ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް އާންމު ކޮމެޓީން ފޮނުވި ރިޕޯޓު ފާސްވީ 41 މެންބަރުން ވޯޓް ދެއްވައިގެންނެވެ. ރިޕޯޓް ފާސް ކުރުމާ ދެކޮޅަށް 34 މެންބަރުން ދެއްވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އިތުބާރު ނެތް ކަމުގެ ވޯޓް ފާސް ކުރަން ޖުމްހޫރީ ޕާޓީއާއި ޑިއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންތަކެއް ވޯޓް ދެއްވި އެވެ.

ވޯޓް ސިއްރު ކުރުމަށް ޑީއާރްޕީން ވޯޓް ދެއްވީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް ވެސް ވޯޓު ދެއްވި އެވެ.

އެމްޑީޕީގެ މެންބަރުންނާއެކު ވޯޓް ސިއްރު ކުރުމަށްޖުމްހޫރީ ޕާޓީން ވޯޓް ދެއްވީ ގާސިމް އިބްރާހިމާއި އަބްދުﷲ އަބްދުއްރަހީމެވެ. މިނިވަން މެންބަރުންގެ ތެރެއިން ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު މަޖިލީހުގައި ނެގި ވޯޓުގައި އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަށް ސިއްރު ކުރަން ވޯޓަށް އެހުމުން އެދުވަހުގެ ޖަލްސާ އިން އެ އިސްލާހުފާހެއް ނުވި އެވެ. ޖަލްސާ އަށް ހާޒިރުވި ޖަލްސާ އަށް ހާޒިރުވި 75 މެންބަރުންގެ ތެރެއިން 39 މެންބަރުން ވޯޓް ދެއްވީ އެ އެ އިސްލާހު ފާސް ނުކުރުމަށެވެ. އަދި ރިޕޯޓް ފާސް ކުރަން ފެންނަ ކަމަށް 34 މެންބަރުން ވޯޓް ދެއްވި އިރު، ވަކިކޮޅަކަށް ވޯޓް ނުދެއްވާ ދެ މެންބަރަކު އެ ދުވަހު އިންނެވި އެވެ.

ޑީއާރްޕީ އާއި ޖޭޕީން ވޯޓު ދީގެން އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރަން ފާސްކުރި އިރު، އިއްޔެ ވަނީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާ ދެ ބޭފުޅުން ބައްދަލު ކުރައްވައި މަޖިލީހުގެ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.