03 Dec 2012, 22:21
ޤާހިރާ (ޑިސެމްބަރު 3): މިސްރުގެ އާ ދަސްތޫރާމެދު ރައްޔިތުން ދެކޭގޮތް ބެލުމުގެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގެ ކަންތައްތައް ބަލައި މޮނިޓަރކޮށް ސްޕަވައިޒް ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަމަށް އެއްބާރުލުންދޭނެ ކަމަށް މިސްރުގެ ޝަރުޢީ ކަންތައްތަކާ ބެހޭ އެންމެމަތީ ކައުންސިލް އިން ބުނެފި އެވެ.
އެކައުންސިލުން ނެރުނު ބަޔާނެއް ބުނީ ރައީސް މުރުސީ އިޢުލާން ކުރައްވާފައިވާ ވޯޓުގެ ކަންތައްތަކަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އެމަޖިލީހަށް ނިސްބަތްވާ ފަނޑިޔާރުންގެ ފަރާތުން ލިބޭނެ ކަމަށާއި މިކަމުގެ ޔަގީންކަން ރައީސް މުރުސީ އަށް ދީފައިވާނެ ކަމުގަ އެވެ. މިސްރުގެ ޝަރުޢީ ކަންތައްތަކާ ބެހޭ އެންމެމަތީ ކައުންސިލަކީ މިސްރުގެ މުޅި ޝަރްޢީ ދާއިރާގެ ކަންތައް ބަލައި ސްޕަވައިޒް ކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ފަރާތެވެ. ވޯޓުގެ ކަންތައްތަކުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް މިސްރުގެ ޝަރުޢީ ކަންތައްތަކާ ބެހޭ އެންމެމަތީ ކައުންސިލުން ނިންމި ނިންމުމަކީ ރައީސް މުރުސީ އަށް ލިބުނު ކާމިޔާބީއެއް ކަމަށް މުރާސިިލުން ދެކެ އެވެ.
މިކައުންސިލުން މިކަން އިޢްލާން ކޮށްފައިވާ އިރު މިސްރުގެ އާދަސްތޫރާ މެދު ރައްޔިތުން ދެކޭގޮތް ބެލުމުގެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގެ ކަންތައްތައް ބޮއިކަޓްކުރާނެކަން މިސްރުގެ ފަނޑިޔާރުންގެ ޖަމްޢިއްޔާ އިން ހާމަކޮށްފައިވަނިކޮށެވެ. ފަނޑިޔާރުންގެ ޖަމްޢިއްޔާ އިން މިގޮތަށް ނިންމީ މިސްރުގެ ރިޔާސަތަށް ވެރިކަމުގެ އިތުރު ބާރުތައް ލިބޭގޮތަށް ރައީސް މުހައްމަދު މުރުސީ ނެރުއްވާފައިވާ ރިޔާސީ އަމުރާ ދެކޮޅުހެދުމުގެ ގޮތުން ކަމަށް އެޖަމްއިއްޔާއިން ބުނެފައިވެ އެވެ. މިސްރުގެ ފަނޑިޔާރުންގެ ޖަމްޢިއްޔާއަކީ މިސްރުގެ ދައުލަތުގެ ރަސްމީ އިދާރާއެއް ނޫނެވެ. އެއީ ޖަމްޢިއްޔާއެކެވެ.
މިސްރުގެ ދަސްތޫރީ އެންމެ މަތީ ކޯޓުން އިއްޔެ ވަނީ ވަނީ އެކޯޓުގެ މަސައްކަތް ވަކިމުއްދަތެއް ނެތި ހުއްޓާލުމަށް ނިންމާފަ އެވެ. އެކޯޓުން މިގޮތަށް ނިންމާފައި ވަނީ ރައީސް މުޙައްމަދު މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން އެކޯޓާ ދެކޮޅަށް ވަރުގަދައަށް މުޒާހަރާކޮށް ކޯޓު ސާރުކޮށް އެކޯޓުގެ ފަނޑިޔާރުންނަކީ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ދުވަސްވަރު ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ހިންގަވާފައިވާ ފަރާތްތަކުންގެ ކޮންޓްރޯލްގެ ދަށުގައިތިބި ބޭފުޅުން ކަަމަށް ސިފަކޮށް ފަނޑިޔާރުންނަށް ބަހުގެ ޙަމަލާތައް ދިނުމާގުޅިގެން ކަމަށް ޚަބަރު ލިބެ އެވެ. (އަލްޖަޒީރާ)