04 Dec 2012, 09:36
އިންޑިއާގެ ޖީއެމްއާރަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ) 2010 ވަނަ އަހަރު 25 އަހަރަށް ކުއްޔަށް ދިނުމާ އެކު ސިޔާސީ މަޝްރަހު ކެކި އެރި އެވެ. އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރު ހިންގާ އިއްތިހާދުން ވަގުތުން ވަގުތަށް ޖީއެމްއާރު އަތުލުމަށް ގޮވާލާ އަޑުހަރުކުރި އެވެ. އެއަށް ފަހު އުފެދުނު އިއްތިހާދުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ޖީއެމްއާރްގެ އަތުން އެއާޕޯޓް ނެގުމަށެވެ. ނަމަވެސް އެކަން ކުރެވިދާނެ ކަމަށް އެއްވެސް މީހަކު ތިބީ ގަބޫލުކޮށްގެނެއް ނޫނެވެ.
އެންމެ ފަހު ވަގުތު ސަރުކާރުން ލޯމަރާލުމަށް ފަހު ނިންމީ އެގްރިމަންޓް ބާތިލްކޮށް ޖީއެމްއާރަށް ހަތް ދުވަހުގެ ނޯޓިސްއެއް ދިނުމަށެވެ. ތަކެތި ގެންގޮސް ހުސްކުރަން 30 ދުވަސްދީ އެއާޕޯޓުން ފޭބުމަށް އެންގި އެވެ. ދެން މައްސަލަ ހައްލުކުރާނީ އާބިޓްރޭޝަނުން ކަމަށް ވެސް ކަނޑައެޅި އެވެ.
ނަމަވެސް ޖީއެމްއާރުން އެކަން ގަބޫލެއްނުކުރެ އެވެ. އެ ކުންފުނިން ނިންމީ ސަރުކާރާ އެކު އެގްރިމަންޓްކޮށްފައިވާ މުއްދަތު ހަމަވަންދެން އެއާޕޯޓް ޑިވަލޮޕްކުރުމުގެ މަސައްކަތައިގެން ކުރިއަށްދާށެވެ. ބަހަނާއަކަށްވީ ކޮންޓްރެކްޓާ ގުޅިގެން ފެންމަތިވި އެންމެ ބޮޑު މައްސަލަ، އޭޑީސީގެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަންގައި ހިނގަމުންދިޔުމެވެ. ޖީއެމްއާރުގެ ސްޓޭންޑާ އެކު މައްސަލަ ފަސޭހަ އިން ހައްލުވެދާނެ ކަމަކަށްނުފެނެ އެވެ. ދެން އޮތީ އަދި އުނދަގޫ މަރުހަލާ އެކެވެ.
ޖީއެމްއާރުގެ ކޯޕަރޭޓް އެންޑް ކޮމިޔުނިކޭޝަންސް ހެޑް، އަރޫން ބަހާގަތު ވިދާޅުވީ އެގްރިމަންޓް ބާތިލްކުރަން އެންގި ނަމަވެސް އެ ކުންފުނިން އެކަން ގަބޫލުނުކުރާ ކަމަށާއި އެ ކުންފުނިން 25 އަހަރު ހަމަވަންދެން އެއާޕޯޓް ހިންގާނެ ކަމަށެވެ.
"އަހަރެމެން މިތާ 23 އަހަރު ތިބޭނަން. ޔަގީންކުރުމަށް ދާންޖެހުނު ކޯޓަކަށް އެ މައްސަލައައިގެން ދާނަން. އެ އެންގުން އެގޮތަށް އެންގިޔަސް އަހަރުމެން ނުދާނަން،" އަރޫން ވިދާޅުވި އެވެ.
އަދި ޖީއެމްއާރުން ބުނީ އެއާޕޯޓްގެ އެގްރިމެންޓް އުވާލައި އެއާޕޯޓް ހިންގުން ޖީއެމްއާރްއަތުން ނެގުމަށް ސަރުކާރުން ނިންމި ނިންމުމަކީ އެއްފަރާތަށް ޖެހިފައިވާ އެއްވެސް ހަމައެއް އުސޫލެއް ނެތް ނިންމުމެއް ކަމަށެވެ. އަދި އެއީ ގާނުނީ އެއްވެސް ބުރަދަނެއްނެތް ނިންމުމެއް ކަމަށާއި އެމައްސަލައިގައި ކަމާ ބެހޭ ފަރާތްތަކާ ސާބިތުކަމާ އެކު ކުރިމަތިލާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ މައްސަލައިގައި އެއްފަރާތުން ވެސް ދޫދޭކަށް ބޭނުމެއްނުވެ އެވެ. ސަރުކާރުން ބުނަނީ އަންނަ ހޮނިހިރު ދުވަހު ސަރުކާރުން އެއާޕޯޓާ ހަވާލުވާނެ ކަމަށެވެ. ޖީއެމްއާރްއިން ބުނަނީ ހިލާ އެއާޕޯޓް ދޫކޮށް ނުދާނެ ކަމަށެވެ. ޖީއެމްއާރްގެ ބަސް މިހެން ހުރިނަމަވެސް ސަރުކާރުން ވަނީ ހަތް ދުވަހުގެ ނޯޓިސްއާ އެކު އެދުވަހުގެ ނިޔަލަށް ޖީއެމްއާރް މުއައްޒިފުންގެ ވޯކް ވިސާ ކެންސަލްކުރަން ނިންމައިފަ އެވެ.
