އެގްރިމަންޓަށް އަމަލުކުރުމުގެ ފުރުސަތު ޖީއެމްއާރަށް ދޭން ސަރުކާރާއި އެމްއޭސީއެލްގެ މައްޗަށް ސިންގަޕޫރުގެ ހައިކޯޓުން ނެރުނު އަމުރު ބާތިލްކުރުމަށް ސަރުކާރުން އެ މައްސަލަ ސިންގަޕޫރުގެ ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.

ސިންގަޕޫރުގައި ހުންނަވައި އާޒިމާ ސަންއޮންލައިންއަށް މިއަދު ވިދާޅުވީ އެ އަމުރުގެ މައްސަލަ އެ ކޯޓުގައި އަވަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން މިއަދު އިސްތިއުނާފުކޮށްފައި ވާނެ ކަމަށާއި މާދަމާ ހެނދުނު 10:00 ޖަހާއިރު އެ މައްސަލައިގެ އަޑުއެހުންތައް ސިންގަޕޫރުގެ ކޯޓުގައި ފެށޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޖީއެމްއާރުގެ ކޮންޓްރެކްޓާ ގުޅިގެން ކުރިމަތިވާ އެއްވެސް މައްސަލައަކީ ފަސޭހަ މައްސަލައަކަށް ނުވާނެ ކަމަށާއި ބަންޑާރަ ނައިބުގެ އޮފީހުގެ ލޯޔަރުންނާއި ސިންގަޕޫރުގެ ލޯޔަރުންވެސް އެ މަސައްކަތުގައި އަވަދި ނެތި އުޅެމުން އަންނަ ކަމަށެވެ.

ސިންގަޕޫރުގެ ހައިކޯޓުގައި ޖީއެމްއާރުން މިދިޔަ ހުކުރު ދުވަހު ދެ އަމުރަކަށް އެދުނެވެ. އެއީ އާބިޓްރޭޝަން ނިމެންދެން ޖީއެމްއާރަށް ސަރުކާރުން ދިން ނޯޓިސްއަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކާއި އެގްރިމަންޓާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުމުގެ އަމުރަކަށެވެ. ނަމަވެސް ސިންގަޕޫރުގެ ހައިކޯޓުން ޖީއެމްއާރަށް ނެރެދީފައިވަނީ އެގްރިމަންޓްގައިވާ ކަންތައްތައް ކުރުމަށް ހުރަސްއެޅުން މަނާކުރާ އަމުރެކެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު ހަސަން ސައީދު މިއަދު ވިދާޅުވީ ސިންގަޕޫރުގެ ކޯޓުގެ އަމުރަކީ ދައުލަތެއްގެ މައްޗަށް ނެރެވޭނެ އަމުރެއް ނޫން ކަމަށާއި އެ އަމުރުނެރުއްވި ފަޑިޔާރު އަމުރު ނެރުއްވާފައިވަނީ ގާނޫނުތައް އެންމެ ރަނގަޅަށް މާނަކޮށްގެން ނޫން ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން ރަނގަޅަށް ގާނޫނު މާނަކުރުމުގެ ފުރުސަތު ހޯދަދޭން އެކަން އަޅުގަނޑުމެން މި އިސްތިއުނާފު ކުރަނީ،" ހަސަން ވިދާޅުވި އެވެ.