ރައްޔިތުން މަޖިލީހުގައި ނަގާ، އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރަން ޑީއާރްޕީ އާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވޯޓު ދެއްވާފައި ވާތީ އެ ދެ ޕާޓީ އަށް ޕީޕީއެމް ބަހުގެ ހަމަލާތަކެއް ދީފި އެވެ.

ޕީޕިއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި ޑީއާރުޕީ އަކީ މިހާރު ސަރުކާރުގައި ހިމެނޭ ދެ ޕާޓީ ނަމަވެސް އެއީ ސަރުކާރަށް ތާއިދުކުރާ ބައެއް ނޫންކަން މިއަދު އެނގިގެން ހިނގައްޖެ ކަމަށެވެ.

"ޑީއާރުޕީ އަކީ އެމްޑީޕީގެ ގޮތްޕެއް" ކަމަށް ޕީޕީއެމް ބުނަމުން ދިޔަ ވާހަކަތަކަކީ ހަގީގަތެއްކަން އިތުރަށް ސާފްވެގެން ހިނގެއްޖެ ކަމަށާއި ޑީއާރުޕީގެ ތެރެއިން ބަޔަކު މީހުން ނުކުމެ ޕީޕީއެމް އުފެދިގެން އައީ ވެސް އެހެންވެގެން ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭރު ވެސް ދައްކަމުން އައި ވާހަކަ އެއް، އަޅުގަނޑުމެން ތުހުމަތު ކުރަމުން އައި ވާހަކައެއް އެއީ ޑީއާރުޕީއަކީ އެމްޑީޕީގެ ގޮތްޕެއްގެ ގޮތުގައި މަސައްކަތްކުރާ ބަޔަކޭ. މިއަދު އެ މީހުން ވަނީ އެކަން ސާބިތު ކޮށްދީފައި. މިއަދު އެ މީހުން އެ ވަނީ އެމްޑީޕީއާ ގުޅިގެން ރައްޔިތުންނާ ދެކޮޅަށް ބޮޑު ނިންމުމެއް ނިންމާފައި،" މަހްލޫފް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އަށާއި ޑީއާރުޕީ އަށް ބަހުގެ ހަމަލާތައް ދެއްވަމުން މަހްލޫފް ވިދާޅުވީ އެ ދެ ޕާޓީއަކީ މިހާރުގެ ސަރުކާރަށް ތާއިދުކުރާ ދެ ޕާޓީގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ޑީއާރުޕީ ވެސް އަދި ޖުމްހޫރީ ޕާޓީ ވެސް އެއީ ސަރުކާރަށް ތާއިދުކުރާ ބައެއް ކަމަކަށް. އެހެން ކަމަށްވާ ނަމަ މިއަދު މިހެނެއް ނަހަދާނެ. ތިމާގެ ޒާތީ ކަންތައްތަކެއް ހިމާޔަތް ކުރުމަށް ނޫނީ އެކަން ހޯދުމުގެ މަގުސަދުގައި ސަރުކާރަށް ޕްރެޝަރު ކުރުމުގެ ބޭނުމުގައި މިފަދަ ނިންމުމެއް ނިންމުމަކީ އަޅުގަނޑުމެނަށް ގަބޫލު ކުރެވޭނެ ނިންމުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ފާސް ކުރުމާ އެއްކޮޅަށް ވޯޓު ދިނުމަށް ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރުނު އިރު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ 14 މެންބަރުންގެ ތެރެއިން އަށް މެންބަރުން ވަނީ ވޯޓު ސިއްރު ކުރުމަށް ވޯޓު ދީފަ އެވެ. ވޯޓް ސިއްރު ކުރުމާ ދެކޮޅަށް ޑީއާރްޕީގެ ހަ މެންބަރުން ވޯޓް ދެއްވި އެވެ.

އެހެން ނަމަވެސް ޑީއާރުޕީން ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރަން ޑީއާރްޕީގެ މެންބަރުން ވޯޓް ދެއްވީ ސަރުކާރާ ދެކޮޅަށް ނޫން ކަމަށެވެ. އަދި ވޯޓް ސިއްރު ކުރަން މަޖިލީހުން ފާސް ކުރުމަކީ ޕާލަމެންޓްރީ ނިޒާމަށް ގެނައި ބަދަލެއް ކަމަށާއި އެއީ ވަކި ސަރުކާރަކާ ޖައްސާލައިގެން ކުރި ކަމެއް ނޫން ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ މެންބަރުންނާ އެކު ޑީއާރްޕީން ވޯޓް ދީފައި ވަނީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އާއި އޭނާގެ އަނބިކަނބަލުން ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމެވެ.

ވޯޓު ސިއްރުކުރަން ޖުމްހޫރީ ޕާޓީން ވޯޓް ދެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމެވެ. މިނިވަން މެންބަރުންގެ ތެރެއިން ވޯޓް ސިއްރު ކުރުމަށް ވޯޓް ދެއްވީ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އެވެ.