04 Dec 2012, 10:36
ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ މި ސީޒަނަށް ފަހު އެ ޓީމާ ވަކިވާނެ ކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު މިދުވަސްވަރު ވަނީ ވަރަށް ގަދަ ވެފަ އެވެ. އަދި މީގެ ދެ ތިން ދުވަސް ކުރިން، މަންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަން "އައިޓީވީ ހަތަރަ"ކަށް ދިން ބަސްދީބަސްގަތުމެއްގައި، އޭނާ އަށް ފަހު ޔުނައިޓެޑްގެ ކޯޗަކަށް މޮރީނިއޯ އަކީ އެންމެ އެކަށީގެންވާ އެކަކު ކަމަށް ދޭހަވާ ގޮތަށް ދެކެވުނު ވާހަކައިގެ ސަބަބުން މޮރީނިއޯ މެޑްރިޑާ ދުރުވެދާނެ ކަމަށް ދެކެވޭ ވާހަކަތައް އިތުރަށް ފުޅާވެގެން ދިޔަ ކަން ވެސް ފާހަގަ ކުރެވެ އެވެ.
ފާގަސަން ބުނެފައި ވަނީ އޭނާއަށް ފަހު ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން އެނާ އަށް އެންމެ ކަމުދާ ކޯޗަކީ ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ ކަމަށެވެ.
"ދަ ސްޕެޝަލް ވަން"ގެ ނަމުން މަޝްހޫރު ވެފައިވާ ޕޯޗްގީޒުގެ ކޯޗު މޮރީނިއޯ، 49،އާ ބެހޭ ގޮތުން ސްޕެއިންގެ ނޫހެއްގައި ލިޔެފައި ވަނީ 2016 ވަނަ އަހާރާ ހަމައަށް މޮރީނިއޯ ރެއާލް އާއެކު ކޮންޓްރެކްޓް ހަދާފައި ވީނަމަވެސް، މި ސީޒަނަށް ފަހު އޭނާ ރެއާލްގައި މަޑުނުކުރާނެ ކަމަށާއި މިކަމާ ގުޅޭ ގޮތުން ޓީމުގެ މެނެޖްމަންޓުގައި ވެސް ވަނީ މަޝްވަރާ ކުރެވިފައި ކަމަށެވެ.
"އަންނަ ސީޒަންގައި މޮރީނިއޯ ރެއާލް މެޑްރިޑަށް ކޯޗުކަން ކޮށެއް ނުދޭނެ. ފްލޮރެންޓް ޕެރޭޒް އާއި މޮރީނިއޯ ވެސް ގަބޫލު ކުރާ ގޮތުގައި ޓީމު މިހާރު އޮތް ހާލަތާއި މޮރީނިއޯ އާއީ ދެމެދު އުފެދިފައިވާ އުދާސްކަން ޖޫން ތިރީހުގެ ފަހުން ކުރިއަކަށް ނުގެންދާނެ،" ރިޕޯޓުގައިވެ އެވެ.
ޗެމްޕިއަންސް ލީގުގައި މި މަހުގެ ފަސްވަނަ ދުވަހު ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި އަޔެކްސް އާއި ބައްދަލު ކުރާ މެޗްގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ވާހަކަތަކާ ގުޅޭ ގޮތުން ރިޕޯޓަރަކު ސުވާލު ކުރުމުން މޮރީނިއޯ ވަނީ އެވާހަކަތައް އިތުރަށް ދެއްކުމަށް ދެކޮޅުހަދާފަ އެވެ.
"އަހަރެން ތިޔަ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. ތިޔަ ކަމާ ބެހޭ ގޮތުން ވާހަކަ ދައްކާނީ ނޫހުގައި އެވާހަކަ ލިޔުނު މީހަކާ" މޮރީނިއޯ ބުންޏެވެ. "އަހަރެން ތިޔަ ކަމާ ބެހޭ ގޮތުން ހަމަ އެކަށްޗެކޭ ވެސް ނުބުނާނަން. ތިޔަ ވާހަކަ ދެއްކި މީހަކާ އެކީ ތިޔަ ވާހަކަ ރަނގަޅަށް ދައްކާލަން ކެއުމެއް ހަމަ ޖައްސާލާ" އޭނާ އިތުރަށް ބުންޏެވެ.
ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އަށްވުރެ 11 ޕޮއިންޓު ފަހަތުގައި ރެއާލް އޮތް އިރު، ޓީމު ހިންގާ ގޮތާދޭތެރޭ ޕެރޭޒް ހިތްހަމަޖެހޭތޯ ސުވާލު ކުރުމުން މޮރީނިއޯ ބުނީ އެކަމާ ގުޅޭ ގޮތުން ޕެރޭޒް އާ ސުވާލު ކުރުމަށެވެ. އަދި އޭނާ އާއި ޕެރޭޒާ ދޭތެރޭ ގުޅުން ރަނގަޅު ކަމަށާއި އެފަދަ ސުވާލު ތަކަށް ޖަވާބު ދީގެން ވާހަކަތައް އިތުރަށް ބޮޑުކުރަން އޭނާ ބޭނުން ނުވާ ކަމަށެވެ.
"އަހަރެން ބުނާކަށް ނުޖެހޭ ކޮން އިރަކު ކަމެއް އަހަރެން ޕްރެޒިޑެންޓް އާއި ވާހަކަ ދެއްކީ. އަހަރެން ބުނާކަށް ނުޖެހޭ ދެއްކީ ކޮން ވާހަކައެއް ކަމެއްވެސް. އަދި އަހަރެންނަށް ހިއެއް ނުވޭ ޕްރެޒިޑެންޓް ވެސް އެގޮތަށް ވާހަކަ ދައްކަ ފާނެ ހެނެއް،" ރިޕޯޓަރުގެ ސުވާލަށް ރައްދު ދެމުން ރެއާލްގެ ކޯޗު ބުންޏެވެ.
މަންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ފާގަސަން، މޮރީނިއޯ އަށް ތައުރީފުކޮށް ދެއްކި ވާހަކައާ ބެހޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން މޮރީނިއޯ ބުނީ "ރަހުމަތްތެރިންގެ ގޮތަކީ އެއީ. ރަހުމަތްތެރިން އަބަދުވެސް އެކަކު އަނެކެއްގެ ހެވާއި ލާބައަށް އެދި އެމީހުންގެ ރަނގަޅު ވާހަކަ ދައްކާނެ" ކަމަށެވެ. "އޭނާ [ފާގަސަން] ކޯޗުކަން ހުއްޓާލާކަށް އަދި ކައިރިވެސް ނުވޭ. ދިހަ އަހަރު ނުވަތަ އެޔަށް ވުރެ ގިނަ ދުވަހު އަދި ކޯޗުކަމުގައި ހުންނާނެ. ދުވަހެއް ދުވަހަކަށް މިހާރު ވެސް ދަނީ ކުރިއަށް. އެއީ އަބަދު ވެސް ވަރުގަދަ މީހެއް. އެހެން ވީމާ ކީއްވެ އޭނާ ކޯޗުކަމާ ދުރަށް ދާންވީ" ފާގަސަން އާ ބެހޭ ގޮތުން މޮރީނިއޯ އިތުރަށް ބުންޏެވެ.
މޮރީނިއޯ އާއި ބެހޭ ގޮތުން މީޑިއާގައި ދެކެވޭ ވާހަކަތަށް އަދިވެސް އެކި ގޮތްގޮތަށް އެނބުރިގެން ދާނެކަމީ ޝައްކެއް ވެސް އޮތްކަމެއް ނޫނެވެ. ސަބަބަކީ، އޭނާއަކީ ޔޫރަޕުގެ ފުޓުބޯޅައިގައި ހަގީގަތުގައި ވެސް ނުފޫޒު ގަދަ ކޯޗަކަށް ވެފައި މިހާރު ވެސް ގިނަ ކުލަބު ތަކަކުން އޭނާއަށް ޝައުގު ވެރިކަން ފާޅު ކުރަމުން ގެންދާތީ އެވެ.
އެހެން ނަމަވެސް މޮރީނިއޯ ގުޅޭނެ ކަމަށް ބޮޑަށް ބެލެވެނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކާ އެވެ. ސަބަބަކީ މީގެ ކުރިންވެސް އޭނާގެ ޝައުގު ވެރިކަން އިނގިރޭސި ލީގަށް ބޮޑު ކަމަށާއި އަދި ފުޓްބޯޅަ އާއި ދުރަން ދިއުމުގެ ކުރިން އިނގިރޭސި ޓީމަކަށް ކޯޗުކަން ކޮށްދޭން ބޭނުން ކަމަށް އޭނާ ބުނެފައި ވުމެވެ. އަދި ހާއްސަކޮށް އޭނާ އިނގިރޭސި ޕްރިމިއާ ލީގަށް ތައާރަފުވި ކުލަބު ކަމުގައިވާ ޗެލްސީ އަށް އޭނާގެ ހިތުގައި އޮންނަ ލޯތްބާއި ގަދަރުގެ ވާހަކަ ދޭތެރެއަކުން އޭނާ ދައްކާތީ އެވެ.
