ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް މަޖިލީހުން ފާސްކޮށްފައި ވާތީ އެފަދަ ވޯޓެއް ނަގާ އިރު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕު މެންބަރުން ވޯޓުގައި ބައިވެރިނުވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މިއަދު މެންދުރު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވީ މެންބަރުން ވޯޓު ދެނީ ކޮން ގޮތަކަށް ކަން ނޭނގޭ ގޮތަށް ވޯޓް ނަގާ ކަމުގައިވާ ނަމަ ޕީޕީއެމް "އެވަގުތު ތިބޭނީ މަޖިލީހުން ބޭރުގައި" ކަމަށެވެ.

އަދި ވިދާޅުވީ އޭރުން މަޖިލީހުގެ އެތޭގައި ތިބޭނީ ހަމަ އެ ވޯޓާ އެއްކޮޅަށް ވޯޓު ދޭން ބޭނުންވާ މީހުން ކަމަށާއި ވޯޓުދިން ގޮތް އޭރުން ވެސް ސިއްރުނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ޕާލަމެންޓްރީ ގުރޫޕްގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ރައްޔިތުން މަޖިލީހުގައި ނަގާ ސިއްރު ވޯޓުގައި އަޅުގަނޑުމެން ބައިވެރިއެއް ނުވާނަން. އަޅުގަނޑުމެން ތިބޭނީ ރައްޔިތުން މަޖިލީހުން ބޭރުގައި. މާނައަކީ އެތެރޭގައި ތިބީ ކޮން ބައެއްކަން އެނގޭނެ. ހަމަ ގައިމު ވެސް ޕީޕީއެމް މެންބަރުން އެ ވޯޓު ނުދޭކަން ރައްޔިތުނަށް ސާފް ކޮށްދޭނަން،" މަހްލޫފް ވިދާޅުވި އެވެ.

މަޖިލީހުގައި ނަގާ ވޯޓުތައް ސިއްރުކުރަން ފާސްވުމަކީ އިތުބާރު ނެތް މައްސަލަތައް އެގޮތަށް ފާސް ވުމެއް ނޫން ކަމަށާއި އެގޮތަށް ފާސް ވެގެން ނުދިއުމަށް ޕީޕީއެމް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ވާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

"އިރާދަ ކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ފާހެއް ނުކުރެވޭނެ. އަޅުގަނޑުމެން އެކަމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން. އަދި އިރާދަ ކުރެއްވިއްޔާ މި ރާއްޖޭގައި 2013 ވަނަ އަހަރު އިންތިހާބެއް ބޭއްވެންދެން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާނީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު،" މަހްލޫފް ވިދާޅުވި އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ 41 މެންބަރުން ވޯޓް ދެއްވައިގެންނެވެ. ރިޕޯޓް ފާސް ކުރުމާ ދެކޮޅަށް 34 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. އެ ވޯޓު ސިއްރު ކުރުމަށް އިދިކޮޅު އެމްޑީޕީގެ އިތުރަށް ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ ޑީއާރުޕީ އާއި ޖޭޕީގެ މެންބަރުން ވެސް ވަނީ ވޯޓު ދެއްވައިފަ އެވެ.