03 Dec 2012, 15:51
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފައި ވަނިކޮށް އެ ވޯޓު ސިއްރު ނުކުރާގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ. އާމިރު މިއަދު ވިދާޅުވީ އެ މައްސަލަ މިއަދު ހުށަހެޅީ އިތުރުބާރު ނެތްކަމަށް ނަގާ ވޯޓުތައް ސިއްރުކުރުމަކީ އޭނާއަށް ގަބޫލު ކުރެވޭ ކަމަކަށް ނުވާތީ އެވެ.
އިތުބާރުނެތްކަމުގެ ވޯޓުތައް ސިއްރުކުރުމަށް މިއަދު މަޖިލީހުން ފާސްކުރި އިރު އާމިރު ވޯޓުދެެއްވާފައި ވަނީ ވޯޓުތައް ސިއްރު ކުރަން ނުފެންނަ ކަމަށެވެ. އޭނާ އަކީ ވޯޓުތައް ސިއްރުކުރަން އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅި މެންބަރެވެ. ނަމަވެސް އޭނާ ވަނީ އެ މައްސަލަ އަނބުރާ ގެންދަވާފަ އެވެ.
އާމިރު އެ މައްސަލަ އަނބުރާ ގެންދިޔުމުން ދެން އެ މައްސަލަ ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒެވެ. ނަމަވެސް ވޯޓުތައް ސިއްރުކުރަން އޭނާ ހުށަހެޅުއްވި އިސްލާހު ފާސް ނުވުމުން ދެން އެ މައްސަލަ ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްހިމް ރަޝީދެވެ. އޭނާ ހުށަހެޅުއްވިގޮތަށް ވޯޓުތައް ސިއްރުކުރަން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.