03 Dec 2012, 16:40
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެތިތަކަކާ އެކު ނ. މާޅެންދޫ ސްކޫލްގެ ޓީޗަރަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒްގެ ރަބަރު ޕެކެޓަކާއި ދެ ސެލޯފިންކޮޅާ އެކު ނ. މާޅެންދޫން 29 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ކަމަށެވެ.
އަދި ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާ ތަކެތި އެތެރެކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އިއްޔެ ހަވީރު ކަމަށެވެ.
ފުލުހުން ބުނީ މާޅެންދު އަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މަނަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެ މެންދުރު ފަހު 14:30 ހާއިރު މާޅެންދޫއަށް މާލެއިން އިން ދިޔަ ދޯންޏަކުން ބޭލި ފޮށިގަނޑެއް ހިފައިގެން ދަނިކޮށް ކަމަށެވެ.
އަދި ބުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އެ އެއްޗެހިތައް ފެނިފައި ވަނީ މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އެފޮށިގަނޑުގެ ތެރެއިން ކަމަށެވެ.
އެ މައްސަލަ މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.
މާޅެންދޫން ހައްޔަރު ކުރި މީހާއާ ބެހޭ ތަފުސީލު ފުލުހުން ހާމަ ނުކުރި ނަމަވެސް އެ ރަށު ކައުންސިލުން ބުނީ ހައްޔަރުކޮށްފައި ވަނީ އެ ރަށު ސްކޫލްގައި ކިޔަވައިދެމުން އަންނަ އަލީ ހުސައިން ނަމަކަށް ކިޔާ ޓީޗަރެއް ކަމަށެވެ.
"އޭނާއާ ބެހޭ ޝަކުވާތައް ކުރިއްސުރެ ވެސް ކައުންސިލަށް ވެސް އަންނަމުން ދިޔަ، އަދި އޭނާ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ،" މާޅެންދޫ ރަށު ކައުންސިލްގެ ރައީސް އަބުދުއް ރަޙީމް ހަސަން ވިދާޅުވި އެވެ.