ބާސްކެޓު ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ޒުވާނުންގެ މަރުކަޒުގެ ބާސްކެޓް ކޯޓުގައި މިހާރު ކުރިއަށް ގެންދާ އަށް ވަނަ ގައުމީ ބާސްކެޓު ބޯޅަ ލީގުގެ ފުރަތަމަ މެޗުގައި ހަރިކޭން އާއި ޓީ-ރެކްސް ބައްދަލު ކުރި މެޗު، 93 ޕޮއިންޓު 63 ޕޮއިންޓުން ޓީ-ރެކްސް ކާމިޔާބު ކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ޓީ-ރެކްސް އަށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދީފައި ވަނީ އެޓީމުގެ ޒަކަރިއްޔާ އަބުދުއްލަތީފު އެވެ. އަދި ހަރިކޭން ޓީމަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ އެޓީމުގެ އޮބީ ކެނެއްޗޫ ސަންޑޭ އެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީ-ރެކްސް ގެ އެކަސޮމީ ކްރިސްޓޮފާ އެވެ.

މި މުބާރާތުގެ ދެވަނަ މެޗު ގައި ކްލަބް އީގަލްސް އާއި ވާދަކޮށް 114 ޕޮއިންޓު 68 ޕޮއިންޓުގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބު ކުރީ ރެޑްލައިން ކުލަބު (އާރުސީއެލް) އެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އާރުސީއެލް އަށް 43 ޕޮއިންޓު ހޯދައި ދިން މުހައްމަދު ޒިލާލު އެވެ. އަދި އީގަލްސް އަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ އެކުލަބަށް 21 ޕޮއިންޓު ހޯދައި ދިން ނިކޮލާ ކޫގާ އެވެ.

އަށްވަނަ ގައުމީ ބާސްކެޓު ބޯޅަަ ލީގާއި 32 ވަނަ ގައުމީ މުބާރާތް މި މަހުގެ އެކަކުން އަށާވީހަށް ކުރިއަށް ގެންދާނެ އެވެ. ގައުމީ ބާސްކެޓު ބޯޅަ ލީގުގައި ބައިވެރި ވެފައިވާ ހަ ޓީމު ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް ބުރު ނިމޭއިރު އެންމެ ގިނައިން ޕޮއިންޓު ހޯދާ ހަތަރު ޓީމު، ލީގުގެ ދެވަނަ ބުރަށް ދާނެ އެވެ. އަދި ލީގު ޗެމްޕިއަން ކަން ލިބޭނީ ދެވަނަ ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް ނިމޭއިރު ދެބުރުން އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަށެވެ.

މީގެ އިތުރުން ލީގުގެ އެންމެ ގިނަ ޕޮއިންޓު ހޯދާ ހަތަރު ޓީމަށް 32 ވަނަ ގައުމީ ބާސްކެޓު ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޒަނުން ޖާގަ ލިބޭނެ އެވެ.

އަށް ވަނަ ބާސްކެޓު ބޯޅަ ލީގުގައި ބައިވެރި ވެފައިވާ ޓީމު ތަކަކީ، ހަރިކޭން ބާސްކެޓު ބޯލް ކުލަބާއިި ޓީ-ރެކްސް ބާސްކެޓު ބޯލް ކުލަބާއި ކުލަބް އީގަލްސް އާއި ރެޑް ލައިން ކުލަބާއި ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ޕޮލިސް ކުލަބެވެ.

32 ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ އަންހެން ޑިވިޒަން ގައި ބައިވެރި ވެފައި ވަނީ، ގުޑީޒް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އިތުރުން ޓީ-ރެކްސް ބާސްކެޓު ބޯޅަ ކުލަބެވެ.

ގައުމީ ބާސްކެޓު ބޯޅަ ލީގުގައި މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބެވެ. މެޗު ފަށާނީ ރޭގަނޑު ނުވައެއް ޖަހާ އިރު އެވެ.