03 Dec 2012, 19:45
އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް، (އޭޑީސީ)ގެ 27 ޑޮލަރު ކަނޑަން އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޖީއެމްއާރަށް ހުއްދަ ދޫކުރި ސިޓީއަކީ ޖީއެމްއާރުން ޑްރާފްޓްކޮށް ސަރުކާރަށް ދިން ސިޓީއެއްކަން ހާމަވެއްޖެ އެވެ.
ޖީއެމްއާރަށް އެއާޕޯޓް ހަވާލުކުރުމާ ގުޅޭ ގޮތުން ސަރުކާރުން އެކުލަވާލި ރިޕޯޓް މިއަދު ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން އާންމުކޮށްފަ އެވެ. ގިނަ ދުވަހުގެ ދިރާސާއަށް ފަހު އެކުލަވާލާފައިވާ 41 ސޮފްހާގެ ރިޕޯޓްގައިވާ ގޮތުން ކޮންސެޝަންފީން އޭޑީސީ ކެނޑުމަށް އެ ކުންފުނިން ބޭނުންވާ ހުއްދައިގެ ސިޓީ އޮންނަންވާ ގޮތުގެ ކޮޕީއެއް ޖީއެމްއާރުގެ ލޯޔަރު ވީނޫ 5 ޖެނުއަރީ 2012ގައި އެޓާނީ ޖެނެރަލަށާއި ފިނޭންސަށް ވަނީ ހިއްސާކޮށްފަ އެވެ.
ހަމަ އެ ދުވަހު އެ ސިޓީއާ އެއްގޮތަށް ހުއްދަ ދިނުމަށް އެމްއޭސީއެލްއަށް އަންގައި ފިނޭންސުން ސިޓީއެއް ފޮނުވި ކަމަށާއި އެ ސިޓީގައި ޖީއެމްއާރުން ޑްރާފްޓްކޮށް ފޮނުވި ސިޓީ އެޓޭޗުކޮށް ސޮއިކުރަން އެ ކުންފުންޏަށް ފޮނުވި ކަމަށެވެ. އަދި އެ ސިޓީ ފިނޭންސުން އެމްއޭސީއެލްއަށް ގެންދިޔައީ ޖީއެމްއާރުގެ މުވައްޒިފެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. އެ ސިޓީގެ އެމްއޭސީއެލްގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ސޮއިކުރެއްވީ އެ މުވައްޒަފުގެ ހާޒިރުގައި ކަމަށާއި އަދި އެއަށް ފަހު އެ ސިޓީ ޖީއެމްއާރަށް ރައްދު ކޮށްދިނީ އެ މުވައްޒަފު ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
"ފަހެއް ޖެނުއަރީ 2012ގެ ތާރީހުގައި ޖީއެމްއާރަށް ދީފައިވާ ހުއްދައިގެ ސިޓީތަކަކީ އެދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޖީއެމްއާރުން ޑްރާފްޓްކުރުމަށް ފަހު ދީފައިވާ ސިޓީތަކާ އެއްވެސް ތަފާތެއް ނެތްގޮތަށް ދީފައިވާ ހުއްދަތަކެއްކަން ފާހަގަކުރަމެވެ،" ރިޕޯޓްގައިވެ އެވެ.
އެ މައްސަލައިގައި އެފަދަ ކަންތައްތައް ހިނގާފައި ހުރުމުން އެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވާފައި ކަމަށް ރިޕޯޓްގައިވެ އެވެ.
