04 Dec 2012, 09:25
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ގާނޫނީ ސައްހަ ކަމާ މެދު ސުވާލު އުފެދިފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުން މާދަމާ އަށް ޝެޑިއުލްކޮށްފި އެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ޝެޑިއުލްކޮށްފައި ވަނީ މަދާމާ ހެނދުނު 10:30 އަށެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.
ފުރަތަމަ އަޑުއެހުމުގައިި ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އިސްމާއިލް ވިޝާމްގެ ފަރާތުން ދައުވާ ހުށަހަޅުއްވަމުން ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާއި ޚިލާފަށް އުފައްދާފައިވާ ކޯޓެއްކަމަށް ވަކާލާތު ކުރައްވައި އޭގެ ތަފްސީލުތައް ޝަރީއަތަށް އިއްވާފަ އެވެ.
ސުއޫދު ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 136 ވަނަ މާއްދާ ބުނާގޮތުން މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު އޮކްޓޯބަރު 4، 2010 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި ވިލިމާލެއާއި ހުޅުމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅަކީ ވެސް މާލޭގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި ކޯޓުތަކާ ބެހޭ ގާނޫނުގެ 63 ވަނަ މާއްދާގައި ބުނާގޮތުން މެޖިސްޓްރޭޓް ކޯޓުތައް ހުންނަންވާނީ ހަތަރު ސުޕީރިއާ ކޯޓު ގާއިމް ވެފައިވާ މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކަމަށާއި އެހެންކަމުން ހުޅުމާލެއަކީ މާލޭގެ ބަޔަކަށް ވާތީ ހުޅުމާލޭގައި އުފައްދާފައިވާ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާއި ޚިލާފަށް އުފައްދާފައިވާ ކޯޓެއްކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.