މޫސުމަށް އަންނަ ބަދަލުތަކަކީ ޙަޤީޤަތެއް ނޫން ކަމުގައި ބުނާ މީހުންގެ ބޭނުމަކީ، މި މައްސަލައަށް ޙައްލެއް ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބަރލިންގެ ފްރައި ޔުނިވަރސިޓީގައި ތަޤްރީރު ކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ، ޙަޤީޤަތެއްކަން ސައެންސްގެ ހޯދުންތަކުން އެނގެން އެބައޮތް ކަމަށާއި، އެކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމުގައި ވިދާޅުވި އެވެ. އަދި އެކަން ޤަބޫލު ނުކުރުމަކީ ސައެންސުގެ ހޯދުންތަކާ ދެކޮޅުވެރިވުން ކަމުގައި ވިދާޅުވަމުން، މިކަމާމެދު އެއްވެސް ޝައްކެއްއޮތްނަމަ ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖެއަށް ކުރަމުން އަންނަ އަސަރުތަކަށް ބަލާލުމުންވެސް މިކަން ވަރަށް ސާފުވެގެންދާނެކަން ކަމުގައި ވިދާޅުވި އެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކަކީ، ނުރައްކާތެރި ކަންތައްތަކެއް ކަމަށް ޤަބޫލުނުކުރާ މީހުންގެ ސަބަބުން، މިކަމަށް ޙައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫ އަރަމުންދާ ކަމަށާއި، ކޯޕަންހޭގަން ސަމިޓަށްފަހު އަނެއްކާވެސް ދުނިޔޭގައި މިވާހަކަތައް ދެކެވޭ މިންވަރު މަދުވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިމޭރުމުން ތަޤްރީރު ކުރިއަށް ގެންދަވަމުން، ކޯޕަންހޭގަން އެކޯޑް ޙަޤީޤަތަކަށް ހެދުމަށް މަސައްކަތްކުރި ބައެއް ޤައުމުތަކުންވެސް މިހާރު މިކަމަށް މާބޮޑު ސަމާލުކަމެއް ނުދޭކަން އެބަ ފާހަގަކުރެވޭ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ޤާނޫނީ ގޮތުން ލާޒިމުކުރާ އެއްބަސްވުމަކަށް ވީހާވެސް އަވަހަކަށް އާދެވުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މަޝްވަރާތަކަކީ، ދުނިޔޭގެ އެހެނިހެން މަޝްވަރާތަކެކޭ އެއްގޮތަށް ބެލިގެންވާނެ މަޝްވަރާ ތަކަކަށް ވެގެން ނުވާނެ ކަމަށާއި، މިކަމަކީ އަޅުގަނޑުމެން އެންމެންގެވެސް ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި، މިހާރު ބޭނުންވަނީ ވާހަކަތަކަށްވުރެ ބޮޑަށް ޢަމަލީގޮތުން ކަންތައްތަކެއް ކުރެވެމުންދާތަން ފެނުންކަން ބަޔާންކުރެއްވި އެވެ.


ރައީސުލްޖުމްހޫރިއްޔާ މި ކުރެއްވި ތަޤްރީރަށް، ފްރައި ޔުނިވަރސިޓީގެ ވަރަށް ބޮޑު ތަރްޙީބެއް ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.