އަދި ސިވިލްކޯޓުގެ ހުކުމާއި ގުޅިގެން އޭޑިސީ ނުނެގޭނެތީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ދައުލަތުން މަސައްކަތް ކުރި ނަމަވެސް ވަކި ވިޔަފާރި ކުންފުންޏެއްގެ ހިމާޔަތުގައި ސަރުކާރަށް މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ އެޓާނީ ޖެނެރަލް އެ މައްސަލަ އިސްތިއުނާފު ނުކުރީ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އެއްފަހަރަށް ވުރެ ގިނަ ފަހަރު އެ މައްސަލަ ޖީއެމްއާރުން ކޯޓުގައި އިސްތިއުނާފުކުރުމަށް ސަރުކާރުން އެދުމުން ޖީއެމްއާރުން ފުރަތަމަ އެކަމަށް އެއްބަސްވި ކަމަށެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރިއަސް ގާނޫނީ ގޮތުން އެކަމުގައި ކުރިއެރުމެއް ނުލިބޭނެ ކަމަށް އެ ކުންފުންޏަށް ފެނިގެން އެކަން ނުކުރުމަށް ނިންމި ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
އަދި ކޮންސެޝަންފީ އިން އޭޑީސީ ކަނޑާނެ ކަމަށް ބުނެ އެންމެ ފުރަތަމަ ސިޓީ ފޮނުވީ ޖީއެމްއާރުން ކަމަށާއި އެ ސިޓީއާ އެއްގޮތަށް އޭޑީސީން ކޮންސެޝަން ފީން ކެނޑުމަށް ހުއްދަ ދެއްވީ އޭރުގެ އެޓާނީ ޖެނެރަލް ހުއްދަދެއްވާފައި ވަނީ އެއްބަސްވުމުގެ 18 ވަނަ މާއްދާގައި ބުނެފައިވާ ޕޮލިޓިކަލް އިވެންޓްގެ ހާލަތެއް ކަމަށް ބުނެ ކަމަށާއި ނަމަވެސް އެއީ އެފަދަ ހާލަތެއް ނޫންކަމަށް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ބުނެފައި ވަނީ ޖީއެމްއާރުން ފޮނުވި ސިޓީގައި ސޮއިކުރަން އެމްއޭސީއެލްއަށް އަންގާ އެކަން ކޮށްފައިވަނީ އެގްރިމަންޓްގެ ތެރެއިން އެކަން ކުރެވެން ނެތުމުން އެކަން އެގްރިމަންޓްގެ ތެރެއަށް ފެއްތުމުގެ ގޮތުން ކަމަށެވެ.
"އެއްބަސްވުމުގައި އޮންނަ ގޮތުގެ ބޭރުން، ކަންކުރުމަށް ޖީއެމްއާރަށް ހުއްދަތަކެއް ދިނުމެވެ. މި ނަތީޖާ ހާސިލްކުރުމަށް މަސައްކަތްކޮށްފައި ވަނީ، ޖީއެމްއާރުން ޑްރާފްޓްކޮށްފައިވާ ސިޓީއެއްގެ ޒަރީއާއިން ކަމާއި މިކަމުގެ ސަބަބެއް ކަމުގައި ފެންނަނީ، އަދި އެޓާނީ ޖެނެރަލް ވިދާޅުވެފައިވާ ގޮތަށް ޕޮލިޓިކަލް އިވެންޓެއްގެ ގޮތުގައި ވީނަމަވެސް، މިހާލަތުގައި އެއްބަސްވުމުގައި އޮތްގޮތަށް ކުރިއަށް ގެންދިޔަ ނަމަ މި ފައިސާ ކެނޑުމުގެ ހައްގު ޖީއެމްއާރަށް ލިބިގެން ނުވާނެތީ ކަމުގައިވެލެވެ އެވެ،" ރިޕޯޓްގައިވެ އެވެ.
އަދި ފިއުލް ކޮންސެޝަންގެ ގޮތުގައި ސަރުކާރަށް ލިބޭ ފައިދާ މަދުވާނެ ގޮތަށް 22 ޖޫން 2011ގައި އޭރުގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒާއި ކުޑަބަންދޭ އެއްބަސްވުމަށް ޖީއެމްއާރުން ބޭނުންވާ ގޮތަށް އިސްލާހެއް ގެނެސް ޖީއެމްއާރާ އެކު އޭގައި ސޮއިކޮށްފައިވާ މައްސަލަ ވަނީ ރިޕޯޓްގައި ފާހަގަކޮށްފަ އެވެ.
އަދި އެގޮތަށް އެއްބަސްވުމަށް އިސްލާހެއް ގެނެސް އޭގައި ސޮއިކޮށްފައި ވަނީ އެއީ އެއްބަސްވުން މާނަކުރުމުގައި އެރި އޮޅުމެއް ކަމަށްބުނެކަން ރިޕޯޓުން ހާމަވެ އެވެ. ނަމަވެސް ޖީއެމްއާރުން ބޭނުން ގޮތަށް މާނަކޮށް އެއްބަސްވުން އިސްލާގުނުކުރެވޭނެ ކަމަށް ސަރުކާރަށް ލަފާދިން އެކައުންޓެންޓުންނާއި ލޯޔަރުން ވެސް ބުނެފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.
އެ އިސްލާހުގެ ސަބަބުން އެގްރިމަންޓްގެ މުއްދަތު ކަމަށްވާ 25 އަހަރުގެ ތެރޭގައި ދައުލަތަށް 1.58 ބިލިއަން ރުފިޔާގެ ގެއްލުމަކާއި ކުރިމަތިވާނެ ކަމަށް ވަނީ ސަރުކާރުން ލަފާކޮށްފަ އެވެ. އަދި އޭޑީސީ އުނިކުރަން ދިން ސިޓީ އާއި ފިއުލް ކޮންސެޝަން ޖީއެމްއާރުން ބޭނުންވާ ގޮތަށް ބަދަލުކޮށް އެގްރިމަންޓް އިސްލާހުކުރުމުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީން 30 ބިލިއަން ރުފިޔާ އުނިވެ އެމްއޭސީއެލްއަށް 6.71 ބިލިއަން ރުފިޔާގެ ގެއްލުމާ ކުރިމަތިވާނެ ކަމަށް ރިޕޯޓްގައި އަންދާޒާކޮށްފައިވެ އެވެ.
