ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުބާރު ނެތްކަމަށް ނަގާ ވޯޓު ސިއްރުކުރަން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވާ އިރު އެމްޑީޕީން އިސްނަގައިގެން އެކަންކުރަން ނިންމީ މިހާރު އޮތް ސަރުކާރު ވައްޓާލަން ބޭނުން ވެގެން ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމްޑީޕީން އިސްނަގައިގެން އެގޮތަށް ފާސްކުރުވީ މަޖިލީހުގެ ތެރެއިން އެނޫން ގޮތަކަށް ސަރުކާރު ވައްޓާލެވެން ނެތުމުން ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ވަހީދު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު ކުރީ ސަރުކާރުން ރައްޔިޔުންނަށް ކޮށްދެމުންދިޔަ އެތަށް ކަމެއް ހުއްޓާލައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހުރިހާ މަސައްކަތެއް ހުއްޓާފައި ނަމަވެސް މިވަގުތު ރައްޔިތުންގެ މަޖިލީހުގައި ކުރަންޖެހިފައި އޮތް އެންމެ މުހިއްމު މަސައްކަތަކީ ރައީސް ވަހީދުގެ ސަރުކާރު ވަގުތުން ވަގުތަށް ވައްޓާލުން ކަމަށެވެ.

"އިތުބާރު ނެތްކަމަށް ނަގާ ވޯޓު ސިއްރުކުރަން އަޅުގަނޑުމެން އިސްނެގީ މިހާރު މި އޮތް ސަރުކާރު ވައްޓާލަން ވެގެން. އަޅުގަނޑުމެން މިކަން މިކުރީ މިވަގުތުގެ ހާލަތަށް ބަލާފައި މިނޫން ގޮތަކަށް މަޖިލީހުގައި ކަންކުރެވެން ނެތިގެން. މަޖިލީހުގައި ކުރަންހުރި ހުރިހާ ކަމެއް ހުއްޓާލާފައި ނަމަވެސް ވަހީދުގެ ސަރުކާރު ވައްޓާލަން އެބަޖެހޭ،" އިބޫ ވިދާޅުވި އެވެ.

އެ ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވީ ކުރިއަށް ތަނުގައިވެސް ބައެއް ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ވައްދާނެ ކަމަށެވެ. އެއާޕޯޓު މައްސަލައިގައި ހޯމް މިނިސްޓަރު ޖަމީލު އާއި ޑިފެންސް މިނިސްޓަރު ނާޒިމް ކުރައްވާ ކަންތައްތަކަކީ އެމްޑީޕީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެ ކަންތައްތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ ދެބޭފުޅުންގެ އިތުބާރު ފެންނަނީ ވަރަށް ފަނޑުކޮށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައިވެސް ބައެއް ވަޒީރުންގެ އިތުބާރުނެތް ކަމުގެ މައްސަލަތަށް މަޖިލީހަށް ވައްދާނަން. އެނގި ވަޑައިގަންނަވާނެ ފަދައިން އެއާޕޯޓު މައްސަލައިގައި ޑިފެންސް މިނިސްޓަރާއި، ހޯމްމިނިސްޓަރު މި ނަންގަވަމުންދާ ސްޓޭންޑް ތަކަށް އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ. އެހެންވީމައި އެދެ ބޭފުޅުން ހަރަކާތްތަށް އަޅުގަނޑުމެން މި ގެންދަނީ ވަރަށް ގާތުން ބަލަމުން. އެ ބޭފުޅުންގެ އިތުބާރު މި ފެންނަނީ ވަރަށްވެސް ފަޑުކޮށް،" އަލީ ވަހީދު ވިދާޅުވި އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް އާންމު ކޮމެޓީން ފޮނުވި ރިޕޯޓު މިއަދުގެ ޖަލްސާގައި ފާސްވީ 41 މެންބަރުން ވޯޓް ދެއްވައިގެންނެވެ. ރިޕޯޓް ފާސް ކުރުމާ ދެކޮޅަށް 34 މެންބަރުން ވޯޓު ދެއްވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އިތުބާރު ނެތް ކަމުގެ ވޯޓް ފާސް ކުރަން ޖުމްހޫރީ ޕާޓީ އާއި ޑިއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންތަކެއް ވޯޓް ދެއްވި އެވެ.

ވޯޓް ސިއްރު ކުރުމަށް ޑީއާރްޕީން ވޯޓް ދެއްވީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމެވެ.

އެމްޑީޕީގެ މެންބަރުންނާއެކު ވޯޓް ސިއްރު ކުރުމަށް ޖުމްހޫރީ ޕާޓީން ވޯޓް ދެއްވީ ގާސިމް އިބްރާހިމާއި އަބްދުﷲ އަބްދުއްރަހީމެވެ. މިނިވަން މެންބަރުންގެ ތެރެއިން ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވެސް ވޯޓުދެއްވީ ވޯޓު ސިއްރު ކުރުމަށެވެ.