މިދިޔަ ރޯދަ މަހު ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަނެގެން ފުލުހުންނަށް ފިލަން، ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ސައިކަލަކުން ޖެހި މަރުވި ސ.ހިތަދޫ ރަތްފުސްގެ އަބުދުﷲ ޤާސިމް އިބުރާހިމް މަރުގެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަމަށް ބެލެވޭތީ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް އެމްޑީޕީން އެ މައްސަލަ ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ފަރާތުން މި މައްސަލަ ހުށަހެޅުއްވީ އައްޑޫ ސިޓީއަށް ނިސްބަތްވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ތިން މެންބަރުން ކަމަށްވާ އެ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ގެ އިތުރުން ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެވެ.

އެމްޑީޕީން މިއަދު ހުށަހެޅި މައްސަލާގައިވާ ގޮތުން ޤާސިމް، ޖަސްޓިސް ބިލްޑިންގް ކުރިމަތީގައި ސައިކަލްގައި މަޑުކޮށްގެން ހުއްޓާ ސައިކަލްގައި ދުއްވާފައި ދިޔަ މީހެއްގެ ގައިގައި ފުލުހަކު މުގުރުން ޖެހުމުން އޭނާ ވިއްސައިގެންގޮސް ޤާސިމްގެ ސައިކަލުގައި ޖެހި، ވީ އެކުސިޑެންޓްގައި ލިބުނު ގެއްލުމަށް ފަރުވާ ދެމުންދަނިކޮށް 20 އޮގަސްޓް 2012ވީ ހޯމަ ދުވަހު ސްރީލަންކާގެ ނަވޯލޯކާ ޕްރައިވެޓް ހޮސްޕިޓަލްގައި އޭނާ ނިޔާވެފައިވާ ކަމަށެވެ


"މި (ޢަބްދުﷲ ގާސިމްގެ މަރުގެ) މައްސަލައާއި ގުޅިގެން އެއްވެސް މައުލޫމާތެއް ފުލުހުން އާއްމުކޮށްފައި ނުވުމާއި އަދި އާއިލާއަށް އެއްވެސް މައުލޫމާތެއް ދީފައިނުވާތީ، މިމަރުގެ ހަޤީޤަތް ވަނީ ސާފު ނުވެފަ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ލީކުވެފައިވާ ވީޑިއޯ ފޫޓޭޖަކުން މިކަން ހިނގައިދިޔުމުގައި ފުލުހުންގެ އިހުމާލުވާކަން ފާހަގަކުރެވެ އެވެ. ވީމާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީއަށް މަޖިލީހުގެ ޤަވާއިދުގެ 102 ވަނަ މާއްދާގެ (ރ) އިން ލިބިދީފައިވާ ބާރުގެ ދަށުން މިމައްސަލަ ތަޙުޤީގުކޮށް ބަލައި ދިނުމަށް އެދި މިމައްސަލަ ހުށަހެޅީމެވެ،" އެމްޑީޕީގެ ސިޓީގައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ކުރިން ފުލުހުން ބުނެފައި ވަނީ އެމީހާ މަރުވީ ބިދޭސީއެއްގެ އަތުން ފޯނެއް ފޯރިގަނެގެން ދިޔަ ބަޔަކު ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، އެމީހުން ދުއްވި ސައިކަލުން ޖެހިގެން ކަމަށެވެ.