03 Dec 2012, 22:10
ހެންވޭރު ސަހަރާގެ އިރުމަތީ މަގުގައި ހުންނަ ސެލޫނެއްގައި ހަށިވިއްކާ ކަމަށް ޝައްކުކުރެވިގެން ފުލުހުން މިރޭ އެތަން ރޭޑްކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓުތަކާ އެކު ތައިލެންޑްގެ އަންހެނުންތަކަކާއި ދިވެހި ފިރިހެނުންތަކެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ލިބުނު މައުލޫމާތަކާ ގުޅިގެން "ވުމުން ފެޝަން އެންޑް ބިއުޓީ" ގެ ނަމުގައި ހިންގާ އެ ސެލޫންގެ ތެރެއަށް ފުލުހުން ވަދެގަތީ މިރޭ 8:45 އެހާކަންހާއިރު ކަމަށެވެ. އަދި އެތަނުގެ ތެރެއަށް ވަދެގަތް އިރު ތައިލޭންޑްގެ އަންހެނަކު ބަރަހަނާކޮށް އެތަނުގައި އޮތް އިރު ތައިލޭންޑްގެ އިތުރު އަންހެނަކާއި ދިވެހި ފިރިހެނުން ވެސް އެތާގެ ތެރޭގައި ތިބިކަމަށެވެ.
އެތަނުން ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރާއި 34 އަހަރުގެ ތައިލޭންޑްގެ ދެ އަންހެނުންގެ އިތުރުން އުމުރުން 37 އަހަރާއި 38 އަހަރާއި 56 އަހަރާއި 64 އަހަރުގެ ދިވެހި ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުން އެތަނުން ހައްޔަރު ކުރި އިރު ބަނގުރާ އަޅާފައި ހުރިކަމަށް ބެލެވޭ 500 އެމްއެލްގެ ލައިފް ފުޅިއަކާއި މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ރަބަރު ހަ ޕެކެޓާއި ބަދުއަހުލާގީ އަމަލު ހިންގުމަށް ބޭނުންކުރާ ބައެއް އާލާތްތައް ވެސް އެތަނުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ފުލުހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ފައިސާއަށް ހަށިވިއްކާ 25 މަސާޖް ޕާލާއެއް ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހާއި ހަމައަށް ވަނީ ބަންދުކޮށްފަ އެވެ. އަދި އެތަންތަނުން ހައްޔަރު ކުރި 98 މީހުންގެ ތެރެއިން 58 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާ ކަމަށް ވެސް ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ފުލުހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.
މިއަހަރު ބަންދުކުރި އެތަންތަނުން 138783ރ. އާއި 3155 އެމެރިކާ ޑޮލަރު ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނެފައި ވަނީ މިއަހަރުގެ އޮޕަރޭޝަންތަކުގައި ފުލުހުން ވަދެ ބަންދުކުރި ތަންތަނުގެ ތެރޭގައި މާޗް މަހު ބަންދު ކުރި ތިން ތަނަކާއި އޭޕްރީލް މަހު ބަންދުކުރި ތިން މަސާޖްޕާލާ އާއި މެއި މަހު ބަންދުކުރި ފަސް ތަނަކާއި ޖޫން މަހު ބަންދުކުރި ހަ ތަނަކާއި ޖުލައިގައި ބަންދުކުރި ފަސް ތަނާއި އޯގަސްޓު މަހު ބަންދުކޮށްފައިވާ ހަށި ވިއްކާތަނެއްގެ އިތުރުން ސެޕްޓެމްބަރު މަހު ބަންދުކުރި ހަތަރު ތަނެއް ހިމެނޭ ކަމަށެވެ.
ލިޔުމާ ގުޅޭ ވީޑިއޯ
http://www.youtube.com/watch?v=2JmuT7zdYJA