03 Dec 2012, 15:08
ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންްޓްރޯލް ކުރުމަށް ފުލުހަކު މަސައްކަތް ކުރުމުގެ ތެރޭގައި އެ ސައިކަލު ގޮސް މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގައި ޖެހި އެ މީހާ މަރުވި ހާދިސާ ދައްކުވައިދޭ ވީޑިއޯއެއް ލީކްވެއްޖެ އެވެ.
ބައެއް ސޯޝަލް ނެޓް ވޯކްތަކުގައި އާއްމުކޮށްފައިވާ އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޖަސްޓިސް ބިލްޑިންގް ކައިރީގައި ހުރި ފުލުހަކު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ދެ މީހަކު މަޑުކުރުވުމަށް މަސައްކަތް ކުރެ އެވެ. އެގޮތުން އެ ފުލުސް މީހާގެ އިޝާރާތަށް މަޑު ނުކުރުމުން ސައިކަލްގައި ދިޔަ ދެ މީހުންގެ ގައިގާ މުގުރު ބުރިން ޖަހަން އަތް މަޅާތަން ފެނެ އެވެ. އަދި އެވަގުތު ޖަސްޓިސް ބިލްޑިންގެ ކައިރީގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހަކު ޕޭމަންޓް ކައިރިއަށް ޖެހޭތަން ވެސް ފެނެ އެވެ.
އެ ވަގުތު ސައިކަލްގައި ދިޔަ ދެ މީހުން ފުލުސް މީހާގެ ހަމަލައިން ރެކިގަނެގެން ގޮސް ޖަސްޓިސް ބިލްޑިންގް ކައިރީގައި ސައިކަލެއްގައި މަޑުކޮށްގެން އިންނަ މީހެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގަ އެވެ. އެ ވަގުތު އެ ތަނަށް ފުލުހުން ޖިޕެއް އައިތަން ވީޑީއޯ އިން ފެނެ އެވެ.
އެ މައްސަލައާ ގުޅިގެން ކުރިން ފުލުހުން ބުނެފައި ވަނީ އެމީހާ މަރުވީ ބިދޭސީއެއްގެ އަތުން ފޯނެއް ފޯރިގަނެގެން ދިޔަ ބަޔަކު ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، އެމީހުން ދުއްވި ސައިކަލުން ޖެހިގެން ކަމަށެވެ.
http://www.youtube.com/watch?v=bPDRam-6Luk
އެ ދުވަހުގެ ހިނގި އެކްސިޑެންޓަށް ފަހު ހޭނާރާ އޮވެ، ސ. ހިތަދޫ ރަތްފުސްގޭ، އުމުރުން 43 އަހަރުގެ އަބްދުﷲ ގާސިމް އިބްރާހީމްގެ މަރުވީ އެ ހާދިސާގައި އޭނާގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކަށް ލަންކާގެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ގާސިމަކީ މެލީ ކްލިނިކްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އޭނާ މަރުވި އިރު އަށް އަހަރާއި 16 އަހަރުގެ ދެ ކުދިން ތިބެ އެވެ.