އިއުލާން ކުރުމެއް ނެތި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ލ. މާވަށު ރައްޔިތުންގެ ތެޔޮފިހާރަައަށް މުވައްޒަފުން ހަމަޖައްސާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެ ރަށު ކުރީގެ ކައުންސިލަރު ވަލީދު ޒަކަރިއްޔާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ އިއުލާންނުކޮށް މާވަށު ރައްޔިތުންގެ ތެޔޮފިހާރަ އަށް މީހަކު ހަމަޖެއްސި ކަމަށް ބުނެ ހުށަހެޅުނު މައްސަލަ އެ ކޮމިޝަނުން ބެލި އިރު ރައްޔިތުންގެ ތެޔޮފިހާރަ އަށް އޮއިލަރުގެ މަގާމަށާއި ތެޔޮ ގުދަނުގެ ސޭޓްގެ މަގާމަށް މީހަކު ހޯދުމަށް ކޮށްފައިވާ އިއުލާނެއް ފެންނަން ނެތްކަމަށެވެ. އަދި ވަޒީފާ ލިބިފައިވާ ފަރާތްތަކުން ވަޒީފާ އަށް އެދި ހުށަހަޅާފައިވާ ލިޔުމެއް ފެންނަން ނެތް އިރު އެ ފަރާތްތަކަށް ވަޒީފާ ހަމަޖައްސާފައި ވަނީ ކުރީގެ ކައުންސިލަރު ވަލީދު ޒަކަރިއްޔާކަން އެ ކޮމިޝަނުގެ ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

މީގެ އިތުރުން ރައްޔިތުންގެ ތެޔޮފިހާރައަށް މުވައްޒަފުން ހަމަޖައްސާފައި ވަނީ އެ ރަށު އޮފީހުގެ މުވައްޒަފުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ވަލީދު ޒަކަރިއްޔާ ބުނި ނަމަވެސް މުވައްޒަފުންނާ މަޝްވަރާ ނުކުރާކަން އެ ކޮމިޝަނުން ކުރި ތަހުގީގުން އެނގެން އޮންނަ ކަމަށް ވެސް އޭސީސީން ބުންޏެވެ.

"އިއުލާން ކުރުމެއް ނެތި ހަކަތައިގެ އޮއިލަރުގެ މަގާމަށާއި ތެޔޮގުދަނުގެ ސޭޓްގެ މަގާމަށް މީހުން ހަމަޖެއްސުމަށް ނިންމި ނިންމުމަކީ ލ. މާވަށު ކައުންސިރަކަށް އޭރު ހުރި ލ. މާވަށު ސަންދާނު ވަލީދު ޒަކަރިއްޔާ މަގާމުގެ ނުފޫނު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ލ. މާވަށު ސަންދާނު ވަލީދު ޒަކަރިއްޔާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީީހަށް ވަނީ ފޮނުވިފަ އެވެ،" އޭސީސީން ބުންޏެވެ.