އެއްބަސްވުން ބާތިލްކުރީއިރު ވެސް ހުޅުލޭގެ ބިމުގެ މައްސަލައަކީ ވެސް ކޮންޓްރެކްޓްގެ ތެރެއިން ހައްލުނުވެ އޮތް މައްސަލައެއްކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެގްރިމަންޓްގެ ދަށުން 4.8 މިލިއަން އަކަމީޓަރުގެ ބިމުގެ ސަރަހައްދެއް ޖީއެމްއާރަށް ދޭން ޖެހޭ ކަމަށާއި އަދި އެމްއޭސީއެލްއަށް 90389 އަކަމީޓަރުގެ ބިމުގެ ސަރަހައްދު ހުޅުލޭން ލިބޭނެ އެވެ. ނަމަވެސް އެގްރިމަންޓްގައި ބުނާ އަދަދަށް ޖީއެމްއާރަށް ބިން ނުލިބޭ ކަމަށް ބުނާ ކަމަށާއި އަދި ސަރުކާރަށް ދިން ބުމުގެ ނިސްބަތުން އެބައި އުނިކުރެވޭ ކަމަށް ޖީއެމްއާރުން އަންގާފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
އަދި އެއާޕޯޓް ޕްރޮޖެކްޓަށް ޖީއެމްއާރުން ހޯދާ ފައިނޭންސްގެ ގެރެންޓާއަކަށް ވުމަށް ޑައިރެކްޓް އެގްރިމަންޓެއްގައި ސަރުކާރާއި އެމްއޭސީއެލް އިން ސޮއި ކޮށްފައިވާ ކަމަށާއި ނަމަވެސް ސަރުކާރު ވެސް އަދި އެމްއޭސީއެލް ވެސް ފައިނޭންސްގެ މެދުވެރިއަކަށް ވާންނުޖެހޭ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އަދި އެއްބަސްވުމުގެ ދަށުން ޖީއެމްއާރުން ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި އޭގެން ލިބުނު ގެއްލުމުގެ އަދަދު ވެސް މިހާތަނަށް ހޯދިފައި ނުވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
ބިޑްގެ އިވެލުއޭޝަން ޕްރޮސީޖާ ދިޔަގޮތްވެސް ވަނީ ރިޕޯޓްގައި އަލިއަޅުވާލައިފަ އެވެ. އަދި މުޅި ޕްރޮސީޖާ ގޮސްފައި ވަނީ ރަނގަޅަށްކަން ގަބޫލުކުރެވޭނެ ހެކިތަކެއް ފެންނަން ނެތްކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ބިޑްގެ މަރުހަލާގައި ޖީއެމްއާރުން އެންމެ ފުރަތަމަ ބިޑް ކުރި ނަމަވެސް އެކުންފުނި ޝޯޓްލިސް ނުވާ ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އަލުން އިއުލާންކުރުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރޭގައި ޖީއެމްއާރު ޝޯޓްލިސްޓްވި ތިން ކުންފުނީގެ ތެރޭގައި ހިމެނުނެވެ. އަދި އައިއެފްސީއާއި ސަރުކާރުގެ ކޮންސަލްޓެންޓުގެ ޓީމަކުން ބިޑް އިވެލުއޭޓް ކުރި އިރު ޓެކްނިކަލް ބިޑުން ޖީއެމްއާރު ފުރަތަމަ ބުރުންވެސް ފެއިލްވެފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ކޮމެޓީގެ މެންބަރުން އަލުން މަޝްވަރާ ކުރުމަށް ފަހު ކޮމެޓީގައި އަލުން ވޯޓެއް ނަގައި 3-2 ކުން ޖީއެމްއާރު ޓެކްނިކަލް ބިޑުން ފާސްވީ ކަމަށް ވަނީ ނިންމައިފަ އެވެ. އަދި އިވެލުއޭޝަން ކޮމެޓީގެ ރިޕޯޓްގައި ފަސް މެންބަރުން ތިބި ނަމަވެސް އެ ރިޕޯޓްގައި ސޮއިކޮށްފައި ވަނީ ހަތަރު މެންބަރުން ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
