03 Dec 2012, 15:44
ސްކޫލްތަކުގެ ބެލެނިވެރިންގެ ޕްރެޝަރާއި ކަންބޮޑުވުންތަކުގެ ސަބަބުން އަވަށު ސްކޫލްތަައް ޕްރައިވެޓަައިޒް ކުރުމަށް ކުރަމުން ގެންދިޔަ މަސައްކަތްތައް ހުއްޓާލައިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ ސްކޫލްތައް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން ފަށައިފައިވާ މަސައްކަތް ހުއްޓާލީ ގަލޮޅު މަދަރުސާ ޕްރައިވެޓައިޒް ކުރުމަށް ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން އެކަމާ މެދު ބެލެނިވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް އަރައިގެން ދިއުމުން ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ހާލެއްގައި ބޭނުމެއް ނުވޭ ރައްޔިތުން ނޭދޭ ގޮތަށް ކަންތައްތަކެއް ތަންފީޒުކުރާކަށް. އެހެން އެމަސައްކަތް މިހުއްޓާލީ ބެލެނިވެރިންގެ ޕްރެޝަރާއި ކަންބޮޑުވުންތަކަށް ބަލައިފައި،" ސުޖާއު ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ އާއްމުންގެ ކަންބޮޑުވުންތަކާ އެކު އެމަސައްކަތްތައް މިވަގުތަށް ހުއްޓާލާފައިވާއިރު އެމަސައްކަތް އިތުރަށް ކުރިއަށް ގެންދާނީ އަންނަ އަހަރު ސްކޫލްތަކުގެ ކަންތައްތައް ބެލުމަށްފަހު އެޑިއުކޭޝަނާއި ސްކޫލްތަކުގެ ބޯޑާއި މަޝްްވަރާކުރުމަށްފަހު ކަމަށެވެ.
އަވަށު ސްކޫލްތައް ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ހުއްޓާލިއިރު ގަލޮޅު މަދަރުސާ ޕްރައިވެޓައިޒް ކުރުމަށް ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން އެސްކޫލްގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އަދި އެމައްސަލާގައި އެސްކޫލުން ވަނީ ރައީސަށް ހުށަހެޅުމަށް ޕެޓިޝަނެއް ވެސް ތައްޔާރުކޮށްފަ އެވެ.
އަވަށު ސްކޫލްތައް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން ފަށައިފައިވާ މަސައްކަތްތަކުގެ ދަށުން ހެންވޭރު ސްކޫލް ތަރައްގީކޮށް ހިންގުން އަމިއްލަ ފަރާތަކާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. ޕްރައިވެޓައިޒް ކުރާ މައްސަލާގައި ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ސްކޫލްތަކުން ނަގަމުން ގެންދިޔަ ފީތައް ޕްރައިވެޓައިޒް ކުރުމުން އަގު ބޮޑުވެގެންދާނެތީ އެވެ.
ނަމަވެސް ސިޓީ ކައުންސިލުން ބުނީ އެސްކޫލްތައް ހިންގުމަށް ހަވާލުކުރާ އެއްބަސްވުމުގައި ވެސް އެފުރުސަތު އެފަރާތްތަކަށް ނޯންނާނެ ކަމަށެވެ.