ޑީއާރްޕީގެ ނައިބު ލީޑަރު އުމަރު ނަސީރާ މެދު ފިޔަވަޅު އަޅުއްވަން ޕާޓީގެ ކައުންސިލުން ނިންމެވި ސަބަބާ ގުޅޭ ގޮތުން ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ދެއްކެވި ވާހަކަފުޅު ފުށުއަރަ އެވެ.


ކައުންސިލްގެ ބައްދަލުވުމަށް ފަހު  މިއަދު ހަވީރު މީޑިއާ އަށް މައުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސް ކޮންފަރެންސް ފައްޓަވަމުން ދެއްކެވި ވާހަކުފުޅުގައި ތަސްމީން ވިދާޅުވީ، އުމަރު ނަސީރާ މެދު ފިޔަވަޅު އެޅުއްވުމަށްޓަކައި ޑިސިޕްލިނަރީ ކޮމިޓީ އަށް އެ މައްސަލަ ފޮނުވުމަށް ނިންމި ނިންމުމަށް އޭނާ މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އެ ނިންމުމަކީ ކޮންމެހެން ވަކި "މުޒާހަރާއެއް ކުރުމާ ނުކުރުމާ ގުޅިފައި އޮތް ކަމެއް ނޫން" ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


ތަސްމީންގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ތަކުރާރުކޮށް ވިދާޅުވީ، އެގޮތަށް ކައުންސިލުން ނިންމީ، "ކަމެއް ނުކުރުމަށް ވަކި ގޮތަކަށް ޕާޓީން އަންގާފައިވަނިކޮށް، އެ އެންގުމާ ޚިލާފަށް" އުމަރު ކަންތައްތަކެއް ކުރުއްވުމުން ކަމަށެވެ. އަދި އެއީ ވަކި "ޑިސިޕްލިނަރީ މައްސަލައެއް" ކަމަށް ވެސް ވިދާޅުވި އެވެ.


ނަމަވެސް އެއީ މުޒާހަރާއާ ގުޅޭ މައްސަލައެއް ނޫން ކަމަށް ތަސްމީން ވިދާޅުވާ އިރު، އެއީ ދެން އިތުރު ކޮން މައްސަލައެއްތޯ ސާފުކޮށްދެއްވުމަށް އެދި ނޫސްވެރިން ސުވާލުދެންނެވުމުން ތަސްމީން ދެއްވި ޖަވާބު، ކުރިން އޭނާ ދެއްކެވި ވާހަކަފުޅާ ފުށުއަރަ އެވެ.


އެގޮތުން އުމަރާ މެދު ފިޔަވަޅު އަޅުއްވަން ނިންމެވީ މުޒާހަރާއާ ގުޅިގެން ނޫން ކަމަށް ކުރިން ވިދާޅުވެފައިވަނިކޮށް، އެގޮތަށް ނިންމެވި ސަބަބެއް ކަމަށް ފަހުން ތަސްމީން ވިދާޅުވީ، "ވަކި ތާރީޚެއްގައި ޑީއާރްޕީގެ ނަމުގައި މުޒާހަރާއެއް ނުބާއްވަން ޕާޓީން ނިންމައި، އެވާހަކަ ދަންނަވާފައި ވަނިކޮށް އެ ތާރީޚުގައި މުޒާހަރާއެއް ބާއްވަން [އުމަރު] މަސައްކަތްކުރެއްވުމުން" ކަމަށެވެ.


އެހެންނަމަވެސް، މި މުޒާހަރާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެހެން މެމްބަރުން ކަމުގައިވާ ޕާޓީގެ ނައިބު ލީޑަރު އިލްހާމް އަހްމަދާއި އަދި ބައެއް ޕާލިމެންޓްރީ ގްރޫޕް މެމްބަރުންނާ މެދު ކައުންސިލުން ވަކި ފިޔަވަޅެއް ނޭޅުއްވީ، ކީއްވެގެންތޯ ދެންނެވުމުން އަނެއްކާ ވެސް ތަސްމީން ވިދާޅުވީ، ކައުންސިލްގެ ނިންމުމަކީ މުޒާހަރާއަކާ ގުޅިފައި އޮތް ކަމެއް ނޫން ކަމަށެވެ.


"އަޅުގަނޑު ދަންނަވާނީ، މިއީ[ ކައުންސިލްގެ ނިންމުމަކީ] މުޒާހަރާ ބޭއްވުމާއި އެކަން ނުކުރުމުގެ މައްސަލައެއް ނޫނޭ. މިއީ ވަކި ގޮތަކަށް އަމަލުކުރުމަށް ޕާޓީގެ ބޭފުޅަކަށް އެންގިފައި އޮއްވައި އެ އެންގުމާ ޚިލާފަށް އެކަން ކުރެއްވުމާ ގުޅިގެން ޑިސިޕްލިނަރީ މައްސަލައެއްގެ ގޮތުގައި" ތަސްމީން ވިދާޅުވި އެވެ.


އުމަރާއި އިލްހާމާ އަދި ޑީއާރްޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވެސް ވަނީ ހަމައެކަނި އުމަރާ މެދު ފިޔަވަޅު އަޅުއްވަން ކައުންސިލުން ނިންމެވި ނުކުތާ ނަންގަވައި، އެއީ ސުވާލު އުފެދޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އުމަރު ވިދާޅުވާ ގޮތުގައި، އެގޮތަށް ކައުންސިލުން ނިންމާފައި ވަނީ، ޑީއާރުޕީން އޭނާ ވަކިކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.