ރ. މަޑުއްވަރީގައި ދެ ލޮލަށް އަލްޓެކޯ ތެރެސް އެޅުމަށް ފަހު އެއްލާލާފައި އޮއްވައި ފެނުނު އަންހެން ކުއްޖާއާ ދިމާކޮށްލީ ގުރޫޕަކުން ކަމަށް އަންހެން ކުއްޖާގެ އާއިލާއިން ބުނެފި އެވެ.

އުމުރުން 17 އަހަރުގެ އަންހެން ކުއްޖާގެ ލޮލަށް އަލްޓެކޯ ތެރަސް އެޅުމަށް ފަހު އަނދިރިތާކަށް އެއްލާލާފައި އޮއްވައި ފެނިފައި ވަނީ ރޭ 8:45 ހާއިރު އެވެ.

އެ ކުއްޖާ އަށް އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ރޭ ދަންވަރު ވަނީ މާލެ ގެނެސްފަ އެވެ. އަންހެން ކުއްޖާގެ އާއިލާ އިން ބުނީ އެސްފިޔަތައް ކޮށާލުމުން މިހާރު ކުޑަކޮށް ލޯ ހުޅުވޭ ކަމަށެވެ. ނަމަވެސް އެއްކޮށް ލޯނުހުޅުވޭތީ ލޮލުތެރެ އަށް ލިބިފައި ހުރީ ކޮން ކަހަލަގެއްލުމެއް ކަމެއް ޑޮކްޓަރުންނަށް އަދި އެނގިފައިނުވާ ކަމަށެވެ.

"މިހާރު ވެސް އޮތީ ހޮސްޕިޓަލުގައި. ލޮލަށްބޭސް އަޅަމުން މިދަނީ. ލޮލަށް ނުފެންނަ ވާހަކަ އެއްވެސް ނުބުނޭ. ވަރަށް ކުޑަކޮށް ލޯ ހުޅުވެނީ،" އަންހެން ކުއްޖާގެ އާއިލާ އިން ވާހަކަ ދެއްކި ކުއްޖާގެ ބޭބެއަކު ބުންޏެވެ.

އާއިލާއިން ވާހަކަ ދެއްކި އަންހެން ކުއްޖާގެ ބޭބެއެއް ބުނީ އަންހެން ކުއްޖާ އަށް އެހެން ހެދީ ގުރޫޕަކުން ކަމަށް އެ ކުއްޖާ ބުނެފައިވާ ކަމަށެވެ. އަދި އެކަނި އެކުއްޖާ ހިނގާފައިދަނިކޮށް މީހަކު ފަހަތުން ގޮސް ލޮލާއި އަނގަމަތީ އަތް އަޅާ ފަޅުގެއެއް ތެރެއަށް ވެއްދުމަށް ފަހު ދެ މީހަކު ވެގެން ހިފަހައްޓައި އަލްޓެކޯ އެޅީ ކަމަށެވެ. އަދި ބުނީ މީހަކު ވަރަށް ބާރަށް ދަނޑިބުރިއެއް ކަހަލަ އެއްޗަކުން ކުއްޖާގެ ބޮލުގައި ޖެހި ކަމަށެވެ. ނަމަވެސް އިތުރު ގޯނާއެއް ނުކުރާ ކަމަށް ވެސް އަންހެން ކުއްޖާ ބުނެފައިވާ ކަމަށެވެ.

އަންހެން ކުއްޖާގެ އާއިލާއިން ވާހަކަ ދެއްކި އެ ކުއްޖާގެ ބޭބެއެއް ބުނީ އެކަން ކުރީ އަންހެންކުއްޖާއާ އަޅައިގަނެގެން އުޅޭ ފިރިހެން ކުއްޖެއްގެ ގޭ ކައިރިން ހިފަހައްޓާފައި ކަމަށާއި އަދި ބެލެވެނީ އެއީ ދުރާލާ ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ.

މަޑުއްވަރީ ކައުންސިލްގެ ރައީސް ހުސެއިން ޝިހާމް ރޭ ވިދާޅުވީ އެ އަންހެން ކުއްޖާ އެއްލާލައިފައި އޮއްވައި ފެނުނީ އެ ރަށުގެ މީހުން ނޫޅޭ އަނދިރި ސަރަހައްދަކަށް ކަމަށެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލަށް ގެންގޮސް ބެލި އިރު އެ ކުއްޖާގެ ހޭވެސް ނެތް ކަމަށާއި އަދި ދެ ލޯ ވެސް ހުރީ ތަތްވެފައި ކަމަށެވެ.

"ކުއްޖާ އޮތީ އަނދިރި ތާކަށް އެއްލާލާފައި. ދެ ލޮލަށް އޮތީ އަލްޓެކޯ އަޅާފައި. ހޭވެސް ނެތް. ދެން ފަހުން ހޭއެރި. އެ ކުއްޖާ ބުނީ އޭނާ އަށް އެހެން ހެދީ އިސްތަށިގަނޑު ދިގު ބޮޑު މީހެކޭ. ހުންނާނެއޭ އޭނާގެ އަތުގައި ވަރަށް ބާރަށް ދަތް ވެސް އަޅާފައި. އެކަމަކު ސިފަ ކިޔައިދޭކަށް ނޭނގެއޭ،" ޝިހާމް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ ރޭގެ ވަގުތެއްގައި އެ މައްސަލައާ ގުޅިގެން އުމުރުން 20 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.