މޮރީނިއޯ ކޯޗު ކޮށްދިން ޓީމުތަކުގެ ތެރޭގައި ހިމެނެނީ 2000 ވަނަ އަހަރު ޕޯޗުގީޒުގެ ބެންފިކާ، 2001-2002 އެގައުމުގެ ޔޫޑީ ލެއިރިޔާ، 2002-2004 އަށް ހަމަ އެގައުމުގެ ޕޯޓޯ، 2004-2007 އަށް އިނގިރޭސި ވިލާތުގެ ޗެލްސީ، 2008-2010 އަށް އިޓަލީގެ އިންޓަރުނެޒިއޮނަލީ މިލާނޯ "އިންޓަ މިލާން" އަދި 2010 އިން ފެށިގެން މިހާރުގެ ކުލަބު ސްޕެއިންގެ ރެއާލް މެޑްރިޑް އެވެ.
މޮރީނިއޯގެ ކާމިޔާބީ ތަކުގެ ތެރޭގައި ޕޯޓޯ އަށް ޕޯޗުގީޒް ލީގު ދެ ފަހަރު، ޕޯޗުގީޒު ކަޕް އެއްފަހަރު، ޔޫއެފާ ކަޕް އެއްފަހަރު، ޕޯޗުގީޒު ސުޕަކަޕް އެއްފަހަރު އަދި ޔޫއެފާ ޗެމްޕިއަންސް ލީގު އެއްފަހަރު ހޯދާފައިވެ އެވެ. ޗެލްސީ އަށް އިނގިރޭސި ލީގު ދެ ފަހަރު، އިނގިރޭސި ލީގު ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕް އެއްފަހަރު ހޯދާދީފައިވެ އެވެ. އިންޓަމިލާން އަށް އިޓަލީ ލީގު ދެފަހަރު، އިޓަލީ ކަޕް އެއް ފަހަރު، އަދި ޔޫއެފާ ޗެމްޕިއަންސް ލީގު އެއްފަހަރު ހޯދާފައިވެ އެވެ. އަދި މިހާރުގެ ޓީމް ރެއާލް މެޑްރިޑް އަށް ސްޕެނިޝް ކަޕް އަދި ސްޕެނިޝް ލީގު ހޯދާ ދީފައިވެ އެވެ.
މޮރީނިއޯއާ ބެހޭ ގޮތުން ފާގަސަން ބުނެފައި ވަނީ "އޭނާ އަށް ކޮންމެ ޓީމެއްވެސް ހިންގިދާނެ" ކަމަށެވެ. "އެއީ ހުނަރުވެރި ވަރުގަދަ ޝަހުސިއްޔަތެއް. އަހަރެން ހަނދާންވޭ އޭނަގެެ ފުރަތަމަ ޕްރެސްކޮން ފަރެންސް 'ޗެލްސީ'ގައި ދެއްކިި ވާހަކަ. އޭނާ ކުޅުންތެރިން ގާތު ބުނީ 'އަހަންނަށް ބާލާބަލަ. އަހަންނަކީ ވަރައް ހާއްސަ މީހެއް'. އަހަރުމެން މެޗު ތަކުން ބަލިވެގެން ނުވާނެ،" އޭނާ އިތުރަށް ކިޔާ ދިނެއެވެ.
ފާގަސަން ހާމަ ކުރި ގޮތުގައި އޭނާ އާއި މޮރީނިއޯ ރަހުމަތްތެރިވީ 2004 ވަނަ އަހަރު ގެ ޗެމްޕިއަންސް ލީގުގައި ޕޯޓޯ އަތުން މަންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަށް ފަހުގަ އެވެ.
މޮރީނިއޯގެ ކޯޗުކަމުގެ 10 އަހަރުގައި ވިހި ޓްރޮފީ ހޯދާފައި ވާއިރު ފާގަސަން ވަނީ އޭނާގެ ކޯޗު ކަމުގެ 26 އަހަރު ތެރޭގައި 48 ޓްރޮފީ ހޯދާފަ އެވެ.
މޮރީނިއޯ ދާނެ ކަމަށް ބެލެވޭ ޓީމު ތަކުގެ ތެރޭގައި މަންޗެސްޓާ ޔުނައިޓެޑް، މަންޗެސްޓާ ސިޓީ އަދި ޗެލްސީ ފަދަ ޔޫރަޕްގެ ބޮޑެތި ކުލަބުތައް ހިމެނެ އެވެ.