ޑޮކިއުމަންޓުން ފެންނަން ހުރި ހިސާބުތަކަށްބަލާއިރު ޝޯޓްލިސްޓް ކުރި ތިން ކުންފުންޏަކީ ޓީއޭވީ އާއި ޖީއެމްއާރު އަދި ޔުނީކް ޖީވީކޭ އެވެ. އެގޮތުން ޖީއެމްއާރަކީ އެންމެ ބޮޑު އަޕްފްރޮންޓް ފީއެއްހުށަހެޅި ކުންފުންޏެވެ. އެ ކުންފުނިން 78 މިލިއަން ޑޮލަރު ދައްކަން ހުށަހެޅި އިރު ޓީއޭވީން ހަތް މިލިއަން ޑޮލަރު އަދި ޔުނީކް ޖޭވީކޭއިން 27 މިލިއަން ޑޮލަރު ހުށަހަޅާފައިވެ އެވެ. ނަމަވެސް އާމްދަނީ އަށް ބަލާއިރު 2011 އިން 2014 އަށް ޖީއެމްއާރުން ދޭން އެއްބަސްވެފައި ވަނީ އެ ކުންފުނީގެ އާމްދަނީން އެންމެ ޕަސެންޓެކެވެ. ނަމަވެސް ޓީއޭވީން 31 ޕަސެންޓް އަދި ޔުނީކް ޖޭވީކޭން އާމްދަނީގެ 27 ޕަސެންޓް ސަރުކާރަށް ދޭން ހުށަހަޅާފައިވެ އެވެ. އަދި 2015 އިން 2025 އަށް ޓީއޭވީން 29.5 ޕަސެންޓް އާމްދަނީގެ ތެރެއިން ސަރުކާރަށްދޭނެ އެވެ. ޖީއެމްއާރުން އެ މުއްދަތުގައި 10 ޕަސެންޓް ސަރުކާރަށް ދޭއިރު ޔުނީކް ޖީވީކޭން ނުވަ ޕަސެންޓް ދޭގޮތަށް ވަނީ ހުށަހަޅައިފަ އެވެ.
އަދި އެއާޕޯޓުގައި ހިންގާ ވިޔަފާރިތައް ޖީއެމްއާރަށް ދިނުމުން 18.40 ބިލިއަން ރުފިޔާގެ ގެއްލުމެއް 25 އަހަރުގެ ތެރޭގައި އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި އެއްބަސްވުމުގައިވާ ގޮތަށް ޖީއެމްއާރުން އެއާޕޯޓް ހޮޓާ ހިންގުމާއި ޖެޓްއޭ-1 ފިއުލް ވިއްކަން ފަށައިފި ނަމަ ދައުލަތަށް 3.92 ބިލިއަން ރުފިޔާގެ ގެއްލުމާއި ކުރިމަތިވާނެ އެވެ. އަދި އެއްބަސްވުމުގެ ދަށުން ޖީއެމްއާރުން ރިޓެއިލް ސެކްޓަރާއި ހައުސިން ސެކްޓަރާއި ސިއްހީ އަދި ތައުލީމީ ސެކްޓަރަށް ހުޅުލޭގައި އިންވެސްޓް ކުރުމުގެ ހުއްދަ އޮންނައިރު އެ ކުންފުނިން އެކަންކަން ކުރަން ފަށައިފި ނަމަ މުޅި އިގްތިސޯދަށް 22.46 ބިލިއަން ރުފިޔާގެ ގެއްލުމެއް ކުރިމަތިވާނެ ކަމަށްވެސް އަންދާޒާކޮށްފައިވެ އެވެ. އަދި އެގްރިމަންޓްގެ ދަށުން އެއާޕޯޓްގެ ފީތައް ބޭނުން އިރެއްގައި ބޮޑު ކުރުމުގެ ބާރު އޮންނަ އިރު އަދި އޭޑީސީ ވެސް ބޮޑުކުރުމުގެ ބާރު އޮންނައިރު އެކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ކުރާނެ ގެއްލުން މުޅިން ހިސާބުނުކުރެވޭ ކަމަށްވެސް ރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ.
އެ ހުރިހާ ސަބަބުތަކެއް ބަޔާންކުރުމަށް ފަހު ރިޕޯޓްގެ ނިންމުމުގައި ބުނެފައިވަނީ؛ "އެއްބަސްވުމުގެ ސަބަބުން 25 އަހަރުގެ ތެރޭގައި ދައުލަތަށް ގެއްލޭނެ އަދަދު، އެއްބަސްވުން ނިމުމަކަށް ގެނެސްގެން، ގެއްލުމުގެ ބަދަލުދައްކަން ޖެހުމަށް ވުރެ އިތުރުނުވާނޭ ކަމުގައި އަންދާޒާކުރެ"ވެ އެވެ.