03 Dec 2012, 16:46
އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރަން ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވޯޓް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ވެރިކަން ވައްޓާލުމަށް ނޫން ކަމަށް ޑީއާރްޕީން މިއަދު ބުނެފި އެވެ.
އިތުބާރު ނެތް ކަމުގެ ވޯޓް ފާސް ކުރަން ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 14 މެންބަރުންގެ ތެރެއިން އަށް މެންބަރުން ވޯޓް ދެއްވި އެވެ. ވޯޓް ސިއްރު ކުރުމާ ދެކޮޅަށް ޑީއާރްޕީގެ ހަ މެންބަރުން ވޯޓް ދެއްވި އެވެ.
ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް ތާއިދުކޮށް، ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެފަދަ ނިންމުމެއް ނިންމަންޖެހުނު ސަބަބު މީޑިއާ އަށް ހާމަކުރެވެން ނެތް ކަމަށެވެ.
މިއަދު މަޖިލީހުގައި ނެގި ވޯޓްގައި ޑީއާރްޕީގެ ތްރީލައިން ވިޕާ ދެކޮޅަށް ޕާޓީގެ މެންބަރުންތަކެއް ވޯޓް ދެއްވިކަން އެނގިވަޑައިގެންފައި ނުވާ ކަމަށް މައުސޫމް ވިދާޅުވި އެވެ. އަދި ޕާޓީގެ ތްރީލައިން ވިޕާ ދެކޮޅަށް ވޯޓް ދެއްވި މެންބަރުންނާ މެދު ފިޔަވަޅު އަޅުއްވަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރަން ޑީއާރްޕީގެ މެންބަރުން ވޯޓް ދެއްވީ ސަރުކާރާ ދެކޮޅަށް ނޫން ކަމަށެވެ. އަދި ވޯޓް ސިއްރު ކުރަން މަޖިލީހުން ފާސް ކުރުމަކީ ޕާލަމެންޓްރީ ނިޒާމަށް ގެނައި ބަދަލެއް ކަމަށާއި އެއީ ވަކި ސަރުކާރަކާ ޖައްސާލައިގެން ކުރި ކަމެއް ނޫން ކަމަށް މައުސޫމް ވިދާޅުވި އެވެ.
"މިއަދު މަޖިލީހުން ފާސް ކުރި ކުރުމަކީ ވަކި ސަރުކާރަކާ ޖައްސާލައިގެން ފާސްކުރި ކުރުމެއް ނޫން. އެއީ މި [ޕާލަމެންޓްރީ] ނިޒާމަށް ގެނައި ބަދަލެއް. އަޅުގަނޑުމެން މި ބަދަލު ގެނައިއިރު އެބަ އިނގޭ 2013ގައި ސަރުކާރު ބަދަލުވެގެން އެހެން ސަރުކާރެއްކަން އޮންނާނީ ހަމަ މި ދުސްތޫރުކަން ހިނގާނީ،" މައުސޫމް ވިދާޅުވި އެވެ.
އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް ފާސް ކުރުމަކީ ރައީސް ވަހީދުގެ ވެރިކަން ވައްޓާލުމަށް ފުރުސަތު ދެވޭ ކަމެއް ނޫންތޯ ސުވާލު ދެންނެވުމުން މައުސޫމް ވިދާޅުވީ އެ އިސްލާހަކީ އެ މަގުސަދުގައި ގެނައި އިސްލާހެއް ނޫން ކަމަށެވެ.
"ސަތޭކަ ފަންސާސް ފަހަރު މިވާހަކަ ރިޕީޓް ކުރެވިދާނެ. އަޅުގަނޑުމެން މީތި ފާސް ކުރީމަ، އެބަ އިނގޭ 2013ގައި ވެރިކަމުގައި މާތްﷲ އިރާދަފުޅުން އޮންނާނީ ޑީއާރްޕީ. ރައީސްއަކަށް ހުންނަވާނީ ތަސްމީން އަލީ. އެމަނިކުފާނު ވެރިކަމުގައި ހުންނައިރު އެމަނިކުފާނުގެ މައްޗަށް ވެސް މިކަން މިގޮތަށް ދާނެ،"
މައުސޫމް ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް މަޖިލީހުން ފާސް ކުރުމުން ދެން ފެނިގެންދަނީ މެންބަރުންގެ އިހްލާސްތެރިކަން އޮންނަ މިނަވަރު ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ބޭފުޅުން އިހްލާތެރިކަން ދުއްވާނުލައި ތިމާ ކުރާ ކަންތައް މާތްﷲ ދެނެވޮޑިގެންވާ ކަމަށް ދެނެހުރެ ވޯޓުލުން. ދުނިޔެ މައްޗަށް ވޯޓް ސިއްރު ކުރިޔަސް، އާޚިރަތްދުވަހު އޭގެ ނަތީއްޖާއަންނާނެކަން ދެނެހުރެ ވޯޓްދިނުން،" މައުސޫމް ވިދާޅުވި އެވެ.
އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް އެމްޑީޕީގެ 30 މެންބަރުންގެ ތެރެއިން ވޯޓް ދެއްވާފައި ވަނީ 29 މެންބަރުންނެވެ. އެ ޕާޓީން ވޯޓް ސިއްރު ކުރުމާ ދެކޮޅު ހައްދަވާފައި ވަނީ ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމެވެ.
އެމްޑީޕީގެ މެންބަރުންނާ އެކު ޑީއާރްޕީން ވޯޓް ދީފައި ވަނީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާއި އެމަނިކުފާނުގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އާއި އޭނާގެ އަނބިކަނބަލުން ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމެވެ.
ވޯޓް ސިއްރު ކުރުމާ ދެކޮޅަށް އެ ޕާޓީން ވޯޓް ދެއްވާފައި ވަނީ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައިމާއި ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމާއި ކަނޑީތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިންއާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެންބަރު މުހައްމަދު ރާމިޒެވެ. އަބްދުﷲ ޝާހިދު ރިޔާސަތުގައި އިންނެވުމުން އެމަނިކުފާނަށް ވޯޓްގައި ބައިވެރިއެއް ނުވެ އެވެ.
ޖުމްހޫރީ ޕާޓީން ވޯޓް ދެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމެވެ. މިނިވަން މެންބަރުންގެ ތެރެއިން ވޯޓް ސިއްރު ކުރުމަށް ވޯޓް ދެއްވީ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އެވެ.