަށް 11 މެމްބަރަކު ވޯޓު ދެއްވި ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ވޯޓު ދެއްވި ބޭފުޅުންގެ ތެރޭގައި ރައީސް މައުމޫންގެ ދަރިކަލުން ކަމުގައިވާ ގައްސާން މައުމޫނާއި ދުންޔާ މައުމޫން ހިމެނިވަޑައިގަންނަވާ ކަން މަހްލޫފް ފާހަގަކުރެއްވި އެވެ. އަދި އެކަމާ ވަރަށް އުފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ޕްރެސް ކޮންފަރެންސްގައި މަހްލޫފާއި އުމަރާއި އަދި އިލްހާމް ވެސް ވިދާޅުވީ، މާދަމާ ރޭ މުޒާހަރާ އޮންނާނެ ކަމަށެވެ. އަދި އެ މުޒާހަރާގައި ގައްސާނުމެން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.


އަދި މާދަމާ ރޭ މުޒާހަރާ ބާއްވާނެ ކަމަށް ވިދާޅުވެ، ޑީއާރުޕީގެ ދެ ނައިބު ލީޑަރުން ކަމުގައިވާ އުމަރު ނަސީރާއި އިލްހާމް އަހްމަދު ސޮއިކުރައްވައި ޑީއާރްޕީގެ ލެޓަހެޑްގައި ބަޔާނެއް ނެރުއްވާފައިވީ ނަމަވެސް، ތަސްމީން މިއަދު ވިދާޅުވީ އެއީ "ޑީއާރްޕީގެ މުޒާހަރާއެއް ނޫން" ކަމަށެވެ.


އަދި ޑީއާރްޕީގެ ރަސްމީ މުޒާހަރާއެއް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މުޒާހަރާ ބޭއްވުމަށް މަސައްކަތްކުރި މައްސަލާގައި ޑީއާރްޕީގެ ޑިސިޕްލިނަރީ ކޮމިޓީއަށް މައްސަލަ ބެލުމަށް މިހާރު ނަން ފޮނުވާފައިވާ އުމަރު ނަސީރު މިއަދު ވިދާޅުވީ، އިދިކޮޅު ޑީއާރުޕީން ކުރަން އުޅޭ ކަމަކީ އޭނާ އެ ޕާޓީން ވަކި ކޮށްލުން ކަމަށެވެ. އަދި އޭނާއާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ، ޑީއާރްޕީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ވެސް އުމަރު ވިދާޅުވަމުން ގެންދެވި އެވެ.