03 Dec 2012, 20:01
ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމަށް ނަގާ ވޯޓު ސިއްރުކުރަން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވާ އިރު ޑީއާރުޕީގެ މެންބަރު އަދި ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ރޮޒެއިނާ އާދަމް އެއްކޮޅަށް ވޯޓު ދެއްވާފައިވާތީ އެކަމާ ނުރުހުން ފާޅުކޮށް ޑީއާރުޕީގެ މެމްބަރުން ނިކުމެ އެ ރަށުގައި ނަގާފައި ހުރި އެ ޕާޓީގެ ބޮޑު ދިދަ ތިރިކޮށްފި އެވެ.
ތުލުސްދޫ އިން މިއަދު ވާހަކަ ދެއްކި ޑީއާރުޕީގެ މެމްބަރަކު ސަންއޮންލައިން އަށް ބުނީ ވޯޓު ސިއްރުކުރަން ދާއިރާގެ މެމްބަރު ރޮޒެއިނާ ވޯޓުދެއްވީ އެ ރަށުގައި ދިރި އުޅޭ ޕާޓީގެ މެމްބަރުން އެކަން ނުކުރުމަށް އިންޒާރު ދީފައިވަނިކޮށް ކަމަށެވެ. އެހެންކަމުން ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ފާލަން ކައިރީގައި ނަގާފައި ހުރި އެ ޕާޓީގެ ޒަމާންވީ މައި ބޮޑުދިދަ ތިރިކުރުމަށް ފަހު އެ ދިދަ ނަގާފައި ހުރި ދަނޑިވެސް މިހާރު އެއްލާލައިފާ ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި ޑީއާރުޕީން ގިނަ މެމްބަރުންތަކެއް ވަކިވެ އެހެން ޕާޓީތަކާ ގުޅުމުގެ ވާހަކަތައް ވެސް ރަށުތެރޭގައި ފެތުރެން ފަށާފައިވާ ކަމަށެވެ.
"ވޯޓު ސިއްރުކުރަން ތާއީދު ނުކުރުމަށް ޕާޓީގެ އެތައް މެމްބަރުންނެއް ރޮޒެއިނާ ކައިރީ ވަރަށް ސީރިއަސްކޮށް ބުނި. އަޅުގަނޑަކީ ވެސް އެ ޕާޓީގެ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް އުޅޭ އެކަކު. އަޅުގަނޑާ ހިއްސާކުރާނެ ކޮންމެ ކަމެއްވެސް. އެހެންވެ މިއީ ފުރަތަމަ ފިޔަވަޅު. ޕާޓީން ކެނޑެން ވެސް އެތައް ބަޔަކު ނިންމައިފި. މުޅި ރަށުގައި އެވާހަކަ. ވަަރަށް ރުޅިއައިސްފައި ތިބީ މެމްބަރުން،" އޭނާ ބުންޏެވެ.
ތުލުސްދޫ ކައުންސިލްގެ ރައީސް ޔޫޝައު ޖަމީލް ވެސް ސަން އަށް އެކަން ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ ތުލުސްދޫގެ ރައްޔިތުން އަބަދު ވެސް ތިބޭނީ ސަރުކާރާއި އެކީގައި ކަމަށެވެ. ރައީސުލްޖުމުހޫރިއްޔާ މަގާމުން ދުރުކުރަން މަޖިލީހުން ތައްޔާރު ވަމުންދާ ދަނޑިވަޅެއްގައި ރޮޒެއިނާ އަމަލު ކުރެއްވި ގޮތާ މެދު ތުލުސްދޫގެ އިތުރުން ދާއިރާގެ ހުރިހާ ރަށެއްގެ މީހުން ވެސް ހިތްހަމަ ނުޖެހިފައި ތިބި ކަމަށެވެ.
"ތުލުސްދޫގައި ތިބި ޑީއާރުޕީގެ މެމްބަރުން ނިކުމެ ދިދަ ބާލާ އަދި ދިދަނަގާފައި ހުރި ދަނޑި ވެސް ވަނީ ނަގާފައި. އަޅުގަނޑުމެން ތިބޭނީ ރައީސްގެ ފަހަތުގައި. ރައީސް ބޭރުކުރަން މަޖިލީހުގެ ތެރެއިން މަސައްކަތްކުރާ ވަގުތެއްގައި ރޮޒެއިނާ އެ ކަންތައްކުރީ މުޅިން ގޯސްކޮށް. މިރަށް އެކަންޏެއް ނޫން ދާއިރާގެ ހުރިހާ ރަށެއްގެ މެމްބަރުން ވެސް ވަރަށް ރުޅިއައިސް ތިބީ،" ޔޫޝައު ވިދާޅުވި އެވެ.
ވޯޓް ސިއްރު ކުރަން ރޮޒައިނާއިގެ އިތުރުން ޑީއާރްޕީން ވޯޓް ދެއްވީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި ރޮޒައިނާގެ ފިރިކަލުން އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމެވެ.
އެމްޑީޕީގެ މެންބަރުންނާ އެކު ވޯޓް ސިއްރު ކުރުމަށް ޖުމްހޫރީ ޕާޓީން ވޯޓް ދެއްވީ ގާސިމް އިބްރާހިމާއި އަބްދުﷲ އަބްދުއްރަހީމެވެ. މިނިވަން މެންބަރުންގެ ތެރެއިން ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވެސް ވޯޓުދެއްވީ ސިއްރުކުރާށެވެ.