ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ދަނބި ދަރިފުޅު އަބްދުﷲ ޖާވިދު (ޖާ) ހައްޔަރުކޮށްފި އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެެއްގަ އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން މިއަދު އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވާ ކަން ސަން އަށް ވަނީ އެނގިފަ އެވެ.

އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހއ. ދިއްދޫ އޯޓަމްވާދީ އަލީ ހާޝިމް (ސްމިތް) ކުރީ ރޭ ވަނީ ދޫކޮށްލައިފަ އެވެ. ފުލުހުން އޭނާ ދޫކޮށްލާފައި ވަނީ ކޯޓުން ޖަހައިދިން ބަންދުގެ މުއްދަތު ހަމަވިފަހުން ކޯޓަށް ގެންދިޔުމެއް ނެތި އެވެ. އަދި އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި މަރިޔަމް ނާއިފާ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލާފަ އެވެ.

އަފްރާޝީމްގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ހަސަން ހުމާމް ވެސް ހިމެނެ އެވެ.

ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައި ވަނީ އަފްރާޝީމްގެ ގާތިލުން މިހާރު ހޯދިއްޖެ ކަމަށާއި ވަރަށް އަވަހަށް އެ މައުލޫމާތު ފުލުހުން ހާމަކުރާނެ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސުގައި ފުލުހުން ބުނެފައި ވަނީ ޑރ. އަފްރާސީމް އަވަހާރަކޮށްލާފައި ވަނީ ދުރާލައި ރާވައިގެން ކަމަށާއި އެއީ ވަރަށް ތަފާތު ބޮޑު ގޮތަކަށް ހިންގާފައިވާ އަމަލެއް ކަމަށެވެ.

އަފްރާޝިމް އަވަހާރަކޮށްލި މައްސަލަ ތަހުގީގު ކުރުމަށް 80 ވަރަކަށް ފުލުހުން މަސައްކަތް ކުރާ އިރު، އެ މައްސަލާއާ ގުޅިގެން އެއްކޮށްފައިވާ ފޮރެންސިކް ހެކިތައް ބެލުމުގައި އެފްބީއައި އާއި ސިންގަޕޫރު ފުލުހުންނާއި އެމެރިކާ ފުލުހުންގެ އެހީތެރިކަން ހޯދާފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރު ޑރ. އަފްރާޝިމް އަވަހާރަކޮށްލާފައި އޮއްވައި ފެނިފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގޭގެ ދޮރުމަތިންނެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ޝަރީއަތަށް ސާބިތުކޮށް ދެވޭ ވަރުގެ ހެކި ހުށަހަޅާ މީހަކަށް 500،000ރ. ދޭނެ ކަން ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. އަދި އެ މީހެއްގެ މައުލޫމާތު ސިއްރުކޮށްދޭނެ ކަމަށް ފުލުހުން ބުނެ އެވެ.