ޒުވާނުންގެ މަރުކަޒު ގައި މިހާރު ކުރިއަށްދާ އަށްވަނަ ގައުމީ ބާސްކެޓްބޯޅަ ލީގު ގައި ރޭ ދިވެހި ސިފައިންގެ ކުލަބާއި ވާދަކޮށް 7 ޕޮއިންޓުގެ ތަފާތަކުން ޕޮލިސް ކުލަބް މެޗު ކާމިޔާބު ކޮށްފި އެވެ.

ރޭ ކުޅެވުނު ވާދަވެރި އަދި ފޯރިގަދަ މެޗުގައި ޕޮލިސް ކުލަބުން ވަނީ 82 ޕޮއިންޓު ހޯދާފަ އެވެ. ދިވެހި ސިފައިންގެ ކުލަބަށް ހޯދުނީ 75 ޕޮއިންޓެވެ. މި މެޗުގައި ދިވެހި ސިފައިންގެ ކުލަބަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ އެ ކުލަބަށް 20 ޕޮއިންޓު ހޯދައި ދިން މަމްސިލޯ ލާޓަން އެވެ. އަދި ޕޮލިސް ކުލަބަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ އެކުލަބަށް 32 ޕޮއިންޓު ހޯދައި ދިން އަދި މެޗުގެ މޮޅު ކުޅުންތެރިޔާ ގެ މަގާމުވެސް ހޯދި ބޯޔަން ޕޮޕޮވިޗް އެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި މިރޭ ކުޅެވޭ މެޗުގައި ތިން ރެފްރީން މެޗް އޮފިޝިއޭޓު ކުރާނެ އެވެ. މިއީ ރާއްޖޭގައި މިގޮތަށް ތިން ރެފްރީން ބާސްކެޓް ބޯލް އޮފިޝިއޭޓު ކުރާ ފުރަތަމަ ފަހަރު ކަމަށްވެ އެވެ. ގައުމީ ލީގުގައި މިރޭ ވާދަކުރާނީ ކުލަބު އީގަލްސް އާއި ހަރިކޭން ބާސްކެޓްބޯލް ކުލަބެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅޭ މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ނުވައެއް ޖަހާ އިރު އެވެ.