ހުޅުމާލޭ އެކްސްޕްރެސް ފެރީއަކާއި ބަނޑޮސް ފެރީއެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އެކަކު މަރުވެ ގިނަ ބަޔަކު ޒަހަމްވި އެކްސިޑެންޓަށް ފަހު ހުޅުމާލެ އެކްސްޕްރެސް ފެރީގެ ހިދުމަތް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓް ސެކްޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހިދުމަތުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން އެކަންތައްތައް ފުރިހަމަ ކުރުމަށް މިއަދުން ފެށިގެން އެ ފެރީގެ ހިދުމަތް މެދުކަނޑާލައިފައިވާ ކަމަށެވެ. އެ ހިދުމަތް އަލުން ފެށޭނެ ދުވަހެއް ދަންނަވަން ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ވާނީ ނޯޓިސް ވެސް ޖަހާފައި ހުއްޓާލިކަން އެ ހިދުމަތް. ނަމަވެސް މުޅިން ހުއްޓާލީއެއް ނޫން. ހިދުމަތް އިތުރަށް ފުރިހަމަކޮށްފައި އަލުން ފަށާގޮތަށް އޮތީ،" އޮފިޝަލް ވިދާޅުވި އެވެ. އަދި އެކްސިޑެންޓާ ހިދުމަތް ހުއްޓާލުމައި ގުޅުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭގެ އެކްސިޑެންޓްގައި މަރުވެފައި ވަނީ ބަނޑޮސްލޯންޗްގައި ހުރި ޓޫރިސްޓެކެވެ. އޭނާގެ އިތުރުން އަށް މީހަކަށް އެކިވަރުގެ އަނިޔާވި އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ސީރިއަސް އަނިޔާތައް ލިބުނެވެ. އަދި ދެ ލޯންޗަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.

މިފަހަކަށް އައިސް ހުޅުމާލޭ އެކްސްޕްރެސް ފެރީގެ ލޯންޗްތައް އެކްސިޑެންޓްވުމުގެ ހާދިސާތައް މިފަހުން ވަނީ ހިނގާފަ އެވެ.