ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ އިތުބާރުނެތްކަމަށް ނަގާ ވޯޓުތައް ސިއްރުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފައިވާތީ އެއީ ގާނޫނާއި ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ގާނޫނީ ވަކީލަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު 2:30 އެހާކަންހާއިރު އެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައި ވަނީ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް ކަމަށެވެ. ނަމަވެސް އަދި އެ މައްސަލައާ މެދު ކޯޓުން ވަކިގޮތެއް ނިންމާފައި ނުވާކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވަހީދު މިއަދު ވިދާޅުވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި މެދުހެނވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މައްޗަށް ކުރީގެ މަދަނީ ކޯޓުން 2010 ވަނަ އަހަރު ކުރި ހުކުމަކުން ދަރަންޏެއް ސާބިތުވެފައި ވާއިރު އެ ހުކުމާ އެއްގޮތަށް އެފައިސާ ދައްކާފައި ނުވާކަން ސިވިލް ކޯޓުން މިއަހަރު ކޮށްފައިވާ ހުކުމަކުން ސާބިތުވެފައިވާކަމަށެވެ. އެހެންކަމުން ހުކުމާ އެއްގޮތަށް ދަރަނި އަދާނުކުރާ މީހަކު މެންބަރުކަމުން ވަކިވާނެކަމަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނާތީ އެ ދެ ބޭފުޅުން ވޯޓުދެއްވައިގެން ފާސްކުރި އިސްލާހަކީ ގާނޫނާއި އެއްގޮތް ވޯޓެއްކަމަށް ނުބެލެވޭނެ ކަމަށެެވެ.

އޭނާ ވިދާޅުވީ ދެހާލަތެއް ފިޔަވައި މަޖިލީހުން ކުރަންޖެހޭ ކަންތައްތައް ސިއްރު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގެ 85 ވަނަ މާއްދާގައި ބުނާތީ ވޯޓުތައް ސިއްރުކުރަން ފާސްކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް އާންމު ކޮމެޓީން ފޮނުވި ރިޕޯޓު މިއަދުގެ ޖަލްސާގައި ފާސްވީ 41 މެންބަރުން ވޯޓް ދެއްވައިގެންނެވެ. ރިޕޯޓް ފާސް ކުރުމާ ދެކޮޅަށް 34 މެންބަރުން ވޯޓު ދެއްވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އިތުބާރު ނެތް ކަމުގެ ވޯޓް ފާސް ކުރަން ޖުމްހޫރީ ޕާޓީ އާއި ޑިއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންތަކެއް ވޯޓް ދެއްވި އެވެ.

ވޯޓް ސިއްރު ކުރުމަށް ޑީއާރްޕީން ވޯޓް ދެއްވީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމެވެ.

އެމްޑީޕީގެ މެންބަރުންނާއެކު ވޯޓް ސިއްރު ކުރުމަށް ޖުމްހޫރީ ޕާޓީން ވޯޓް ދެއްވީ ގާސިމް އިބްރާހިމާއި އަބްދުﷲ އަބްދުއްރަހީމެވެ. މިނިވަން މެންބަރުންގެ ތެރެއިން ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވެސް ވޯޓުދެއްވީ ވޯޓު ސިއްރު ކުރުމަށެވެ.