20:17


ކ. ހިންމަފުށީ ޕްރީ ސްކޫލްގައި މަސައްކަތް ކުރާ ސެކްރެޓަރީއަކު ކަނޑާލުމާ ގުޅިގެން އަލުން އޭނާ އަށް ވަޒީފާ ދިނުމަށް އަތޮޅު ކައުންސިލަރު އެންގެވި ނަމަވެސް ރަށު ކައުންސިލަރު އޭނާ އަށް ވަޒީފާ ނުދިނުމާއި ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން ހިންމަފުށީ އޮފީސް ބަންދުކުރިޔަނުދީ ބަޔަކު ހިފަހައްޓައިފި އެވެ.


އެ މައްސަލައާ ގުޅިގެން ރަށު އޮފީސް ތެރެއަށް ވަދެތިބި މީހުންގެ ތެރޭގައި ހިމެނޭ އަމީނުއްދީން ރަހްމާން ބުނީ އެކަމަށް ހައްލެއް އަންނަންދެން ރަށު އޮފީސް ކައިރިން ދުރަށް ނުދާނެ ކަމަށެވެ.


ސަންއެފްއެމް ބްރޭކިން ނިއުސްގައި ވާހަކަ ދައްކަމުން އަމީން ބުނީ އެރަށު ޕްރީސްކޫލްގައި ސެކްރެޓަރީއެއްގެ މަގާމުގައި އުޅުނު ފާތިމަތު ޝަޒީ ވަޒީފާއިން ވަކިކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި އޭނާ އަށް ވަޒީފާ ދިނުމަށް އަތޮޅު ކައުންސިލަރު އެންގެވި ނަމަވެސް ރަށު ކައުންސިލަރު އެކަމަށް އިންކާރު ކުރެއްވީ ކަމަށް އަމީން ބުންޏެވެ.


ހިންމަފުށީ ކައުންސިލަރު ފަރުހާދު އިބްރާހިމް ވިދާޅުވީ އެކަން ކޮށްފައި ވަނީ އެ ސުކޫލްގެ ބެލެނިވެރިންނާ ވެސް ވާހަކަ ދެއްކުމަށް ފަހު ކަމަށާއި ނަމަވެސް އޭނާ މަގާމުން ވަކިކުރަން ބެލެނިވެރިން ޚިޔާލު ދީފައިނުވާ ކަމަށެވެ. ކައުންސިލަރު ވިދާޅުވީ ސެކްރެޓަރީ ވަޒީފާއިން ވަކިކުރީ ޕްރީ ސުކޫލް މިހާރަށް ވުރެ ރަނގަޅަށް ހަރުދަނާކޮށް ހިންގުމުގެ ބޭނުމުގައި ކަމަށެވެ. އަދި ވާޒީފާ އަށް ލާފައި ހުރީ އެއްވެސް ޝަރުތެއް ހަމަވާ މީހެއް ނޫން ކަމަށާއި އަދި ވަޒީފާ ދީފައި ވަނީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް އަތޮޅު ވެރިޔާގެ މުއާވިން ހުސެން އަބުދުއްރަހްމާން ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.