ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ޖީއެމްއާރަށް އެއާޕޯޓް އެވޯޑްކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކުރުމުގެ ކުރިން ބަންޑާރަ ނައިބުގެ ގާނޫނީ ލަފައެއް ހޯދާފައި ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒާ ޑރ. ހަސަން ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓްގެ މައްސަލައިގައި ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސްގެ ސްޕެޝަލް އެޑްވައިޒާ، ހަސަން ސައީދު ވިދާޅުވީ ދައުލަތުން ކޮންޓްރެކްޓެއް ކުރުމުގެ ކުރިން ބަންޑާރަ ނައިބުގެ ލަފައެއް ހޯދަން ޖެހޭ ކަމަށާއި ނަމަވެސް އެ ލަފާހޯދާފައި ނުވާތީ އެކަން ތަހުގީގު ކުރާނެ ކަމަށެވެ.

"ފުރަތަމަ ކަމަކަށް އޭރުގެ ސަރުކާރުގެ އިސްވެރިޔާ ރައީސް ނަޝީދު ކޮންޓްރެކްޓްގައި ސޮއިކުރަން ހުއްދަދެއްވީ ކޮންޓްރެކްޓްގައި ސޮއިކުރަން އޭރުގެ ބަންޑާރަ ނައިބުގެ ހުއްދައެއްނެތި. އެފަދަ ލަފައެއްނެތި ދައުލަތުގެ އެއްވެސް ކޮންޓްރެކްޓެއްގައި ސޮއެއް ނުކުރެވޭނެ. އެކަން ނުކޮށް އޮތީ. އަޅުގަނޑުމެން އެކަން ބަލާނެ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖިނާއީ މައްސަލަތަކުގެ ގޮތުގައި އެ މައްސަލައާ ގުޅިގެން ތަހުގީގުކުރާ އެހެން ކަންތައްތަކުގެ ތެރޭގައި އެއާޕޯޓްގެ އެގްރިމަންޓަށް އެމްއޭސީއެލްގެ ހުއްދައެއް ނެތި ބަދަލުތައް ގެނައުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ ސަރުކާރަށް ދައްކާ ފައިސާ އިން އޭޑީސީ މާފުކުރުމަށް ހުއްދަ ދިނުމާއި ފިއުލް ކޮންސެޝަންއިން ސަރުކާރަށް ލިބޭ ފައިސާ މަދުވާނެ ގޮތަށް ޖީއެމްއާރަށް އެ ފައިސާ ދޫކުރުމުގެ ހުއްދަ ދިނުމާއި އަދި ސަރުކާރުން ގެރެންޓީ ދީގެން ޖީއެމްއާރަށް ލޯނު ނެގުމުގެ ހުއްދަ ދީފައިވާ މައްސަލަ އެވެ. ހަސަން ވިދާޅުވީ މަޖިލީހުގެ ހުއްދަ ނެތި ޖީއެމްއާރަށް ލޯނެއް ނަގަން ސަރުކާރަށް ސޮވަރިން ގެރެންޓީއެއް ނުދެވޭނެ ކަމަށެވެ.

"އެ މައްސަލަތަކުގައި ކާކުތޯ ޒިންމާވާން ޖެހެނީ، އެއީ ކާކުގެ އިހުމާލެއްތޯ އަޅުގަނޑުމެން ބަލާނެ. މިއީ ވަރަށް ބޮޑެތި ޖިނާއީ މައްސަލަތައް ވެސް ހިމެނޭ ކަމެއް،" ހަސަން ވިދާޅުވި އެވެ.

ޕްރެސްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވީ ޖީއެމްއާރަށް ކޮންޓްރެކްޓް އެވޯޑްކުރުމުގައި އެފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް އޮންނަ އުސޫލާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް ބަލަމުން އަންނަ ކަމަށެވެ.

"ޕްރޮސީޖަރަލް ބޮޑެތި މައްސަލަތަކެއް މީގައި އެބަހުރި ބްރީޗްކޮށްފައި. އެހެންވެ އަޅުގަނޑުމެން މިބަލަނީ ފުލުހުންނާއި އޭސީސީގެ ތަހުގީގުން މިކަންކަން ވަރަށް އަވަހަށް ހާމަވާނޭ ކަމަށް. އެކަންކަމުގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑުމެން ފިޔަވަޅު އަޅާނަން،" ޖަމީލް ވިދާޅުވި އެވެ.

އެއާޕޯޓް ހަވާލުކުރުމުގައި ޖިނާއީ މައްސަލަތަކެއް ހުރިކަމަށް ބުނެ އެ މައްސަލަތައް ބަލައިދިނުމަށް މީގެ ކުރިން ވެސް އެމްއޭސީއެލް އިން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. ކޮންސެޝަންފީން 27 ޑޮލަރުގެ ކެޑުމުގެ ހުއްދަ ޖީއެމްއާރަށް ދީފައި ވަނީ އެމްއޭސީއެލްގެ ޗެއާމަނަކަށް ހުންނެވި ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) އެވެ. އަދި ފިއުލް ކޮންސެޝަންފީ މާފުކޮށްދިނުމަށް ހުއްދަ ދޫކޮށްފައި ވަނީ، ކުރީގެ ފިނޭންސް މިނިސްޓަރު މުހަންމަދު ޝިހާބެވެ. އެ މައްސަލަތަކުގެ ތެރެއިން ކުޑަ ބަންދޭ ފޮނުއްވި ސިޓީ ބާތިލް ކުރަން ސިވިލްކޯޓަށް އެމްއޭސީއެލް އިން ވަނީ މައްސަލަ ވެސް ވައްދައިފަ އެވެ.

ސަރުކާރުން މިހާރު ނިންމާފައި ވަނީ ޖީއެމްއާރަށް ދީފައި އޮތް ހަތް ދުވަހުގެ ނޯޓިސްއަށް އަމަލުކޮށް އެ ނޯޓިސް އަށް އަމަލުކުރުން ފަސްކުރަން ސިންގަޕޫރުގެ ހައިކޯޓުން ނެރުނު އަމުރު އެ ކޯޓުގައި އިސްތިއުނާފުކުރުމަށެވެ.