ހދ. ހޮނޑައިދޫގައި ބަނގުރާ ބޭނުން ކުރަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހްގީގަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފް މިރޭ ވިދާޅުވީ ހާމިދާއި ޖާބިރު މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ ހޮނޑައިދޫގައި ބަނގުރާ ބޭނުން ކުރަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ފުލުހުން ކުރަމުންދާ ތަހްގީގަށް ކަމަށެވެ.

މިރޭ 7:30ގައި ހާމިދު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ އިރު ޖާބިރު ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ މިރޭ 9:30ގައި ކަމަށާއި ދެ ބޭފުޅުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ހަނީފް ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން އަދި ދީފައިއެއް ނުވެ އެވެ.

ހޮނޑައިދޫގައި ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ޖާބިރާއި ހާމިދުގެ އިތުރު އެހެން ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހު އެވެ. ފުލުހުން އެ ރަށަށް ދިޔުމުން ހާމިދާއި ޖާބިރު، ބަނގުރާ އަޅާފައި ހުރި ކަމަށް ބެލެވޭ ތައްޓެއް އެއްލާލި މަންޒަރު ދުށް ހެކީން ތިބި ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އަދި އެ ރަށުގައި ބައެއް ބޭފުޅުން މަސްތުވާތަކެތި ބޭނުން ކުރެއްވި ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެ އެވެ.

ހާމިދާއި ޖާބިރު ފުލުސް އޮފީހަށް މީގެ ކުރިން ވެސް ހާޒިރުކޮށްފައިވާ އިރު އެ ދެ ބޭފުޅުން ވެސް އޭރު ވަނީ ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އިންކާރު ކުރަައްވައިފަ އެވެ.