ފީފާ ވޯލްޑް ކަޕް ބްރެޒިލް 2014ގައި ބޭނުން ކުރާނޭ މެސްކޮޓު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ހާމަކޮށްފި އެވެ. ބްރެޒިލްގެ ރައްޔިތުންނަށް އޮންލައިން ކޮށް ވޯޓުލެވޭ ގޮތަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި 1.7 މިލިޔަން މީހުން ވޯޓު ދީފައި ވަނީ މިފަހަރުގެ މެސްކޮޓަށް "ފްލޭކޯ" ކިޔުމަށެވެ.

ޝޯޓްލިސްޓު ކުރެވުނު ތިން ނަމުގެ ތެރެއިން "ފުލޭކޯ" އަށް ލިބިފައި ވަނީ ޖުމުލަ ވޯޓުގެ 48 އިންސަތަ އެވެ. އަދި "ޒުޒޭކޯ" އަށް 31 އިންސައްތަ ލިބުނު އިރު "އަމިޖޫބީ" އަށް ލިބުނީ 21 އިންސައްތަ އެވެ. މިފަހަރުގެ މެސްކޮޓު ހަދާފައިވަނީ ބުރެޒިލްގެ ދިދައިގަ ހިމެނޭ ކުލަތަށް ކަމުގައިވާ ރީނދޫ ކުލަ އާއި ނޫ ކުލައާއި ފެހި އަދި ހުދު ކުލަ ހިމެނޭ ގޮތަށެވެ.

"ފްލޭކޯ" މިބަސް ނެގިފައި ވަނީ، ޕޯޗުގީޒު ބަހުން ފުޓްބޯޅަ އަށް ބޭނުން ކުރާ ބަސް "ފުޗެބޯލް" އާއި އިކޮލޮޖީއަށް ބޭނުންކުރާ ބަސް "އިކޮލޮޖިއާ" މިދެބަސް އެއްކޮށްލައިގެން ނެވެ. ފީފާ އިން ބުނެފައި ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ބޮޑު އިސްކަމެއް ދޭނެ އެއްކަމަކީ މީސްތަކުންގެ މެދުގައި ތިމާވެއްޓާއި އަދި ވެށީގައި ދިރިއުޅޭ އެންމެހައި ތަކެއްޗާ ބެހޭ ގޮތުން ހޭލުންތެރިކަން އުފެއްދުމާއި އެފަދަ މެސްޖްތައް މީސްތަކުންނަށް ފޯރުކޮށް ދިނުން ކަމަށެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން އާންމު ކުރި މެސްކޮޓުގައި މިފަހަރު ބޭނުން ކޮށްފައިވާ ކެރެކްޓަރަކީ ބުރެޒިލްގައި ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރެއް ކަމުގައިވާ އާމަޑިލޯ އެވެ. މި ޖަނަވާރަކީ މަންމަލި "މެމަލްސް"ގެ ތެރޭގައި ހިމެނޭ ގާތްގަނޑަކަށް 150 ސެންޓި މީޓަރު ހުންނަ ބަރުދަނުގައި 59 ކިލޯ ހުންނަ ވަރުގެ ބޭރުގައި ހަރު ތޮށިގަނޑެއް ލާފައިވާ މީދަލުގެ ސިފައަށް ހުންނަ ބޮޑު ޖަނަވާރެކެވެ.

ފުލޭކޯ މެސްކޮޓު އާންމު ކުރިފަހުން ބުރެޒިލްގައި މި ކެރެކްޓަރު ވަނީ އާންމުންގެ މެދުގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފަ އެވެ. މިގޮތުން ބުރެޒިލްގެ އާންމުންގެ 89 އިންސައްތަ މީހުން ބުނީ އެމީހުންނަށް ވަނީ ފީފާ ވޯލްޑް ކަޕްގެ އޮފިޝަލް މެސްކޮޓު މިހާރު ފެނިފައި ކަމަަށާއި ފުލޭކޯ އަކީ މިފަހަރު ބޭނުން ކުރަން ހަމަ އެންމެ އެކަށީގެންވާ މެސްކޮޓުކަމަށެވެ. އަދި ކުޑަ ކުދިންގެ މެދުގައި ވެސް ފުލޭކޯ ދަނީ ވަރަށް ހަލުވި ކަމާއެކު މަޝްހޫރުކަން ހޯދަމުން ނެވެ.

ސަގާފަތެއްގެ ގޮތުން ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގައި މިފަދަ މެސްކޮޓެއް އެންމެ ފުރަތަމަ ބޭނުން ކުރެވިފައި ވަނީ 1966 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ބޭއްވުނު މުބާރާތުގައި "ވޯލްޑް ކަޕް ވިލީ"ގެ ނަން ދީފައިވާ ސިންގާ އެއް ދައްކުވައިދޭ މެސްކޮޓެ ކެވެެ. އަދި އެންމެ ފަހުގެ ވޯލްޑް ކަޕްގައި2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭނުން ކުރެވުނީ "ޒަކޫމީ" ކިޔާ ލެޕަޑެކެވެ.