03 Dec 2012, 22:55
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ޑިރެކްޓަރު ޖެނަރަލް އިސްމާއިލް ހަބީބު ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލްގެ މަގާމަށް ދަށްކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ކަނޑައަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ބަހެއް ނެތި މަގާމުގެ ބޭނުންކޮށްގެން ގަވާއިދާ ހިލާފަށް އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އެ ކޮމިޝަނުން ހަބީބުގެ ވަޒީފާ ދަށްކޮށްފައި ވަނީ ޑިރެކްޓަރު ޖެނަރަލް ކަމުން ޑެޕިއުޓީ ޑެރެކްޓާ ޖެނަރަލްގެ މަގާމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އޭނާގެ މަގާމު ދަށްކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދާ އެއްގޮތަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވެސް މިދިޔަ ބުދަ ދުވަހު ނިންމާފައިވާ ކަމަށެވެ.
ހަބީބު ޑިރެކްޓާ ޖެނަރަލްގެ މަގާމުގައި ހުންނަވައިގެން އެ ކޮމިޝަނުގެ ބަހެއް ނެތި އަދި އެއްވެސް އިއުލާނެއް ކުރުމަށް ނެތި "ގާނޫނާއި ގަވާއިދާއި ހިލާފަށް" ވަގުތީ މުވައްޒަފުން އެ ކޮމިޝަނަށް ނަގާފައި ކަމަށާއި އަދި "ގަވާއިދާ ހިލާފަށް" ތިން މުވައްޒަފަކަށް ސްކޯލަޝިޕް ދީފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ޑިރެކްޓަރު ޖެނަރަލްގެ މަގާމުގައި ހުންނަވަނިކޮށް ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް މަގާމަށް ހަބީބު ބަދަލުކޮށްފައި ވަނީ އެ ކޮމިޝަނުގެ މެންބަރުންނާ ދެކޮޅަށް އެ ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކުރި އިހްތިޖާޖަށް ފަހު މިދިޔަ މެއި މަހުގަ 9 ވަނަ ދުވަހު އެވެ.
ހަބީބުގެ މައްޗަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އޭނާގެ ވަޒީފާ ދަށް ކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށް ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށެވެ.