ރ. އަތޮޅު މަޑުއްވަރީގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއްގެ ދެ ލޮލަށް އަލްޓެކޯ ތެރަސް އެޅުމަށް ފަހު އަނދިރި ތާކަށް އެއްލާލާފައި އޮއްވައި ފެނިއްޖެ އެވެ.

އެ ހާދިސާ ހިންގާފައި ވަނީ މިރޭ 8:45 އެހާކަންހާ އިރު ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

މަޑުއްވަރީ ކައުންސިލްގެ ރައީސް ހުސެއިން ޝިހާމް މިރޭ ސަން އޮންލައިނަށް ވިދާޅުވީ އެ އަންހެން ކުއްޖާ އެއްލާލައިފައި އޮއްވައި ފެނުނީ އެ ރަށުގެ މީހުން ނޫޅޭ އަނދިރި ސަރަހައްދަކަށް ކަމަށެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލަށް ގެންގޮސް ބެލި އިރު އެ ކުއްޖާގެ ހޭވެސް ނެތް ކަމަށާއި އަދި ދެ ލޯ ވެސް ހުރީ ތަތްވެފައި ކަމަށެވެ. ޝިހާމް ވިދާޅުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ ހޭއަރައި ވާހަކަ ދެއްކި ކަމަށެވެ. އަދި ވިދާޅުވީ އެ ކުއްޖާ އަށް އެހެން ހެދީ ބޮލުގެ އިސްތަށި ގަނޑު ދިގުކޮށް ހުރި ބޮޑު ފިރިހެނެއް ކަމަށް ކުއްޖާ ބުނި ކަމަށެވެ. އަދި އޭނާގެ އަތުގައި ބާރަށް ދަތް އަޅާފައި ހުންނާނެ ކަމަށާއި ނަމަވެސް އެ މީހާގެ ސިފަ ބުނެދޭން ނޭނގޭ ކަމަށް ވެސް ކުއްޖާ ބުނި ކަމަށެވެ.

"ކުއްޖާ އޮތީ އަނދިރި ތާކަށް އެއްލާލާފައި. ދެ ލޮލަށް އޮތީ އަލްޓެކޯ އަޅާފައި. ހޭވެސް ނެތް. ދެން ފަހުން ހޭއެރި. އެ ކުއްޖާ ބުނީ އޭނާ އަށް އެހެން ހެދީ އިސްތަށިގަނޑު ދިގު ބޮޑު މީހެކޭ. ހުންނާނެއޭ އޭނާގެ އަތުގައި ވަރަށް ބާރަށް ދަތް ވެސް އަޅާފައި. އެކަމަކު ސިފަ ކިޔައިދޭކަށް ނޭނގެއޭ،" ޝިހާމް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފް ސަން އަށް މިރޭ ވިދާޅުވީ ރ. މަޑުއްވަރީގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މަޑުއްވަރީގައި 2005 ވަނަ އަހަރު ވެސް ވަނީ އަންހެން ކުއްޖެއްގެ ލޮލަށް އަލްޓެކޯ ތެރަސް އަޅައިފަ އެވެ. ނަމަވެސް އެފަހަރު ތެރަސް އަޅާފައި އޮތީ ބޭރުގައި ނިދާފައި އޮތް ކުއްޖެއްގެ ދެ ލޮލަށެވެ.