04 Dec 2012, 09:04
ވޮޝިންޓަން ޑީސީ. 3 ޑިސެމްބަރު: ދައުލަތެއް ބިނާކުރުމަށް މަސައްކަތްކުރަމުންދާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން އާބާދީތައް ބިނާކުރުމަށް އިސްރާއީލުން އާ ޕްލޭނެއް އެކުލަވާލުމުން އެމެރިކާ އިން އެކަމަށް ފާޑުކިޔައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނީ އާބާދީތައް ބިނާކުރުމުގެ ޕްލޭން އަދި ހާއްސަކޮށް އިބުތިދާއީ މަސައްކަތްތައް ވަރަށް އަވަހަށް ފަށަން ނިންމާފައިވާ، ގުދުސްގެ ރަށް ބޭރުގައިވާ ހައްސާސު ބިންކޮޅެއްގައި އާބާދީ ހެދުމުގެ ޕްލޭނަކީ ސުލްހައިގެ ވާހަކަތަކަށް ހުރަސް އެޅޭ އަދި އެމެރިކާ އިން ގެންގުޅޭ ޒަމާންވީ ސިޔާސަތާ ދެކޮޅު ކަމެއް ކަމަށެވެ.
"ހުޅަނގު އައްސޭރީގައި އާބާދީތައް ހެދުމާއި އިރުމަތީ ގުދުސްގައި ގެ އެޅުން ހިމެނޭ ގޮތުން (އިސްރާއީލުން) އަމިއްލަ އަމިއްލައަށް އަޅަމުންދާ ފިޔަވަޅުތަކާ އެމެރިކާ ދެކޮޅެވެ، އެއީ އެކަންތައްތަކަކީ ދެފަރާތުގެ ދެމެދުގައި ސީދާގޮތެއްގައި ވާހަކަތައް އަލުން ފެށުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭ ކަންތައްތައް ކަމަށް ވާތީ އެވެ،" އެމެރިކާގެ ބަޔާނުގައިވެ އެވެ.
ހުކުރު ދުވަހު އިސްރާއީލުން އިއުލާންކޮށްފައި ވަނީ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައިވާ ފަލަސްތީނު މީހުންގެ ބިންތަކުގައި 3000 މީހުން ( ޔަހޫދީން) އާބާދުކުރާނެ ގެތައް އިމާރާތް ކުރުމުގެ ޕްލޭނާ އެއް ގޮތަށް އެގައުމުން ކުރިއަށް ދާނެ ކަމަށެވެ. އަދި އެއީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގައި އދ.ގައި ހޯދި ކާމިޔާބާ ގުޅިގެން ފަލަސްތީނު މީހުންނަށް އަދަބު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.
އިރުމަތީ ގުދުސްގެ ރަށްބޭރުގައިވާ އީ1ގެ ނަންދީފައިވާ ބިންކޮޅުގައި ޔަހޫދީން އާބާދުކޮށްފި ނަމަ، މުސްތަގުބަލުގައި ފަލަސްތީނުގެ ދައުލަތުގެ ވެރިރަށަށް ހެދުމަށް ގަސްދުކޮށްފައިވާ އެ ރަށާއި ހުޅަނގު އައްސޭރިއާ ގުޅުން ކެނޑި، ހުޅަނގު އައްސޭރި އެކަހެރިވެގެންދާނެ އެވެ.
ފަލަސްތީނު މީހުން ބުނަނީ އެ ބިންކޮޅުގައި ޔަހޫދީން އާބާދު ވެއްޖެ ނަމަ، ކާމިޔާބު ދައުލަތެއް އުފެއްދުމުގެ ހުރިހާ އުއްމީދެއް ގެއްލިގެންދާނެ ކަމަށެވެ. ( އެސިއޭޓެޑް ޕްރެސް)