މިނިސްޓަރުންނާއި ރައީސުލްޖުމްހޫރިއާގެ މައްޗަށް ނަގާ އިތުބާރުގެ ނެތްކަމުގެ ވޯޓު ސިއްރުކުރަން އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ޖުމްހޫރީ ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގެންފައި ވާތީ ޖޭޕީގެ ޕާލަމެންޓް ގްރޫޕްގެ މެންބަރު އަހުމަދު މޫސާ އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

އޭނާގެ ސިޓީ މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ އޮފީހަށް ރައްދުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޅ. ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މިއަދު ވިދާޅުވީ އޭނާ އެ ޕާޓީން ވަކިވެވަޑައިގަތީ އިއްޔެގެ ވޯޓު ސިއްރު ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރާއި އެ ޕާޓީގެ މެންބަރުން އެ ގޮތަށް ވޯޓް ދެއްވުމުން އޭނާ އެ ޕާޓީން ވަކިވުމަށް "ދާއިރާގެ ރައްޔިތުންގެ ޕްރެޝަރު" އިންތިހާ އަށް އައުމުން ކަމަށެވެ.

އަހުމަދު ވިދާޅުވީ މިނިސްޓަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރު ކުރުމަށް ފުރަތަމަ ވޯޓު ނެގި ދުވަހު، ޖުމްހޫރީ ޕާޓީގެ ލީޑަރާއި އެ ޕާޓީގެ މެންބަރުން އެ ވޯޓު ސިއްރުކުރަން ވޯޓު ދެއްވުމުން ވެސް އޭނާ އަށް ދާއިރާގެ ރައްޔިތުންގެ ފަރާތުން އެ " ޕްރެޝަރު" އައި ކަމަށާއި ނަމަވެސް އެ ދުވަހު އެކަން ތަހައްމަލު ކުރައްވައިގެން ހުންނެވީ ކަމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީއާ ގުޅިގެން ޖުމްހޫރީ ޕާޓީ އިން އިއްޔެ ހިންގި އަމަލަކީ އެއްވެސް ގޮތަކަށް ދާއިރާގެ މީހުންނަށާއި އޭނާ އަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމުން އެ ނިންމުން ނިންމަވަން މަޖުބޫރުވީ ކަމަށެ.

އަހުމަދު ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތަސް، އޭނާ އާ ޖުމްހޫރީ ޕާޓީގެ ލީޑަރާ ދޭތެރޭ އެއްވެސް ޒާތީ ކަމެއް ނެތް ކަމަށާއި އޭނާގެ އެ ނިންމެވުމަކީ އުސޫލީ މައްސަލައެއް ގަބޫލު ނުކުރެއްވިގެން ނިންމެވި ނިންމެވުމެއް ކަމަށެވެ.

އަހުމަދު ވިދާޅުވީ އިއްޔެގެ ވޯޓު ސިއްރުކުރަން ޖޭޕީ އިން ވޯޓު ދިނުމަކީ އެ ޕާޓީން ސަރުކާރާ އެކު ހަދާފައިވާ ކޯލިޝަނާ ވެސް ހިލާފު ކަމެއް ކަމަށާއި އެއީ ބުއްދި ގަބޫލު ކުރެއްވޭނެ ނިންމުމެއް ނޫން ކަމަށެވެ. އަދި އަހުމަދު ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރުކުރުމަކީ ގާނޫނު އަސާސީން ބަލައިގެންފައިވާ ދެ ފުށް ފެނުމުގެ އުސޫލާ ވެސް ހިލާފު ކަމެއް ކަމަށެވެ.

އެމްޑީޕީގެ މެންބަރުންނާ އެކު ވޯޓް ސިއްރު ކުރުމަށްޖުމްހޫރީ ޕާޓީން ވޯޓް ދެއްވީ ގާސިމް އިބްރާހިމާއި އަބްދުﷲ އަބްދުއްރަހީމެވެ. އަހުމަދު ވޯޓު ދެއްވީ އެ ވޯޓު ސިއްރުކުރަން ނުފެންނަ ކަމަށެވެ.