03 Dec 2012, 16:12
ދިރާގުގެ މައި ހިއްސާދާރު ކަމުގައިވާ އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލަސް އިން ދިރާގުގެ ހިއްސާ ބަހްރެއިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީ އަށް ވިއްކާލަން ނިންމައިފި އެވެ.
ދިރާގުގެ ހެޑް އޮފީހުގައި ނޫސްވެރިންނާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު ވިދާޅުވީ، ކޭބަލް އެންޑް ވަޔަލަސް އިން މޮނާކޯ އެންޑް އައިލެންޑްސްގެ ގިނަ އެސެޓްތައް 680 މިލިއަން ޑޮލަރަށް ބަހްރެއިން ޓެލެކޮމިޔުނިކޭޝަންސް އަށް ވިއްކާލަން ނިންމުމުން އޭގެތެރޭގައި ދިރާގު ވެސް ހިމެނޭ ކަމަށެވެ.
"މިއެއްބަސްވުމުގެ ދަށުން ވިއްކާލެވޭ ކޭބަލް އެންޑް ވަޔަލެސްގެ އެސެޓްސްތަކުގެ ތެރޭގައި ރާއްޖެ އާއި ޗެނެލް އައިލެންޑްސް، އައިލް އޮފް މޭން، ސީޝެލްސް، ސައުތް އެޓްލާންޓިކް އާއި ޑިއެގޯގާސިއާ ގައިވާ ކޭބަލް އެންޑް ވަޔަލެސްގެ ހިއްސާވާ ކުންފުނިތަކުގައިވާ އެކުންފުނީގެ ހުރިހާ ހިއްސާއެއްވޭ،" އިސްމާއިލް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ބަހްރެއިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީން ދިރާގާ ހަވާލުވާގޮތަށް ހަމަޖެހިފައި ވަނީ މިއަންނަ އަހަރު މާޗް މަހުގެ ފަހުކޮޅު ކަމަށާއި އޭގެ ސަބަބުން ދިރާގުގެ ހިންގުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.
ކޭބަލް އެންޑް ވަޔަލެސް އިން ބުނީ އެކުންފުނިން މޮނާކޯ އަދި އައިލެންޑްސްގެ ހިއްސާ ވިއްކާލަން ނިންމީ އެކުންފުނީގެ ސްޓްރެޓެޖީއެއް ކަމަށްވާ ސެންޓްރަލް އެމެރިކާ އާއި ކެރީބިއަން އަށް އަމާޒްކޮށްގެން ކުންފުނި ބައްޓަން ކުރުމަށާއި ކުންފުނީގެ ފައިނޭންޝަލް ފްލެކްސިބިލިޓީ އިތުރުކުރުމަށް ކަމަށެވެ. އޭގެ ތެރޭގައި މޮނާކޯ ޓެލެކޮމްގައިވާ ކޭބަލް އެންޑް ވަޔަލެސްގެ 55 ޕަސެންޓް ހިއްސާ އާއި 25 ޕަސެންޓް ހިއްސާވާ ގޮތަށް ބަލެޓްލްކޯ އާ އެކު ޕާޓްނާޝިޕެއް ހެދުމަށް ވެސް ވަނީ ނިންމާފައިވާ ކަމަށެވެ.
ދިރާގުގެ ހިއްސާ ގަތް ބަހްރެއިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީގެ ޗީފް އެގްޒެކްޓިވް ޝެއިހް މުހައްމަދު ބިން އީސާ އަލް ހަލީފާ ވިދާޅުވީ ދިރާގަކީ ވަރަށް ރަނގަޅަށް މެނޭޖްކުރަމުންދާ ކުންފުއްޏެއް ކަމަށާއި ދިރާގަކީ އިތުރަށް އިންވެސްޓްކޮށް މިހާރަށް ވުރެ ހަރުދަނާކޮށް ފުލާކުރުމަށް ބޭނުންވާ ކުންފުންޏެއް ކަމަށެވެ.
"މިހާރު މިވަނީ މުޅިދުނިޔެއާ ގުޅުން ހުރި މުވާސަލާތީ ވިޔަފާރިއެއް ބިނާކުރުމުގެ މަގުމަތީގައި. ދިވެހި ރާއްޖެއަކީ މީގެ ވަރަށް މުހިންމު ބައެއް. އަޅުގަނޑުމެން މިބަލަނީ މާކެޓް ލީޑާއެއްގެ ގޮތުގައި ދިރާގު އިތުރަށް ކުރިއަރުވައި މިއިން ކޮންމެ ކުންފުއްޏަކާށާއި އެ ކުންފުނިތައް ހިމެނޭ ގައުމުތަކުގެ ކޮމިޔުނިޓީތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން." ބަހްރެއިން ޓެލެކޮމިޔުނިކޭޝަންސްގެ ޗީފް އެގްޒެކްޓިވް ވިދާޅުވި ކަމަށް އެ ކުންފުނީގެ ވެބްސައިޓްގައިވެ އެވެ.
ދިރާގުގެ ހިއްސާ ބަހްރެއިން ޓެލެކޮމިޔުނިކޭޝަންސް އަށް ވިއްކާލަން ނިންމާފައިވާ އިރު އެ ކުންފުންޏަކީ ކިންގްޑަމް އޮފް ބަހްރައިންގައި ފުޅާދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދެމުންދާ އަދި އެ ސަރަހައްދުގެ މުހިންމު މުވާސަލާތީ ކުންފުނިތަކުން އިނޮވޭޝަން އާއި ކަސްޓަމާ އެކްސްޕީރިއެންސްގެ ދާއިރާގައި އަޅާކިޔާ ކުންފުންޏެކެވެ. އަދި އެ ކުންފުނިން އެންމެ ފަހުގެ ފިކްސްޑް އަދި ވަޔަލެސްގެ ހިދުމަތް ބަހްރެއިނާއި ކުވައިތުގެ އިތުރުން ސައުދީއަރަބިއްޔާ އާއި ޖޯޑަން އާއި ޔަމަން އަދި މިސްރަށް ދެ އެވެ.