22 Sep 2010, 15:33
ފަހަކަށް އައިސް ރައީސް ނަޝީދުގެ ޝުކުރާއި ތައުރީފުތައް ފަށްފަށް ކުރަމުންގެންދަވަނީ ހެޔޮ އެދިވަޑައިގެން ނޫން ކަމަށާއި އެއީ ޑީއާރްޕީގައި ފިތުނަ އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ކުރައްވާ ކަމެއް ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ތުހުމަތު ކުރައްވައިފި އެވެ.
އެމްއެންބީސީ ވަން އާއި ރާއްޖެ ރޭޑިއޯގެ އެއްވެސް ޕްރޮގްރާމެއްގައި ޑީއާރްޕީން ބައިވެރި ނުވުމަށް ކައުންސިލުން ނިންމުމަށް ފަހު ވީޓީވީގައި މިއަދު އިރުއޮއްސުނު އިރު ބޭއްވި ނޫސްކޮންފަރެންސެއްގައި ސަންއެފްއެމް އޮންލައިނުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަސްމީނު ވިދާޅުވީ ރައީސް ނަޝީދު ކުރައްވާ ތައުރީފުތަކަކީ "ސިޔާސީ މަޅިއެއް" ކަމަށެވެ. އަދި ޑީއާރްޕީން އެ މަޅީގައި ނުޖެހުމަށާއި ރައީސް ނަޝީދު، އޭނާ އަށް ކުރައްވާ ތައުރީފުތަކަކީ ތައުރީފު ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް ތައުރީފު ކުރައްވަނީ އަޅުގަނޑުމެންގެ ތެރޭގައި ފިތުނަ އުފައްދަންވެގެން. އަޅުގަނޑަކީ މިއަދު މިއޮތް ސަރުކާރުގެ އަމަލުތައް ގަބޫލު ކުރާ މީހެއް ނޫން. ވަރަށް ގިނަ ކަންތައްތައް އެބަހުރި އަޅުގަނޑު ގަބޫލު ނުކުރާ. އެކި ފުރުސަތުތަކުގައި އެކަންކަން ހާމަކޮށްފައިވާނެ،" ތަސްމީނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދު އޭނާ އަށް ކުރައްވާ ތައުރީފުތަކުގެ ސަބަބުން ބައެއް ފަރާތްކަށް ކަންކަން އޮޅިވަޑައިގަންނަވާ ކަމަށާއި ކަންތައް އެހެންވާ ނަމަ ރައީސް ނަޝީދުގެ އެ ސިޔާސަތުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއް އެމަނިކުފާނަށް ލިބިވަޑައިގަންނަވަމުންދާނެ ކަމަށެވެ.
ރައީސާއި ތަސްމީނާ ދެމެދު ސިޔާސީ ގުޅުންތަކެއް ހިނގަނީތޯ ދެންނެވުމުން ވިދާޅުވީ ރައީސް ނަޝީދު އެކި ކަންކަމުގައި މަޝްވަރާކުރައްވަން ފުރުސަތު ހުޅުވައިލެއްވުމުން މަޝްވަރާ ކުރާ ވާހަކަ، މިހާރު ތަކުރާކޮށް އިވިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި ޑީއާރްޕީ ހަރަކާތްރި ވަންޏާ ސަރުކާރުން ހުޅުވާލާ އެފަދަ މަޝްވަރާގެ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ.
"މަޝްވަރާ ކުރުމަކީ ސަރުކާރުން އެދޭ ގޮތަށް، ކަންކަމަށް އެއްބަސް ނުވުން. މަޝްވަރާ ކުރުމަކީ އެބޭފުޅުން ދައްކާ ވާހަކަ އަޅުގަނޑުމެން ވެސް އަޑުއަހާ ހިސާބުގައި ތިބުން. އަޅުގަނޑު ގަބޫލު ނުރާ ވަރަށް ގިނަ ކަންތައް ކުރާ ސަރުކާރަކަށް ވިޔަސް ބައެއް ކަންތައް ގާނޫނާ ހިލާފަށް ކުރާ ސަރުކާރަކަށް ވިޔަސަ ވާހަކަ ދައްކާލަން ބުނީމާ އިދިކޮޅު ލިޑަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވާހަކަ ދެކެވެންވާނެ،" ތަސްމީނު ވިދާޅުވި އެވެ.
ތަސްމީނަކީ ސިޔާސީ ގޮތުން ހަރަކާތެރި ލީޑަރެއް ނޫން ކަމަށް ބައެއް ފަރާތްތަކުންނާއި ޕާޓީގެ ބައެއް ލިޑަރުން ތުހުމަތު ކުރާ ކުރުމާ މެދު ވިދާޅުވަނީ ކީކޭތޯ ދެންނެވުމުން ތަސްމީނު ވިދާޅުވީ ޖަވާބު ދެއްވަން ބޭނުންފުޅު ނުވާ ކަމަށާއި އޭނާގެ ހަރަކާތްތެރިކަން އޭނާ ވިދާޅުވުމުން ކަމަކު ނުދާނެ ކަމަށެވެ.