ރާޖަޕަކްސާ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ލަންކާ 3-0 އިން ބަލިކޮށް ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ފެށުން ރަނގަޅުކޮށްފި އެވެ.

ހަތަރު ގައުމު ވާދަ ކުރާ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ކެޕްޓަން މާޒިޔާގެ ހަސަން އަދުހަމަ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑު ޖެހީ މާޒިޔާ އާއި ސީނިއާ ގައުމީ ޓީމުގެ ވެސް ފޯވަޑް އަސަދުﷲ އަބުދުﷲ އެވެ. މީގެ ތެރެއިން ފަހު ލަނޑަކީ ޕެނަލްޓީއަކުން އޭނާ ޖެހި ލަނޑެކެވެ. އަނެއް ލަނޑަކީ އަސަދުﷲގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ޖެހި ލަނޑެކެވެ.

މުބާރާތުގައި ރާއްޖެ ބުދަ ދުވަހު ވާދަ ކުރާނީ ޕާކިސްތާނާ ދެކޮޅަށެވެ. ހުކުރު ދުވަހު ގްރޫޕުގެ ފަހު މެޗުގައި ކުޅޭނީ ބަނގްލަދޭޝްއާ އެވެ. މުބާރާތުގެ ފައިނަލަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މިއަދުގެ މެޗާމެދު ރާއްޖޭގެ ޓީމުގެ އޮފިޝަލުން ވަނީ ހިތްހަމަ ޖެހުން ފާޅުކޮށްފަ އެވެ. ހާއްސަކޮށް ޓީމުގެ ކީޕަރު މުހައްމަދު ޝަރުހާނުގެ ކުޅުން ކޯޗު ފާހަގަކޮށްފައިވާއިރު އޭނާ ވަނީ މިއީ މުބާރާތުގެ އެންމެ މުހިންމު މެޗުކަމަށް ފާހަގަކޮށްފަ އެވެ. އެއީ ލަންކާ އަތުން ޒުވާން ލެވެލްގައި ކާމިޔާބު ހޯދުމަކީ މުހިންމު ކަމެއް ކަމަށްބުނެ އެވެ.