އިންޑިއާއިން ވެސް ސީދާ މައްސަލައިގެ ތެރެއަށް ނުވަނަސް އިންޑިއާ އިން އަންނަނީ އެ މައްސަލައިގައި ތަފާތު ސިގްނަލްތައް ދެމުންނެވެ. ކޮންޓްރެކްޓް ބާތިލް ކުރިތާ ކުޑައިރުކޮޅެއް ނުވެ އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުގެ އެ އަމަލަކީ އިންވެސްޓަރުންނަށް ވަރަށް ނުބައި ސިގްނަލެއް ލިބޭނެ ކަމެއް ކަމަށެވެ.
އެ ކަމަށްވެސް ސަރުކާރުން ދިނީ ފިނި ޖަވާބެކެވެ. އެކަމާ ސަރުކާރުން ކަންބޮޑު ނުވެ ސަރުކާރުން ތިބީ ސްޓޭންޑްގައިތިބީ ސާބިތުވެ އެވެ. ދެން އަދި ކުރިމަތިވީ އެހެން މައްސަލަ އެކެވެ.
ސަރުކާރުން ދީފައިވާ ހަތް ދުވަހުގެ ނޯސްޓިއަށް އަމަލުކުރުން ފަސްކޮށް އެއާޕޯޓްގައި ތިބުމުގެ އަމުރަކަށް އެދި ޖީއެމްއާރުން ސިންގަޕޫރުގެ ހައިކޯޓުގައި އެދިފައިވުމުން ސިންގަޕޫރުކޯޓުން ނެރެފައިވާ އަނމުރުގައި ބުނެފައި ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަނުން މައްސަލަ ބަލަން ފަށަންދެން އެއާޕޯޓްގައި ތިބެވޭނެ ކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީއާ މިހާރު ހަވާލުވެ ހުންނެވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ހޮނިހިރު ދުވަހުން ފެށިގެން އެއާޕޯޓް ހިންގާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް )އެމްއޭސީއެލް( އިން ކަމަށެވެ.
ރައީސްގެ ސްޕެޝަލް އެޑްވައިޒަރު ޑރ. ހަސަން ސައީދު ވިދާޅުވީ ކޮންޓްރެކްޓެއް އުވާލާނަމަ އެ ފަރާތަކަށް އެކަށީގެންވާ ބަދަލެއް ދޭ ނަމަ އެ ކޮންޓްރެކްޓުގެ އެއްބަސްވުމުގެ ބޭރުން ވެސް ކޮންޓްރެކްޓުތައް އުވާ ލެވޭނެ ކަމަށެވެ.
"ކޮންޓްރެކްޓުގެ އާންމު އުސޫލަކީ ކޮންޓްރެކްޓާ ބެހޭ ޤާނޫނު މަފްހޫމް މާނަ ކުރުމުގައި ވެސް ޝަރަހަ ކުރުމުގައި ވެސް ގެންގުޅޭ އާންމު އުސޫލަކީ ކޮންޓްރެކްޓެއް ބާތިލް ކުރާއިރު ކޮންމެ ގޮތަކަށް ބާތިލް ކުރި ނަމަވެސް، ކޮންޓްރެކްޓުގެ ދަށުން ވެސް ނުވަތަ ހިލާފަށް ވެސް ބާތިލް ކުރާއިރު އެ ލިބޭ ބަދަލަކީ އެކަށީގެންވާ ބަދަލެއް ކަމަށް ވެއްޖެއްޔާ އެ ކޮންޓްރެކްޓަކީ ބާތިލް ކުރެވޭނެ އެއްޗެއް،" ޑރ. ހަސަން ވިދާޅުވި އެވެ.
ވާހަކަތައް މިހެން ހުރި އިރު އެނގޭހާ ވެސް އެއްޗަކީ އެއާޕޯޓް ހިންގުމަށް ޖީއެމްއާރަށް އިތުރު ފުރުސަތު ނުދިނުމަށް ސަރުކާރުން ފައިވިއްދާފައިވާ ކަމަށެވެ. އަދި 25 އަހަރުގެ ތެރޭގައި ސަރުކާރަށް ލިބޭ ގެއްްލުން ފޫބެއްދުމަށް އެ ނޫން ގޮތެއް ނެތް ކަމަށް ސަރުކާރުން ބުނެ އެވެ. އެއާޕޯޓް ދޫކޮށް ނުދިއުމަށް ޖީއެމްއާރު ވެސް އޮތީ ފައިވިއްދައިފަ އެވެ. ދެން އޮތީ އާބިޓްރޭޝަންގެ މަރުހަލާ އެވެ. އެ މަރުހަލާގެ ކަންކަން ކުރިއަށް ދާ އިރު އަދި އެ ނިންމުންތައް ނިންމާ އިރު ފޮރިން އިންވެސްޓަރުންނަށް ނުރަނގަޅު މެސެޖު ނުލިބޭ ގޮތަށް ސަރުކާރުން މަސައްކަތް ކުރަން ޖެހެ އެވެ. ގައުމީ މަސްލަހަތަކީ އެންމެ މަތީ މަސްލަހަތު ކަމަށް ގަބޫލުކޮށް ބޮޑު މަންޒަރަށް ބަލައިގެން ކަންކަން ނިންމަން ޖެހެ އެވެ.