އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ޖީއެމްއާރާ ހަވާލުކުރުމުން އެއާޕޯޓުންދޭ ހިދުމަތްކުގެ އަގު 50 ޕަސެންޓް ބޮޑުވެފައިވާ ކަމަށާއި އެގޮތުން މުޅި މިސަރަހައްދުގައި ވެސް އެންމެ އަގުބޮޑުކޮށް ތެޔޮ ވިއްކަނީ ޖީއެމްއާރުން ކަމަށް ސަރުކާރުން ބުނެފި އެވެ.

ޖީއެމްއާރަށް އެއާޕޯޓް ދިނުމަށްކޮށްފައިވާ މުއާމަލާތާ ބެހޭ ގޮތުން ވަޒީރުންގެ ކޮމިޓީން ކޮށްފައިވާ މަސައްކަތުގެ ރިޕޯޓްގައި ބުނެފައި ވަނީ ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި އެއާޕޯޓްގެ ބައެއް ހިދުމަތްތަކުގެ އަގާއި ތެލުގެ އަގު ސަރުކާރަށް އެއްވެސް ކޮންޓްރޯލެއް ނޯންނަ ގޮތަށް ބޮޑު ކުރަމުން ގެންދިއުމުގެ ސަބަބުން އެއާލައިންތަކުން އެކަމާ ދެކޮޅަށް ޝަކުވާއުފުލައި ބައެއް އެއާލައިންތަކުން ދަތުރުކުރާ ރޫޓްތައް ބަދަލުކޮށްފައިވާ ކަމަށެވެ.

"ތެލުގެ އަގުބޮޑުވުމުގެ ސަބަބުން ސްރީލަންކާ އެއާލައިނުން ވެސް މީގެ ކުރިން ސީދާ މާލެއިން ލަންޑަނަށް ކުރަމުންއައި ދަތުރުތައް ކުރުންވަނީ ހުއްޓާލާފަ އެވެ. އަދި ތެލުގެ އަގުބޮޑުވުމުގެ ސަބަބުން ބްރިޓިޝް އެއާވޭސް އިން ސީދާ މާލެއިން ލަންޑަނަށް ކުރަމުން އައި ދަތުރުތައް 2013ގެ މާޗް މަހުން ފެށިގެން މާލެ-ކޮލަމްބޯ-ލަންޑަން އަށް ބަދަލުކުރުމަށް އެއެއާލައިނުން ވަނީ ނިންމާފަ އެވެ." އެރިޕޯޓްގައި ބުނެފައިވެ އެވެ.

އަދި އެ ރިޕޯޓްގައި ބުނެފައި ވަނީ ތެލުގެ އަގު ބޮޑުވުމުން ރާއްޖޭގެ ޑޮމެސްޓިކް އެއާލައިންތަކަށާއި ސީ ޕުލޭންތަކަށް އެކަމުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި މިވަގުތު ޖީއެމްއާރުން ވިއްކާ އިންޓަނޭޝަނަލް އެއާލައިންގެ ޖެޓް ފިއުލްގެ އަގަކީ 1.21 ޑޮލަރުކަމަށާއި އަދި ތެލުގެ އަގަކީ 0.82 ޑޮލަރު ކަމަށެވެ. އަދި އެ އަދަދަކީ ފައިދާވާ ވަރަށް ބަލާއިރު 42 ޕަސެންޓް އިތުރު އަދަދެއް ކަމަށާއި މުޅި މިސަރަހައްދުގައި ވެސް ތެޔޮ ވިއްކާ އެންމެ ބޮޑު އަގުކަމަށެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ ޓޫރިޒަމް ބޮޑަށް ބަރޯސާވެފައި ވަނީ ޔޫރަޕުން އަންނަ ޓޫރިސްޓުނަށް ވެފައިވާ އިރު އެ ޓޫރިސްޓުންނަކީ ޗާޓާ ފްލައިޓުން އަންނަ މީހުން ކަމަށްވުމުން ޕުރައިވައިޓައިޒް ކުރުމުގެ ސަބަބުން އެއާޕޯޓްގެ ހިދުމަތުގެ އަގުތަކަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާ ގުޅިގެން ޔޫރަޕުން ރާއްޖެ އަންނަ އެފަދަ ލޯ ކޮސްޓް ފުލައިޓްތަކުގެ އަދަދު ދަށްވަމުން އަންނަ ކަމަށެވެ. އެގޮތުން 2010 ވަނަ އަހަރު ޔޫރަޕު ފުލައިޓްތަކުން ރާއްޖެ އަށް 517000 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު 2012 ވަނަ އަހަރު އެ އަދަދު ވަރަށް ބޮޑުތަން ދަށްވެ 382000 އަށް ވެއްޓިފައިވާ ކަމަށެވެ. އަދި ޔޫރަޕުން އަންނަ ފުލައިޓްތައް އައުން މަދުވުމާ ގުޅިގެން 2010 ވަނަ އަހަރުން 2012 ވަނަ އަހަރަށް ސީޓް ކެޕޭސިޓީ ވެސް 335054 އިން 249532 އަށް ދަށްވެފައިވާ ކަމަށް އެރިޕޯޓްގައި ބުނެފައިވެ އެވެ.

އަދި ބުނެފައި ވަނީ ޔޫރަޕުންގެ މާކެޓް ހީނަރުވެ ރާއްޖެ އަށް ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އޭޝިއާގެ ގައުމުތަކުން ކަމަށެވެ. ނަމަވެސް އޭޝިއާގެ ގައުމުތަކުން ރާއްޖެ އަންނަ ޓޫރިސްޓުން އެވްރެޗްކޮށް ރިސޯޓްތަކުގައި މަޑުކުރަނީ ހަތަރު ދުވަހަށްވާ އިރު ގިނަ ދުވަހު މަޑުކުރާ ޔޫރަޕުގެ ޓޫރިސްޓުން އަންނަލެއް ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި މަދުވުމުން ޓޫރިސްޓް ރިސޯޓްތަކަށް ލިބޭ އާމްދަނީ އަށް ބޮޑު އަސަރެއް ކުރަމުން އަންނަ ކަމަށެވެ.

ޖީއެމްއާރަކީ މި ސަރަހައްދުގައި ވެސް އެންމެ އަގު ބޮޑުކޮށް ތެޔޮ ވިއްކާ ކުންފުނި ކަމަށް ސަރުކާރުން ދައްކާ ވާހަކައަކީ ރަނގަޅު ވާހަކައެއްތޯ ބެލަން ޖީއެމްއާރުގެ ކޮމިއުނިކޭޝަންސް ހެޑަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވާތީ އެ ފަރާތުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.